"ހުރިންހޭ؟" ފަހީމަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އިޒިއަންގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައިރު އިތުރަށް ރުޅިގަދަވުން ނޫން ކަމެއް ފަހީމަކަށް ނުކުރެވުނެވެ.

ފަހީމްގެ ރުޅިވެރިކަން ފެނި އިޒިއަންއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަހީމް އެހާ ރުޅިއައިސްފައި ހުއްޓާ އޭނާއަށް މީގެ ކުރިން ދުވަހަކުވެސް ނުފެނެއެވެ. އަނެއްކޮޅުން މަންމަ ރޮނީއެވެ. ކިނާން މަންމަ މަސަލަސް ކުރަން އުޅުނުއިރު ޝަޒްނާއާއި އަހްސަން ވެސް މަޑުކޮށްލައިގެން ތިއްބެވެ. އެ ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ.

ތެދަށް ޖަވާބު ދޭނެހާ ހިތްވަރު ނެތުމާއެކު އިޒިއަން ދެފަރާތަށް މަޑުމަޑުން ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ޓީވީއަށް ނަޒަރު ހުއްޓާލުމާއެކު ރޭގައިވީ ކަންތައް އަނެއްކާ ލޯ ކުރިމަތިން ސިފަވެގެން ދިޔައެވެ. އެއާއެކު އޭނާގެ ނަފްސު ހަރުކަށިވެގެން ދިޔައެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާ ޔަޤީންކަން ކުޑަވެ ލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ.

އިތުރަށް އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް އެކަމަށް ފުރުސަތު ނުދީ ފަހީމް ވާހަކަ ދެއްކިއެވެ.

"ހެޔޮ ދެން، މިހާރު މާމައްޗަށް ދަނީ! ދެން ނޭނގޭ ކޮން އިރަކު ކަމެއް އެ ކަހަލަ ކަމެއްގައި ބައިވެރިވާނީ، ހަމަ މިހާރު ދޭ، ކޮޓަރިއަށް ގޮސް ތައްޔާރުވޭ..... ވީ އެންމެ އަވަހަކަށް މިތަނުން ފުރަން ތައްޔާރުވޭ. މި ތަނުގައި ތިބެގެން އިތުރަށް ކަލޭ ހަލާކު ވާނީ... ހަމަމިހާރު ދޭ..." ސިޑިއާ ދިމާލަށް އިޝާރާތް ކޮށްލަމުން ފަހީމް ބުނެލިއެވެ. އިޒިއަންގެ ސަބަބުން އޭނާއަށް ވެސް ލިބިފައިވަނީ ބަޔާން ކުރަން ދަތި ހިތްދަތިކަމަކާއި ރުޅިވެރިކަމެވެ.

އިޒިއަން އިސްޖަހާލައިގެން ހުރެ ހިނގައިގަތް އިރު ފަހީމަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އިޒިއަން ގޮސް ލޯ މަތިން ގެއްލުމާއެކު ފަހީމް އަކްނިޒާ ގާތަށް ޖެހިލިއެވެ. ކިނާން ވެސް އަކްނިޒާއަށް ބަލާލާ ބޯ ޖަހާލީ ހުރިހާކަމެއް ރަނގަޅު ވާނޭ ބުނަމުންނެވެ. އޭގެ އަނެއް ދުވަހު އެ އާއިލާ ރާއްޖޭން ބޭރަށް ފުރީ އިޒިއަންއަށް ފަރުވާ ދީ ހަމަމަގަށް އެޅުވުމުގެ މާތް މަޤުސަދުގައެވެ. ބޭނުންވީ އޭނާގެ އެއްވެސް އެކުވެރިއަކަށް ވެސް ނުފެންނަ ހިސާބަށް ގެންދާށެވެ.

*****

އާދުވަހަކަށް އިރު އަރައިފިއެވެ. އުޑުމަތި ސާފުދުވަހެކެވެ. މަދު މަދުން އުނޑުމަތީގައި ހަރަކާތް ތެރިވަމުންދިޔަ ވިލާކޮޅުތައްވެސް ހީވަނީ އެމީހުންގެ ސަކަރާތުގައ ބައިވެރިކުރަން އިތުރު ބައެއް ހޯދަން އުޅެނީ ހެންނެވެ.

ތަނާހާގެ މިސްރާބުހުރީ ހަތް ބުރީގެ އިމާރާތަކަށެވެ. އެ އިމާރާތުގެ ތެރެއަށް ވަދެގެން ގޮސް އޭނާ ލިފްޓުން ހަތަރުވަނަ ބުރިއަށް އެރިއެވެ. އަދި ގޭގެ ދޮރުގައި އިން ބެލް އަޅާލިއެވެ. އެއާއެކު ލަސްތަކެއް ނުކޮށް ދޮރު ހުޅުވާލިއެވެ. އެވަގުތު ކުރިމަތީ ހުރި އަންހެން ކުއްޖާ ފެނިގެން އޭނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެފައި ގޮސް ބައްދައިގަނެވުނެވެ.

"އޭތް ތަންނީ ހާދަ ޗޭންޗް އޭ" ޒަހްވާއަށް ބުނެވުނެވެ. އޭނާގެ އަޑުގައިވެސް ވަނީ އުފާވެރިކަމެވެ.

"ހޫމް، ޒަހޫ ވެސް ވިހެއި ފަހުން އަދި ހީވޭ މާ ލޯބިހެން... ކޮބާތަ ބޭބީ؟" ތަނާހާ ގޭތެރެއަށް ވަންނަމުން ސުވާލުކުރިއެވެ.

"އަދި ހޭ ނުލާ، މާން ވެސް ނިދާފަ، އޭނާ އަހަރެންނަށް ވުރެ ދޯޅީ މާން އާ ވިއްޔަ" ޒަހްވާ ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. ޒަހްވާގެ އަޑުން އޭނާއަށް ފަރުވާ ކުޑަކަން ފާހަގަ ވިނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ.

ޒަހްވާ އާއި ތަނާހާ އަކީ އެންމެ ކުޑައިރުއްސުވެސް އެއްކޮށް އުޅެ ބޮޑުވި ދެ ރަޙްމަތްތެރިންނަށް ވުމާއެކު އަދިވެސް އެ ދެމެދުގައި ވަރުގަދަ ގުޅުމެއް ވެއެވެ. ރާއްޖޭން ބޭރުގައި އެތަކެއް އަހަރެއް ހޭދަކުރެވުނު ކަމުގައި ވިނަމަވެސް އަބަދުވެސް ދެމީހުން ދެމީހުންގެ ހާލު ބަލާ ހަދައެވެ. ބަރާބަރަށް އެކަކު އަނެކަކާ އެކުވެރިކަން ބާއްވައެވެ.

ސޯފާތަކާ އަރާ ހަމަވެފައި ޒަހްވާ ތަނާހާ ގާތު އިށީންނަން ބުނެލިއެވެ. ތަނާހާ ހިނިތުންވެލަމުން ގޭތެރެއަށް ނަޒަރެއްދިނެވެ. ގޭތެރޭގައި އިތުރު އެއްވެސް މީހެއް ނޫޅެއެވެ.

"އެކަކުވެސް ނޫޅޭނެ، އެނގެއެއްނު؟ ބުނެވުނު ހަނދާންވޭ ވަކިންކަން އަހަރެމެން އުޅެނީ" ޒަހްވާ ބުނެލުމާއެކު ތަނާހާ ހަނދާންތެތުނީއޭ ބުނެލިއެވެ.

އޭނާގެ ދަބަސް ތެރެއިން ޕާރުސަލް ކޮށްފައިވާ ފޮއްޓެއް ނަގާ ޒަހްވާއަށް ދިނެވެ. އަދި އޭނާގެ ފަރާތުން ގެނައި ހަދިޔާ ކަމަށް ބުނެލިއެވެ. ޒަހްވާ ޝުކުރު އަދާކުރިއެވެ. އެތައް ދުވަހަކަށްފަހު ދެމީހުން ދިމާވުމުން ދައްކާނެ ބައިވަރު ވާހަކަ ހުއްޓެވެ. ތަނާހާ އޭނާ ކިޔަވަން ރާއްޖޭން ބޭރުގައި އުޅުނު އިރުގެ ބައެއް ވާހަކަތަށް ވެސް ޒަހްވާ އާ ހިއްސާކުރިއެވެ.

"އޭތް ބުނީމެއްނު ވަރަށް ސަޅި ކުއްޖެއް ފެނިގެން އުޅުނު ވާހަކަ، ކޮބާ އެ ކުއްޖާ މިހާރު؟ އެކަން ވިތަ؟" ޒަހްވާ ވެސް ކަމެއް ހަނދާން ވާ ފަދައަކުން އަހާލިއެވެ.

"ނޫނޭ. އެކަން ކިހިނެތްވާނީ. އޭނަ މީހަކާވެސް އިނދެއްޖެ. ދެން އެވާހަކަ އެހަށް ބާއްވަމާ" ތަނާހާ ކުޑަކޮށް އިސްޖަހާލަމުން ބުނެލި ގޮތުން އޭނާ މިވަގުތު އެހާ އެވާހަކަ ދައްކަން ގަޔާނުވާކަން ޒަހްވާއަށް އެނގުނެވެ. އެހެންކަމުން އޭނާ ވެސް އެވާހަކަ އެހަށް މަޑުޖައްސާލިއެވެ. އެދުވަހު ތަނާހާ ގެއަށް ދިޔައީ އެތައް އިރަކު ޒަހްވާ އާއި ވާހަކަ ދައްކާލަން އިނދެފައެވެ.

ދުވަސްތައް ހަފްތާތަކަށް ބަދަލުވެ ހަލުވިކަމާއެކު ވަގުތުތަށް ފާއިތުވަމުން ދެއެވެ. ތަނާހާގެ ހިތުގައި އިޒިއަންއާ މެދު އުފެދިފައިވާ އިޙްސާސްގެ ސަބަބުން އޭނާއަށް އަނާލްއާ މެދު ހަސަދަ ވެވެމުން ދިޔައެވެ. އިޒިއަން އަނާލްއާ މެދު ބަހައްޓާ އޯގާތެރިކަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އަނާލްއަށް ނަފްރަތުގެ ހުޅުރޯވަމުން ދިޔައެވެ. އާއެކެވެ. ނަފްރަތަކީ އިންސާނާގެ ހަލާކުގެ ފެށުމެވެ. ބައެއްފަހަރު އަނެކާއާ ދެމެދު ވެވޭ ނަފްރަތުގެ ސަބަބުން ތިމާގެ އަމިއްލަ ހިތުގެ މުރާދު ހާސިލް ކުރުމަށް ކިތަންމެ ދަށު ދަރަޖައަކަށް ވެއްޓެން ވެސް އިންސާނާ ފަހެއްނުޖެހޭނެއެވެ. ތިމާ ބޭނުންވާ ކަންތައް ކޮންމެ ގޮތަކުން ވެސް ހާސިލް ކުރުމަކީ ބައެއް އިންސާނުންގެ ގައިގައި ހިފާފައި ހުންނަ ގޯސް އާދައެކެވެ.

