އިސްލާމްދީނަށް ފުރައްސާރަކުރި މެލޭޝިއާ މީހަކު 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކު 10 އަހަރަށް ޖަލަށް ލާން މެލޭޝިއާއިން ވަނީ ހުކުމްކޮށްފައި -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (މާޗް 10): އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މެލޭޝިއާ މީހަކު 10 އަހަރަށާއި 10 މަހަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ސަބަބުން މެލޭޝިއާ މީހަކަށް ދިން އެންމެ ހަރުކަށި އަދަބެވެ.

އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް މުހައްމަދު ފުޒީ ހާރޫން ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފާޑުކީ މީހާ ވަނީ ދީނާ ހިލާފު އަމަލުތައް ކުރި ކަމުގެ 10 ދައުވާއަށާއި މުވާސަލާތީ ހިދުމަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަށް އިއުތިރާފުވެފަ އެވެ.

އަދި އެމީހާގެ އިތުރުން ތިން މީހެއްގެ މައްޗަށް ވަނީ ދީނަށް ފުރައްސާރަ ކުރި ކަމުގެ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ބާކީ ދެ މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މެލޭޝިއާގެ ގާނޫނު އަސާސީގައިވާ ގޮތުން އެފަދަ އިސްލާމް ދީނާ ހިލާފު ވާހަކަ ދައްކާ މީހުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. އަދި މުވާސަލާތީ ހިދުމަތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ މީހުން އެއް އަހަރަށް ޖަލަށް ލާން ހުކުމްކޮށް، 12،200 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

މެލޭޝިއާގެ ދީނީ މިނިސްޓަރު މުޖާހިދު ޔޫސުފް ރަވާ ވަނީ އެގައުމުން އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރާ މައްސަލަތައް ބަލަން ހާއްސަ ޔުނިޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް