ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ސަރުކާރުން ނިންމެވި ނިންމުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންވެސް އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީން ދިނުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަ ކުރެއްވީ، އަންހެނުންގެ ދުވަހާއި ގުޅުވައިގެން މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ދޭ ރެހެންދި އެވޯޑު ދިނުމަށް އިއްޔެ ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިވަން މުއައްސަސާއެއް ކަމަށްވާ ޕީޖީ އޮފީހުން މިއަދު ބުނީ ރައީސް ސޯލިހުގެ ނިންމުމަށް ތާއީދުކުރުމުގެ ގޮތުން އެ އޮފީހުންވެސް ސަރުކާރުގެ ނިންމި އުސޫލުގެ ދަށުން އަމަލު ކުރަން ނިންމާފައިވާ ކަމަށެެވެ.
އެ އޮފީހުން މުވައްޒަފުންގެ ތެރެއިން 55 ޕަސެންޓު މުވައްޒަފުންނަކީ އަންހެނުންކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، މިއަދު ނިންމި ނިންމުމުގެ އަމާޒަކީ އަންހެނުން ބާރުވެރި ކުރުވައި، ތަފާތުތައް ނައްތާލައި ހަމަހަމަކަން ގާއިމް ކުރުން ކަމަށެވެ.
ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ދޭން ޕީޖީ އޮފީހުން ނިންމާފައިވާ އިރު ބައެއް ސަރުކާރު ކުންފުނިތަކުންވެސް ވަނީ އެ އުސޫލުން އަމަލު ކުރަން ނިންމާފައިވަކަން ހާމަކޮށްފަ އެވެ. އެގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ވަނީ އެގޮތަށް އަމަލު ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.