ހަވީރުގެ ވަގުތެވެ. ޒަހްވާ އާއި ތަނާހާ ތިބީ ރެންޓޯރެންޓެއްގައެވެ. އޭރު ދެމީހުންނާ ދިމާލުގައި ވެސް އާވި އަރައަރާ ހުރި ދެ ކޮފީ ތަށި ހުއްޓެވެ. ފަހަރަކު މީހަކު އިރުއިރު ކޮޅަކާ އޭގެން ކޮފީ ކޯވަރެއް ބޯލައެވެ.

ޒަހްވާ އޭނާގެ ފޯނަށް ނޮޓިފިކޭޝަން އެއް އައުމާއެކު ފޯން ނަގާ ބަލާލިއެވެ. އޭނާ އުޅޭ ވައިބާރ ގްރޫޕަކުން ފޮނުވާފައިވާ މެސެޖެކެވެ. އެމެސެޖް ކިޔާލުމާއެކު އޭނާގެ ދެ ބުމަ ގޮށްޖެހިގެން ދިޔައެވެ. އަދި ދަތް ކުނޑި ވިކިގެން ދިޔައެވެ.

"މަ ހާދަ ފޫހިވާ އަންހެނެކޭ..." ޒަހްވާއަށް އައި ރުޅީގައި ތަންކޮޅެއް ބާރަށް ބުނެވުނެވެ. އޭރު އޭނާގެ ދެބުމަ ވަނީ ހިސާބަކަށް ގޮށްޖެހިފައެވެ.

"އަނެއްކާ ކާކު؟" ތަނާހާ ލޯ ހަނިކޮށްލަމުން ސުވާލުކޮށްލިއެވެ. ޒަހްވާގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ތަނާހާ ޝައުގުވެރިވިއެވެ.

"މާ މޮޅު ކަމަށް ހެދިގެން މިއުޅޭ އަނާލް ދެން އެ ނޫން ކާކު؟ ހީވަނީ އޭނަ ނޫން މީހަކު މުޅި މި ދުނިޔޭގަވެސް ނެތް ހެން، މާ ސަކްސެލް ފުލް މީހެކޯ ހުވާ... ތަނަކުން ރީތި ފިރިހެނެއް ފެންނަ އިރަށް އަތު އަޅުވާލަން ފޯރި އެއްހުންނަ އަންހެނެއް..." ޒަހްވާ ފޯނު މޭޒުމަތީ ބާއްވަމުން ބުނެލިއެވެ.

ޒަހްވާގެ ވާހަކައިން ތަނާހާއަށް ހައިރާންކަން ވެރިވިއެވެ. ޒަހްވާ އާއި އަނާލްއާ ދެމެދު އަނެއްކާ ނަފްރަތުކަމެއް އޮތީހެއްޔެވެ؟ އެހެންނަމަވެސް ކީއްވެހެއްޔެވެ؟. މޫނުމައްޗަށް ވެރިވަމުން ދިޔަ އަސަރުތައް ފޮރުވަމުން ތަނާހާ ވާހަކަ ދައްކަން ފެށިއެވެ.

"އެހެންތަ؟ މަވެސް ވަރަށް ފޫހިވާ އަންހެނެއް، މަ އޭނަ ދެކެ ފޫހިވާ ވަރަށް ބޮޑު ސަބަބެއް އެބައޮތް... އެކަމަކު ޒަހޫ އޭނަ ދެކެ ރުޅި ތި އަންނަނީ އަނެއްކާ ކިހިނެތް ވެގެން؟" ތަނާހާ ޒަހްވާއަށް ފުން ނަޒަރެއް ދިނެވެ. ޒަހްވާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. އަދި ތަނާހާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އޭނާ ކޮފީތަށިން ކޯވަރެއް ދަމާލިއެވެ.

"މަ މިއުޅެނީ އޭނަ އިންނަން އުޅުނު ފިރހެނާ އާ އިނދެގެން، ރުޅިއައުމަށް މި ވަރު ފުދެއެއް ނޫންތަ؟" ޒަހްވާ ކޮފީތަށި ބަހައްޓަމުން ބުނެލިއެވެ.

ކާކާ؟ ޒަހޫ މެރީ ކުރީ ކޮންމެވެސް މާން އަކާ ކަން މަށަށް އެނގެނީ... އެ އަނާލް އުޅުނު އިންނަން ކޮންމެވެސް ޔުމާ... ޔުމާން އަކާ" ވާހަކަ ދައްކަ ދައްކާ އިން ތަނާހާއަށް ލިބުނު ސިހުމާއެކު ބާރަށް ބުނެވުނެވެ. ޔުމާންގެ ނަން ބުނެވުމާއެކު އޭނާގެ ސިކުނޑީގައި ކޮންމެވެސް ހަނދާނެއް ކޮށްޓާލީއެވެ.

"ޔުމާން ދޯ!" އޭނާ ޔަގީން ކުރުމުގެ ގޮތުން ޒަހްވާއަށް ދޯ ދިނެވެ.

"އާނ..... ޔުމާން" ޒަހްވާ ބުނެލިއެވެ.

