ސިއްހީ ނިޒާމު އިސްލާހު ނުކުރެވުމުން ފިންލޭންޑުގެ ސަރުކާރު އިސްތިއުފާ ދީފި

ފިންލޭންޑުގެ ބޮޑުވަޒީރު ޔޫހާ ސިޕިލާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ -- ފޮޓޯ: ރޮއިޓާސް

ހެލްސިންކީ (މާޗް 9): ފިންލޭންޑުގެ ސިއްހީ ނިޒާމަށް ގެންނަން ވައުދުވި އިސްލާހުތައް ނުގެނެވުމުން އެގައުމުގެ ބޮޑުވަޒީރާއި މުޅި ކެބިނެޓު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

"އަޅުގަނޑުގެ ސަރުކާރުން މަސައްކަތް ކުރަނީ 'ނަތީޖާ ހޯދުން ނުވަތަ އިސްތިއުފާ ދިނުމުގެ' އުސޫލުން... ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނަމަ އެޒިންމާ ނަގަން ޖެހޭނެ،" ބޮޑުވަޒީރު ޔޫހާ ސިޕިލާ ވިދާޅުވިއެވެ.

ފިންލޭންޑުގެ ރައީސް ވަނީ ސިޕިލާގެ އިސްތިއުފާ ގަބޫލު ކުރައްވާފައެވެ. ނަމަވެސް އާ ކެބިނެޓެއް އައްޔަން ކުރެވެން ދެން ވެރިކަމުގައި ހުންނެވުމަށް އެދިވަޑައިގެންފައެވެ. ފިންލޭންޑުގައި އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބަށް ފަހު އެގައުމުގައި އާ ސަރުކާރެއް ގާއިމުކުރާނެއެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެކޭ އެއްގޮތަށް، ފިންލޭންޑުގެ އާބާދީގައިވެސް ޒުވާނުންނަށް ވުރެ ދުވަސްވީ މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އޭގެ ސަބަބުން ގައުމުގެ ވެލްފެޔާ ނިޒާމަށް ހަރަދު ކުރާ މިންވަރުވެސް ދަނީ ބޮޑުވަމުންނެވެ.

ފިންލޭންޑުގައި ފާއިތުވި 12 އަހަރުތެރޭ ވެރިކަން ކުރި ސަރުކާރުތަކުންވެސް ވަނީ އެގައުމުގެ ވެލްފެޔާ ނިޒާމަށް އިސްލާހުތައް ގެންނަން މަސައްކަތްކޮށް، ނާކާމިިޔާބުވެފައެވެ.

ފިންލޭންޑުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2029 ވަނަ އަހަރު އެގައުމުން ސިއްހީ ފަރުވާއަށް ހޭދަ ކުރާ މިންވަރު 21.3 ބިލިއަނަށް އަރާނެއެވެ. ނަމަވެސް ސިޕިލާގެ ސަރުކާރުން އަމާޒު ކުރީ އެގައުމުން ސިއްހީ ފަރުވާއަށް ހޭދަކުރާ މިންވަރު ކުރިއަށް އޮތް އަހަރުތަކުގައި މަދު ކުރަމުންގޮސް، 2029ގައި އެހިދުމަތަށް ހޭދަ ކުރާ މިންވަރު 18.3 ބިލިއަނަށް ކުޑަ ކުރުމަށެވެ.

ނަމަވެސް ފިންލޭންޑުގެ ޕާލިމެންޓުގެ ދުސްތޫރީ ކޮމިޓީން ވަނީ ސިޕިލާގެ ސަރުކާރުން ހުށަހެޅި އިސްލާހުތަކުގައި ގާނޫނާ ހިލާފު މާއްދާތަކެއް ހިމެނޭ ކަމަށާއި އަންނަ މަހު ބާއްވާ އިންތިހާބުގެ ކުރިން އެއިސްލާހުތައް ނުގެނެވޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް