އޭރުވެސް، މިހާރުވެސް، ދެންވެސް ބޭނުންވަނީ ހަމަހަމަކަން!

ގައުމީ ފުޓުބޯޅަ ދަނޑުގައި އޮތް ފުޓުބޯޅަ މެޗެއްގެ ސަޕޯޓަރުންތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މުޅި އަހަރަށް ދިގު ދެމިގެންދާގޮތަށް ދުނިޔޭގައި މި ދުވަސް ފާހަގަކުރަން ނިންމާފައިވާއިރު މިފަހަރުގެ ތީމްއަކީ "ބެެލެންސް ފޯ ބެޓާ"އެވެ.

އެކި ދާއިރާތަކާއި އެކި ސިނާއަތްތަކަށް ބަލާލާއިރުވެސް އަންހެނުންނާއި ފިރހެނުންނާއި ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. އަދި ފަހަކަށް އައިސް މި ތަފާތުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު، އަސްލު ދާން ބޭނުންވާ މިސްރާބާއި ހަމައަށް ދިއުމަށް ކުރަންޖެހޭ ދަތުރު އަދިވެސް ވަރަށް ދިގެވެ.

'ބެލެންސް ފޯ ބެޓާ"އިން ގޮވާލަނީ މި ތަފާތުތައް މަދުކޮށް އަދި ހަމަހަމަ މާހައުލެއް އަންހެނުންނަށް ގާއިމްވެގެންދިއުމެވެ. އަންހެނުންގެ އަޑުއަހާ އަޑު އިއްވޭނެ ގޮތް ފަހިކޮށްދިނުމެވެ. އެމީހުންގެ ޚިޔާލާއި މަޝްވަރާ އިސްފަންތިތަކުގައިވެސް އިވި، ޑިޒިޝަން މޭކިން ލެވެލްގައި ޔަގީންވެގެންދިއުމެވެ. މުޅި މުޖްތަމައުއިންވެސް އަންހެނުން ބަލައިގަނެ އެމީހުންނަށް ރައްކާތެރި ދުޅަހެޔޮ ވެއްޓެއް ބިނާވެގެންދިއުމެވެ.

ރާއްޖޭގެ 2014 ވަނަ އަހަރުގެ ބޯ ހިމެނުމުން ދައްކާގޮތުން އާބާދީގެ 43 އިންސައްތައަކީ އަންހެނުންނެވެ. ކުރިން ނެތްވަރުގެ ގިނަ ފުރުސަތުތަކެއް މިއަދު އަންހެނުންނަށް ފަހިވެފައި ހުރުމަކީ އުފަލެކެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށްޓަކައި ކުރިމަތިވެފައިވާ ގޮންޖެހުންތައް މާ ގިނައެވެ.

ޑޭކެއާގެ ޚިދުމަތްތައް ރާއްޖޭގައި ގިނަ ކުރަން ޖެހެއެވެ. އަންހެނުންނަށް އާމްދަނީ ހޯދޭނޭ ފަދަ ގޮތްތަކެއް ފަހިވާންޖެހެއެވެ. އާއިލާ ބިނާކުރުމުގައި އަންހެނުންނާއި އެއްވަރަށް ފިރިހެނުންގެ ޒިންމާވެސް އިތުރުކުރަންޖެހެއެވެ. މަތީ ތައުލީމާއި، ވަޒީފާގެ މާހައުލުގައި މިންތީގަ ހަމަހަމަކަން ގާއިމްކުރަންޖެހެއެވެ.

އީކުއަލިޓީއަށް ވުރެ މިއަދު މުހިންމީ އިކުއިޓީ އެވެ. ކޮންމެ މީހަކީ ތަފާތު މީހަކަށްވާއިރު، އެމީހެއްގެ ގާބިލްކަމާއި، ޝައުގުވެރިކަން ހުރި މިންވަރަކުން އެމީހަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ މިއަދު އަހަރެމެންގެ ޒިންމާއެވެ.

ބޭނުންވަނީ އެންމެންގެ އެއްބާރުލުމެވެ. އެންމެންގެ ހިތްވަރެވެ.

comment ކޮމެންޓް