"ބައިދަވޭ ކީއްވެޔޯ ތަންނި އޭނަ ދެކެ ރުޅި އަންނަނީ؟" ޒަހްވާ ވެސް ޝައުގުވެރިވިއެވެ. އޭނާ އާއި އަނާލްއާ ދެމެދު ވީ ރުޅިވެރިކަމުގެ ސަބަބު ބުނެވިއްޖެއެވެ. ތަނާހާ އާއި އަނާލް އާއި އޮތް ގުޅުން އެނގެން އޭނާ ބޭނުންވިއެވެ.

ޒަހްވާ ސުވާލުކުރުމާއެކު ތަނާހާ އޭނާ އާއި އަނާލްއާ ދެމެދު އޮތް ގުޅުމާ އޭނާ އަނާލް ދެކެ ރުޅި އަންނަ ސަބަބު ހާމަ ކޮށްލިއެވެ. އެގޮތުން އެންމެ ކުރިއްސުރެ އަނާލް ކިޔެވުމަށާއި އެހެން ހުރިހާ ކަމެއްގައި ވެސް އޭނާއަށް ވުރެ ކުރީގައި އުޅުމަކީ އޭނާ އެންމެ އަނާލްއަށް ނަފްރަތު ކުރާ ސަބަބު ކަމުގައި ބުނެލިއެވެ. އަނެއްކޮޅުން އޭނާގެ ހިތުގެ ވެރިޔާ އިޒިއަންއާ އިނދެގެން އަނާލް އުޅޭ ކަމީ އޭނާގެ ނަފްރަތުގެ ހުޅުގަނޑަށް ޕެޓްރޯލް އެޅުން ފަދަ ކަމެއްކަމަށް ތަނާހާ ބުނެލިއެވެ.

"އެއީ އަހަރެން އޭރު ބުނި ބޯއީ އަކީ، އިޒިއަން، އޭނަ ޖަހައިގަތީ އަނާލް" ތަނާހާގެ ނިތަށް ރޫތައް ގިނަވިއެވެ.

"ހޫން، ހާދަ ފޫއްސޭ... ތަނެއްގަ ފިރިހެނަކު ހުރިއްޔާ ޖަހައިގަންނަން ދަންނާނެ، މަގޭ ޔުމާން ވެސް ކިރިޔާ ސަލާމަތްވެފަ އެހުރީ އެ ހަންޑި ކައިރިން... މަ ދެންތަ އައިޑިއާއެއް؟" ޒަހްވާ އޭނާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ. އޭރު އޭނާގެ ސިކުނޑީގައި މޮޅު ރޭވުމެއް ރާވަމުން ދިޔައެވެ.

އެދުވަހު ޒަހްވާ އާއެކު ހެދުނު ޑީލް އާ އެއްގޮތަށް އިޒިއަން އާއި އަނާލް އާ ދެމެދު ނުތަނަވަސްކަމެއް އުފެއްދޭތޯ ތަނާހާ މަސައްކަތް ކުރަމުންދިޔައެވެ. ތަނާހާ ރުޅިގަދަވަނީ އެފަދަ ފުރުސަތެއް އޭނާއަށް ނުލިބޭތީއެވެ.

*****

ދީމް ސިޑިން މައްޗަށް އެރީ ރަކީން ދަމުން ޖިދާ ގޮވައޭ ބުނުމުންނެވެ. ރަކީންވެސް ކޮންމެވެސް މުހިންމު ކަމަކު ބޭރަށް ދާން ޖެހުނީއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އޭނާ ގޮސް އަފާޒު މެން ކޮޓަރިއާ ހިސާބަށް އެރިއެވެ. ޖިދާ މެން އުޅޭ ކޮޓަރިއާ ހިސާބަށް ދެވެނީ އެ ކޮޓަރި ގިރާކުރުމަށް ފަހުއެވެ. ދީމްއަށް މަޑުޖެހިލެވުނީ އަފާޒު އާއި ޝަފޫން އާއި ކޮންމެވެސް ކަމަކު ދެބަސްވާތީއެވެ.

ސިއްރުން މަންމަ އާއި ބައްޕަ އާ ދެމީހުން ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވިޔަސް އޭނާ މިފަހަރު އެ ހިތް އެދުނު ގޮތަށް ކަންތައް ކުރިއެވެ. އޭނާގެ ނަސީބުވެސް ރަނގަޅީއެވެ. ކޮޓަރީގެ ދޮރު ރަނގަޅަށް ނުލެއްޕި ހުރުމުގެ ސަބަބުން ސާފުކޮށް އޭނާއަށް އެ އަޑު އިވެމުން ދިޔައެވެ.

"އަހަރެން ނޫނީ ދީމް، އަފާޒު... އަހަރެން އަންބެއްގެ ގޮތުގައި ބަހައްޓަން ބޭނުންވަންޏާ އާދޭސް ކޮށްފަ މި ބުނަނީ ދީމް އަހަރެންގެ ލޯ މަތިން ފޮނުވާލަދީ..." ޝަފޫން ބުނި އަޑު އިވުނެވެ.

"އެކަމަކު ކޮންތާކަށްތަ؟ ޝަފޫން... ދީމްއަކީ އަހަރެމެން ދެމީހުންގެ ދަރިއެކޭ... އަހަރެން ނަކަށް ނުކެރޭނެ ދީމްގެ އެއްވެސް ކުށެއްނެތި ފޮނުވާލާކަށް، އެއްފަހަރުވެސް ފިނި ހިތަކުން ވިސްނާލާފަ ދީމްއާ ދޭތެރޭ ހިތް ހެޔޮ ކޮށްބަލަ... އަހަރެންނަށް ދީމްއާ ދޭތެރޭ ހިތްހެޔޮ ކުރެވޭ އިރު ކީއްވެ ޝަފޫންއަށް ނުވާންވީ؟ އެންމެ ކުޑަމިނުން އެ ކުއްޖާ ފުޅަށް ހަގީގަތް އެނގެނީއެއްނޫން. ދީމް ވެސް ދެރަވާނޭ....." އަފާޒު ބެލީ ޝަފޫންއަށް ވިސްނައިދީ އެ ނިންމުން ބަދަލް ކުރެވޭތޯއެވެ.

