ސިޔާސީ ހަޔާތް ފެށީ ނ. އަތޮޅު ރައްޔިތުންގެ ތަކުލީފްތަކަށް ނިމުމެއް ގެނައުމަށް: މައުރޫފް

ކުރިއަށް އޮތް މަޖިލިސް އިންތިހާބްގެ ކެމްޕެއިން ފެށުމުގެ ގޮތުން ނ، ކެނދިޅުދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކެނދިކުޅުދޫއަށް ވަޑައިގަތުމުން އެ ރަށުން މައުރޫފަށް މަރުހަބާ ދަންނަވަނީ ---

ސިޔާސީ ހަޔާތް ފެށީ ނ. އަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އަނދަގޫ ތަކުލީފްތަކަށް ނިމުމެއް ގެނައުމަށް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑިއޭގެ ނައިބް ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ނ. ކެނދިކުޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުން އޭނާ މަޖިލީހަށް ހޮވައި ދެއްވައި ހަވާލު ކުރި ޒިންމާ ވަރަށް ފުރިހަމަ ގޮތެއްގައި އަދާކޮށްފައިވާނެ ކަމަށެވެ. އަދި އެކަން އެ ދާއިރާގެ ރައްޔިތުން އުފަލާ އެކު ބަލައިގަންނަ ކަން ވެސް މައުރޫފް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ފެށިގެން އައީ ނ. އަތޮޅުގެ ރައްޔިތުންނަށް ހުރި ތަކުލީފުތަކާއި އުނދަގޫތައް ނ. އަތޮޅަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތައް ތަހައްމަލްތައް އެކަންތައްތަކަށް ނިމުމެއް ގެނައުމަށްޓަކައި،" ކުރިއަށް މަޖިލިސް އިންތިހާބްގައި ކެނދިކުޅުދޫ ދާއިރާއަށް ވާދަކުރާ މައުރޫފް ވިދާޅުވި އެވެ.

އެންމެ ފުރަތަމަ މަޖިލީހަށް ކުރިމަތި ލެއްވުމުން އެ ދައިރާއަށް ކުރިމަތިވެފައިވާ ދަތިތައް ރައްޔިތުން ކިޔައި ދެއްވި ކަން މައުރޫފް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިއަދު ވެސް އެ އަޑުތައް ކަންފަތުގައި ހަރުލާފައި އެބަހުރި ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބްގެ ކެމްޕެއިން ފެށުމުގެ ގޮތުން ނ، ކެނދިޅުދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކެނދިކުޅުދޫގައި މިއަދު ބޭއްވި ރަސްޔިއްޔާތުގައި މައުރޫފް ވާހަކަދައްކަވަނީ ----

"އަޅުގަނޑުގެ އުފަލަކަށްޓަކައި ނުވަތަ އަޅުގަނޑުގެ އާއިލާގެ ސަބަބަކަށްޓަކައެއް ނޫން ތިބޭފުޅުން އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އައްޔަނުކުރީކީ. އަޅުގަނޑު މިއަދު ބުނެލަން ބޭނުމީ ނ. އަތޮޅަށްޓަކައި އަޅުގަނޑުވީ ގުރުބާނީ ތިބޭފުޅުން މިއަދު ހެކިވާނެ އޭ،" ކެނދިކުޅުދޫ ދާއިރާގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވި ހަފްލާގައި މައުރޫފް ވިދާޅުވި އެވެ.

އެގޮތުން 800 އަހަރު ނ. އަތޮޅަށް ނާންނަވަރުގެ ތަރައްގީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އެ އަތޮޅަށް އައިސްފައިވާ ކަން މައުރޫފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ނ. އަތޮޅުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށެވެ.

ނ. އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް މީގެ ކުރިން ވެފައި އޮތީ އެ އަތޮޅުގައި ރަނގަޅު ފެންވަރުގެ އެއާޕޯޓެއް ނެތް މައްސަލަ ކަމަށް އަލީ މައުރޫފް ވިދާޅުވި އެވެ. ނަމަވެސް އެތައް ސަރުކާރަކަށް ހައްލު ނުކޮށްދެވުނު އެ މައްސަލަ ހައްލު ކޮށްދެއްވައި މާފަރު އެއާޕޯޓް އެޅުމަށް އެންމެ ބޮޑު ގުރުބާނީއެއްވި އެކަކީ އޭނާ ކަން ނ. އަތޮޅު ރައްޔިތުން ހެކިވާނެ ކަން މައުރޫފް ފާހަގަ ކުރެއްވި އެވެ.

"މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ ރާއްޖޭގައި މާލޭ އެއާޕޯޓް ފިޔަވައި ރާއްޖޭގައި އެޅޭ އެންމެ ފުރިހަމަ އެންމެ ބޮޑު އެއާޕޯޓް އިންޓަނޭޝަނަލް މާފަރު އެއާޕޯޓް އެދަނީ ހުޅުވިގެން. ތިބޭފުޅުންނަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވިގެން ދާނެ. ތިބޭފުޅުންނަށް މާލީ ގޮތުން އެތައް ކުރިއެރުމެއް ލިބިގެން ދާނެ. ތިބޭފުޅުންގެ ދަތުރުތައް އަވަސް ވެގެން ދާނެ. ތިބޭފުޅުންގެ ތަކުލީފްތައް ލުއިވެގެން ދާނެ. މިއީ އަޅުގަނޑަށް ލިބޭ އުފަލަކީ،" މައުރޫފް ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާނީ މުޅި ގައުމާއި ގައުމުގެ މަސްލަހަތަށްޓަކައި ކަން މައުރޫފް ފާހަގަކުރެއްވި އެވެ. ނ. އަތޮޅުގައި އެއްވެސް ރަށެއް އިސްތިސްނާ ކުރިމެއްނެތި ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެކަންތައްތަކަށް މިއަދު ހައްލު ހޯދިފައިވާ ކަން މައުރޫފް ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް