ތަޖުރިބާކާރު ޑިފެންޑަރު ލިލީވެސް މާޒިޔާއަށް

ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާއަށް ސޮއެ ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ސޮއި ކޮށްފި އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި ޓީސީ އަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ލިލީ އަކީ މިއަހަރުގެ ސީޒަނަށް މާޒިޔާ ސްޕޯޓްސް ވަރުގަދަ ކުރުމަށް އެ ޓީމަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ.

ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާއަށް ސޮއެ ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

އުމުރުން 20 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ކުޅެން ފެށި ލިލީ ފުރަތަމައިން ވެސް ފެނިގެން ދިއައީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމު ކަމަަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސްއިންނެވެ. އޭނާ އެ ކުލަބުގައި ހަތް އަހަރު މަޑު ކުރުމަށްފަހު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗު ކަމުގައި އޮތް ޓީސީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނަށެވެ.

ލިލީ އަނބުރާ ނިއުރޭޑިއަންޓަށް ބަދަލުވީ 2017 ވަނަ އަހަރުއެވެ. ޑިފެންސްގެ ހުރިހާ މަގާމަކަށް ކުޅެފައިވާ ލިލީ ވަނީ ނިއުރޭޑިއަންޓުން 2013 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ހޯދެން ހުރ ހުރިހާ ތައްޓެއް ކާމިޔާބު ކުރި އިރު މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.

ލިލީ ވަނީ ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމަށް ވެސް ކުޅެދީފައެވެ. އަދި އޭނާ އަންނަނީ އޭނަގެ އަމިއްލަ ރަށް ކަމަށްވާ ޅ. ހިންނަވުގައި ފުޓުބޯޅަ އެކެޑެމީއެއް ހިންގަމުންނެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރު މާޒިޔާ ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި މުހައްމަދު އިރުފާން (އިރޭ) ވަނީ މި ސީޒަނުގައިވެސް އެ ޓީމުގައި މަޑުކުރުމަށް ނިންމާފައެވެ.

މުހައްމަދު އިރުފާން (އިރޭ) މާޒިޔާގެ އެއްބަސްވުން އާ ކުރުމުގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

އިރޭ ވަނީ 2014 ވަނަ އަހަރު ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމުގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކާފައެވެ.

ހަލަބޮލި ވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލު ކުރަމުންނެވެ. އެގޮތުން މާޒިޔާއިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއި ކުރުވަމުންނެވެ.

އެގޮތުން ޓީސީއާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހުސައިން ނިހާން (ނިހާޓް) ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެއެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފައެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއި ކޮށްފައެވެ. މީގެ އިތުރުން ވެސް ކުރީ އަހަރުގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން އަދިވެސް ކުލަބުގެ ކޮންޓްރެެކްޓް އައު ކޮށްފައެެއް ނުވެއެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗު ކަމާ ހަވާލުވުމަށް އެއްބަސް ވެފައެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލު ވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެއެވެ.

comment ކޮމެންޓް