"ހެވޭ މި ބުނީނު... ދީމް ނޫނީ އަހަރެން" ޝަފޫންގެ އަޑު އަނެއްކާވެސް އިވިލިއެވެ. އެ އަޑުވެސް މިފަހަރު އެހެން ފަހަރުތަކަށް ވުރެ ބާރެވެ.

"އަހަރެންގެ ހިތް ދުވަހަކުވެސް ދީމްއަށް ހެވެއްނުވާނެ!....." ޝަފޫން ދެންވެސް ބުނެލިއެވެ. އަފާޒު ދައްކާ ވާހަކަ އަޑު އެހުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތެވެ.

ދީމްގެ ލޮލަށް ކަރުނަތައް ޖަމާވެ ތާޒާ ކަރުނައިން އެ ކޯތާފަތް ތެމެމުން ދިޔައެވެ. އޭރު އޭނާގެ ހިތުގެ ތެޅުން ވެސް ވަނީ އާދަޔާ ހިލާފަށް ބާރުވެފައެވެ. ޝަފޫންގެ އަނގައިން އޭނާ އާ ދިމާލަށް އެ ބޭރުކުރަމުންދާ ވިހަގަދަ ބަސްތަކުގެ ސަބަބުން އެ ހިތަށް ފުން އަސަރުތަކެއް ކޮށްފިއެވެ. އެތަނުގައި ހުންނަން ކެތްނުވެގެން ދީމް ދާން ވެގެން ކުރިއަށް އެއްފިޔަވަޅު އަޅާލި ވަގުތު އިވުނު ބަސްތަކުން އޭނާގެ ދެފައިން ވާގި ދޫވެ ނުވެއްޓުނީ ކިރިއާއެވެ. ކަންފަތަށް އިވުނީ ހަޤީގަތް ބާއޭ އޭނާގެ ހިތަށް އެރީ ކިތައް ފަހަރު ކަމެއް ނޭގެއެވެ. މޭގައި އުފެދުނު ރިހުމާއެކު ދީމްއަށް މޭގައި އަތް އަޅާލަމުން ހިންދިރުވާލެވުނެވެ. އަނގަމަތީގައި އަތް އަޅާލީ ބާރަށް ރޮވިދާނެތީއެވެ. އިވުނު ހަޤީގަތުގެ ސަބަބުން ދީމްގެ ހިތް އެކީ ކުދި ކުދި ވެއްޖެއެވެ. އިތުރަށް އެތަނުގައި ހުންނަން ކެތް ނުކުރެވުމުން އޭނާ ދާން ވެގެން އަނެއްކާވެސް އެނބުރުނެވެ. އެއާއެކު އެތަނުގައި ބަހައްޓާފައި ހުރި ދިގު މޭޒު މަތީގައި ހުރި ވާޒް ގައި ޖެހި ވެއްޓި ތަޅައިގެން ހިނގައްޖެއެވެ. ދީމްއަށް ޖެހި ބުދެއްހެން ތަޅައިގެންދިޔަ އެތި ކޮޅުތަކަށް ބަލަހައްޓައިގެން ހުރެވުނެވެ. މިހާރު އެއީ އޭނާގެ ހިތުގެވެސް ހާލެވެ. އެ ހިތުގެ އެތި ކޮޅުތަށް ވެސް ވަނީ ބުރައިގެން ގޮހެވެ. ތެރަސްލާ ތަތް ކުރިނަމަވެސް އޭގައި އެ އެޅި ރެނދު ހުންނާނީ ތާޒާކޮށެވެ.

އަފާޒު އާއި ޝަފޫންއަށް އެކަކު އަނެކަކަށް ބަލާލެވުމާއެކު އެނދުން ތެދުވެވުނެވެ. އަފާޒު ބާރު ފިޔަވަޅުތަކުގައި ގޮސް ދޮރު ރީތިކޮށް ހުޅުވާލިއެވެ. އަދި ދެކޮޅު ހޯދާލަމުން ބޭރަށް ބޯދިއްކޮށްލިއެވެ. އެއްފަރާތުގައި ހުރި ދީމް އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ދީމްއަށް ގޮވާލެވުނެވެ. ދެ ފިޔަވަޅު ދީމްއާ ގާތަށް އަޅާލިނަމަވެސް ދީމް އަތުން މަޑު ކުރުމަށް އިޝާރާތް ކޮށްލުމާއެކު އޭނާއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ދީމްގެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ދެންމެ ދެއްކި ހުރިހާ ވާހަކައެއްވެސް ދީމްއަށް އެނގިއްޖެކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.

"ދީމް! އަޑު އަހާބަލަ" އަފާޒު ދީމް އާ ދިމާލަށް ހިނގައިގަތެވެ. ދީމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. މޫނުމައްޗަށް ގެނައި އަސަރުތަކާއެކު ދީމް މިފަހަރުވެސް އަފާޒު އާ ދިމާލަށް ބަލާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

"އެއްވެސް އެއްޗެއް ބޭނުމެއް ނޫން އަޑު އަހާކަށް" ތުރުތުރު އަޅަމުން ދިޔަ އަޑުން ދީމް ބުނުމާއެކެ އަފާޒުއަށް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލެވުނެވެ. ދީމްއަށް ބަލާލުމުން އެކަނިވެސް އެހިތަށް ކޮށްފައިވަނީ ކޮންފަދަ އަސަރެއްކަން އަފާޒުއަށް ފަހުމް ވެގެން ދިޔައެވެ.

"ހުރިހާ އެންމެން ވެސް އަހަރެންނަށް އޮޅުވާލީ" ދީމް ނޫނެކޭ ބުނަމުން ސިޑިއާ ދިމާލަށް ދުއްވައިގަތެވެ.

"ދީމް...." ދީމްއަށް ގޮވަމުން އަފާޒުވެސް ސިޑިން ފޭބިއިރު އޭނާގެ ފަހަތުން ޝަފޫންވެސް ނުކުތެވެ. އޭރު އޭނާގެ މޫނުމަތިންވެސް ވެސް ފެންނަމުން ދިޔައީ މީގެކުރިން ނުފެންނަ ފަދަ ޝުއޫރުތަކެކެވެ. އެހެންނަމަވެސް އަފާޒުގެ ފަހަތުން އިތުރަށް ކުރިއަށް ދިޔުމުގެ ހިޔާލެއް އޭނާގެ ނެތެވެ. އެހެންކަމުން އަނބުރާ ގޮސް ކޮޓަރިއަށް ވަނީއެވެ.

"ކިހިނެތްވީ؟" ގޭތެރޭގައި އަޑު ގަދަވެގެން އައްމާރު އާއި މަޒާޔާ ދެމީހުން ވެސް އަތުވެއްޖެއެވެ. ޝާހީންވެސް ގޭގައި އުޅޭ ވަގުތަކަށް ވުމާއެކު އޭނާވެސް ތިރިއަށް އަތުވެއްޖެއެވެ. ޖިދާވެސް މަޑު މަޑުން ސިޑިން ފައިބަނީއެވެ.

"ކިހިނެތްވީ އަފާޒު؟" އައްމާރުގެ ލޮލުގައި ގޭގެ މައި ދޮރުން ނުކުތް ދީމް އަޅައިގަތުމާއެކު ކަންތައްތައް ވަރަށް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. ކޮންމެވެސް ބޮޑުކަމެއް ހިނގައިފިކަން އެނގުމާއެކު އައްމާރުގެ މޫނުމަތިން ވެސް ހިސާބެއްގެ ހާސްކަމެއް ފެންނަމުން ދިޔައެވެ.

"ދީމްއަށް... ދީމްއަށް ހަގީގަތް.... ހަގީގަތް އެނގުނީ.... " އަފާޒު އިސް ޖަހާލަމުން ޖަވާބުދިނެވެ. އޭރު އޭނާގެ އަޑުގައި ވެސް ހިސާބެއްގެ ތުރުތުރުއެޅުމެއް ވިއެވެ. އެހެންކަމުން އަޑު އައީވެސް ކިރިއަ ކިރިއާއެވެ. މަޒާޔާއަށް ވެސް ލިބުނީ ހިސާބެއްގެ ހައިރާންކަމަކާއި ނުތަނަވަސްކަމެކެވެ. އަފާޒު ހާސްވެފައ ހުރިވަރު ފެނި އައްމާރު އާއި މަޒާޔާވެސް ބޭނުންވީ އިހަށް އަފާޒު ހަމައަކަށް އަޅުވާށެވެ. މިހާ ދުވަސް ވީއިރު ސިއްރުކުރި ހަޤީގަތް އެނގުމުން ދީމްއަށް ވާނެ ގޮތްވެސް އެމީހުންނަށް އަންދާޒާ ކުރެވެއެވެ.

"އަފާޒު ކަންބޮޑުނުވޭ، ދީމް މިވަގުތު އެހެން ކަންތައް ކުރީ ކަންތައް ކުރާނެ ރަނގަޅު ގޮތެއް ނޭނގޭތީ. ހަމަޖެހުނީމަ ދީމް އަންނާނެ. ހަގީގަތް އެނގުމަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެ." އަފާޒު އިސްޖަހާލުމާއެކު އައްމާރު އައިސް އަފާޒުގެ ކޮނޑުގައި ޖަހާލަމުން ވާހަކަދެއްކިއެވެ.

"ދީމްއަށް އަދި ވިސްނޭނެ، ކުއްލިއަކަށް އެފަދަ ހަޤީގަތަކާ ކުރިމަތިލާނީ ކިހިނެތްކަމެއް ދީމްއަށް ނޭނގުނީ... ކުޑަވަރެއްގެ ޝޮކެއްގަ މިވަގުތު ދީމް ހުންނާނީ... " އަފާޒުއަށް ބަލާލަމުން މަޒާޔާވެސް ވާހަކަ ދެއްކިއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެކެވެ. ޝާހީން ވެސް ހުރީ ވާނުވާ ނޭނގިފައެވެ. އޭރު ޖިދާވެސް އައިސް އެތަނުގައި މަޑުކޮށްލިއެވެ. ޖިދާއާއި ޝާހީން އެކަކު އަނެކަކަށް ބަލާލީ އެތަނުގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އެމީހުންނަށް ނޭނގޭތީއެވެ.

އިރުއޮއްސި ރޭގަނޑުއަތަށް އެޅިފަހުން ދުނިޔެމަތިން ވިއްސާރައިގެ އަސަރު ފެނިލިއެވެ. ވައިވެސް ކޮންމެވެސް ވަރަކަށް ގަދަވަމުން ދިޔައެވެ.

"ދީމް އެއް ނަޔެއްނު އަދިވެސް ގުޅޭތޯ ބަލާބަލަ" އަފާޒުއަށް ބަލާލުމާއެކު މަޒާޔާ ވާހަކަ ދެއްކިއިރު އެ އަޑުގައި ކަންބޮޑުވުންވިއެވެ. ވީގޮތް މާ ރަނގަޅަށް ނޭގުނަސް ޝާހީން އާއި ޖިދާ ވެސް ތިބީ ކަންބޮޑުވެފައެވެ. އަބަދުވެސް ވާ ކަމެއް ވަނީ ދީމް އާއި ޝަފޫން އާއި ދެމެދުގައެވެ. އެހެންނަމަވެސް މިފަހަރު އަފާޒުއާ ދީމްއާ ދެމެދު ހަމަނުޖެހުމެއް ހިނގުމުން އެ ދެމީހުންވެސް ލިބިފައިވަނީ ހައިރާންކަމެކެވެ.

"ވިއްސާރަވެސް ވަނީ.. ދީމް އަޅެ ކޮންތާކަށްތަ ދާނީ؟ ގުޅީމުތަ ކިނާންއަށް؟ ކީކޭ ބުނީ" އައްމާރުއަށް ވެސް ފައްޗަކަށް ސުވާލުތައް އަމުނާލެވުނެވެ.

"އޭރު ގުޅީމަ ބުނި ދީމް އެއް ނާދެޔޭ" އަފާޒު ބުނެލިއެވެ.

"އަދި އެއްފަހަރު ގުޅާފަ ވީގޮތް ކިނާންއަށް ކިޔައިދީބަލަ، ބުނޭ ދީމް ގޭން ނުކުމެގެން ދިޔަ ވާހަކަ، ހަޤީގަތް ފަހުން ކިޔައިދެވިދާނެ... އެކަމަކު މިހާރު މުހިންމީ ދީމްގެ ރައްކާތެރިކަން" މަޒާޔާ ވާހަކަ ދައްކަމުން ދިޔަ އިރު މީގެ އަހަރުތަކެއް ކުރިން އަނާލްއަށް ދިމާވި ހާދިސާގެ މަތިން އޭނާ ހަނދާނެއް ނުނެތެއެވެ. ކަންބޮޑުވަނީ އެހެންވެއެވެ. އަމިއްލަ ބަނޑުން އުފަންވި ދަރިއަކަށް ނުވިޔަސް ދީމް އާމެދު އެ ހިތުގައިވެސް ވަނީ ދަރިކުލުނެވެ.

ކިނާންއަށް ގުޅާފައި އަފާޒު ކުޑަ ގޮތަކަށް ދީމް ގެއިން ނުކުމެގެން ދިޔަ ވާހަކަ ކިޔައިދިނެވެ. އެއާއެކު ކިނާން ލަސްނުކޮށް ދީމްއަށް ގުޅޭތޯ ބެލިއެވެ. ލިބެނީ އެއްޖަވާބެކެވެ. ފޯން ނިއްވާލާފައިވާ ހަބަރެވެ.

އޭނާ ހާސްވެފައި ހުރެ އަނާލް އާއި އިޒިއަން އާ ވެސް އެވާހަކަ ހިއްސާކޮއްލިއެވެ. އަދި ލަސްނުކޮށް ކާރަށް އަރާ ނުކުތީ ދީމް ފެނޭތޯ މާލޭގެ މަގުތަކުގައި އަތް ފުނާ އަޅާށެވެ. ޕޮލިހަށް މައްސަލަ ބަލައިގަންނާނީ ސައްވިސް ގަޑިއިރު ފަހުން ކަމަށް ވުމާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކިނާން ކުރަން އަވަސްވެގަތެވެ.

ކާރުގައި މަގުތަށް ބަލަމުން ދިޔައިރު މަގުމަތީގައި މީހުން މަދެވެ. އޭރު ކެރީގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ކުރަމުން ދިޔައެވެ. ހިނދެއް ހިނދަކަށް ވާރޭ ބޯ ކުރަމުން ދިޔައެވެ. ކިނާން އެއްގަޑިއިރު މާލޭގެ އެކި މަގުތަކުގައި ދުއްވިއެވެ. މިހާރުވެސް އޭނާ އެދަނީ ބޭރު މަގުގައި ދުއްވަމުންނެވެ. ދީމް ދާނެހެން ހީވާ ހުރިހާ ތަނެއް އޭނާ ބެލިއެވެ. އެހެންނަމަވެސް ދީމް އެއް ނުފެނުނެވެ. ހިސާބެއްގެ މާޔޫސް ކަމެއް ވެރިވުމާއެކު ލިބޭނެ ޖަވާބު އިނގުނުނަމަވެސް ކިނާންއަށް އިރުއިރު ކޮޅަކާ ދީމްއަށް ގުޅާލެވެއެވެ.

އެއީ ކިނާން ބޭރުމަގުން ދުއްވަމުން ދިޔަ ތިންވަނަ ފަހަރެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ހިނގަމުން ދިޔަ އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކު ދީމްގެ ނަން އެ ދުލުން ބޭރުވެގެން ދިޔައެވެ.

ކާރު މަގުގެ އެއްފަރާތުގައި ޕާރކް ކޮށްލަމުން އޭނާ ދުވެލާފައި ގޮސް އެ އަންހެން ކުއްޖާގެ އަތުގައި ހިފާ އަނބުރުވާލިއެވެ.

"ދުރަށްދޭ!" ކިނާންގެ އަތް ފޮޅުވާލި ދީމް ހުރި ގޮތުން ކިނާންއަށް ދީމްއާ ގާތަށް ފިޔަވަޅެއް އަޅާލެވުނެވެ.

"ދީމް ކިހިނެތްވީ؟" ކިނާން އޯގާތެރިކަމާއެކު އެހާލިއެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި އެ ދެ ޒުވާނުން ނޫން މީހަކު އެ ހިސާބުގަނޑުން ފެންނާކަށް ނެތެވެ. ދުއްވާއެއްޗެއް ވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ.

"ދީމް ކިހިނެތްވީ" ހާސްކަން އެކުލެވިގެންވީ އަޑަކުން ކިނާންއަށް އަހާލެވުނެވެ.

"ނާނު... އެމީހުން އުޅެނީ އަހަރެން ފޮނުވާލަން. ހާދަ ގޯހޭ އެންމެން..." ދީމްއަށް ކިނާންގެ މޭގައި ޖަހާލެވުނެވެ. ނަފްސަށް ވެރިވެފައިވާ އުދާސްކަން ކުޑަކުރާނޭ އިތުރު ގޮތެއް އޭނާއަކަށް ނުފެނުނެވެ. މަދަދަށް އެދޭ ހާލު އޭނާއަށް ކިނާންއާ ދިމާލަށް ބަލާލެވުނެވެ. އަދި ހުރިތަނަށް ތިރިވެވުނީ ކޮޅަށް ހުންނާނޭހާ ހިތްވަރު ނުލިބުމުންނެވެ. އެވަގުތު ދީމް ހުރީ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އެހާ އަވަހަށް ބަލިކަށިވީ އެހެންވެއެވެ.

ދީމް އާ ދިމާލުގައި ކިނާން ވެސް އިށީނެވެ. އަދި ދީމްގެ މޫނުގައި ހިފާ ވާހަކަ ދެއްކިއެވެ. ވީ ގޮތް ނޭގުނުކަމުގައި ވިނަމަވެސް ދީމް ގެ ހިތަށް ކޮށްފައިވަނީ ކޮންފަދަ އަސަރެއްކަން ކުޑަކޮށް އޭނާގެ ހިތަށް ވެސް ތަސައްވަރު ކުރެވުނެވެ.

ދީމް ގެނެސް އެމޭގައި ޖައްސާލުމާއެކު ވާރޭގެ ތެރެއިންވެސް ދީމްގެ ހޫނު ކަރުނަތަށް އޭނާއަށް އިޙްސާސް ކުރެވުނެވެ. ދީމް ގެގާތުން ވެގެން އުޅޭ ގޮތް އޮޅުން ފިލުވަން ކިތަންމެ ބޭނުންވިޔަސް ތަނާ، ހާލަތުގެ ގޮތުން އެކަން އެހަށް މަޑު ޖައްސާލަމުން އޭނާ ދީމް ހަމައަކަށް އަޅުވަން މަސއްކަތް ކުރިއެވެ.

"ހުއްޓާލާ ދީމް... މީ މަގުމަތި، ހިނގާދާން... ދީމް މެން ގެއަށް ދާން ބޭނުން ނުވަންޏާ އަހަރެމެން ގެއަށް ވިޔަސް ހިނގާ" ކިނާން ދީމް އޭނާގެ ގަޔާ ދުރުކޮށްލަމުން ބުނެލިއެވެ. ދީމް ގެނެސް ކާރަށް އަރުވަމުން އަނެއްފަރާތުން ގޮސް އޭނާ ވެސް ކާރަށް އަރާ ދުއްވާލިއެވެ.

ދީމް އިރު އިރު ކޮޅަކާ ނޭފަތް ދަމާލައެވެ. ބޭރު ބަލަހައްޓައިގެން އިންއިރު ޝަފޫންގެ ބަސްތައް އަދިވެސް އޭނާގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ.

ޝަފޫންގެ ޖުމްލަތައް ދީމްގެ ކަންފަތުގައި ގުގުމަން ފެށުމާއެކު ކަންފަތްމަތީގައި އަތް އަޅާލަމުން ނޫނެކޭ ބުނެވުނެވެ. ކިނާން ދީމްގެ އަތުގައި ހިފާލިއެވެ. އޭނާ ކާރު މަޑުޖައްސާލަމުން ދީމްގެ އަތް ކަންފަތުން ނައްޓުވާލިއެވެ.

"ކިހިނެތްވީ ދީމް" ދީމްއަށް ވެފައި އިން ގޮތުން ކިނާން ވަނީ ނުހަނު ހާސްވެފައެވެ. ދީމްގެ އަމަލުތައް ހުރި ގޮތުން އޭނާ ކަންބޮޑުވިއެވެ. އަނެއްކާވެސް ސުވާލުކޮށްލެވުނެވެ. ކިނާންއަށް ބަލާލުމާއެކު ދީމް ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއިރި މަޑު ގިސްލުމެއް ކާރުތެރެއަށް ވެރިވެގެން ހިނގައްޖެއެވެ.

"ދީމް!" ކިނާން ދީމްގެ މޫނުމަތީގައި އަޅާފައިވާ އަތް ނައްޓައިލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ދީމްއަށް ބަލަހައްޓައިގެން ހަދަންވީ ގޮތެއް ނޭގި އިންދާ އޭނާ ސިހުނީ ދީމް ދެން ބުނެލި ޖުމްލައިންނެވެ.

(ނުނިމޭ...)

https://sun.mv/116306

comment ކޮމެންޓް