ޕާޓީތަކުން ހޮވޭ މެމްބަރުންނަށް ރައްޔިތުންނާ މަޝްވަރާކުރުމުގެ ފުރުސަތެއް ނޯވޭ: ފާރިސް

ހަފްލާއަށް ފަހު ބައްޕާފުޅު ރައީސް މައުމޫނާއި ދަރިކަރުން ފާރިސް މައުމޫން ފޮޓޯ އަކަށް ހުއްޓީލައިގެން -- ފޮޓޯ/ އެމްއާރުއެމް

ސިޔާސީ ޕާޓީތަކުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުންންނާ ރައްޔިތުންނާ މަޝްވަރާކުރުމުގެ ފުރުސަތު ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަކަށް މިފަހަރު ފާރިސް ވާދަކުރައްވަނީ މައްޗަންގޯޅި އުތުރު ދާއިރާއަށް، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ތާއީދާއެކު އިންތިހާބަށް ނިކުންނަވާ ފާރިސް ރޭ ވަނީ އޭނާގެ ކެމްޕޭން ރަސްމީކޮށް ފަށާފައެވެ.

ކެމްޕޭން ފެއްޓެވުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ، އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުން ހޮވޭ ކެންޑިޑޭޓުން ވޯޓު ދެނީ އެ ޕާޓީއަކުން ބުނާ ގޮތަކަށް ކަމަށެވެ. އެހެންކަމުން އެ މެމްބަރަކަށް ރައްޔިތުންނާ މަޝްވަރާކުރުމުގެ ފުރުސަތުވެސް ނޯންނަކަމަށް ފާރިސް ވިދާޅުވިއެވެ.

"ބައެއް ސިޔާސީ ޕާޓީތަކުގެ ތެރެއިން އިންތިހާބުވެގެން އަންނަ ބައެއް މެމްބަރުން، އެ މެމްބަރުން އިންތިހާބުވުމަށް ފަހު، އިންތިހާބުގައި ތާއީދުކުރެއްވި އަދި އެ މެމްބަރަކު ތަމްސީލުކުރައްވާ ރައްޔިތުންނާއި މެމްބަރާ އޮންނަ ގުޅުން މަޖުބޫރީ ހާލަތަކުން [ކަނޑުވާލާ]،"

"އިންތިހާބުވުމަށް ފަހު، ސިޔާސީ ޕާޓީގެ އިސްވެރިން ނުވަތަ ސިޔާސީ ޕާޓީގެ އުސޫލުތަކާ އެއްގޮތަށް [ރައްޔިތުން މަޖިލިސް ތެރޭ ނަގާ] ހުރިހާ ވޯޓެއްވެސް މި ދަނީ. ރައްޔިތުންނާ އެއްވެސް ކަމެއްގައި މަޝްވަރާކުރުމުގެ ފުރުސަތެއް ލިބިފައި ނުވޭ،" ފާރިސް ވިދާޅުވިއެވެ.

ފާރިސްގެ ކެމްޕެއިން ފެއްޓުމަށް މިރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފްލާގެ ތެރެއިން: ސަރުކާރުގެ ކުރީގެ އިސް ބައެއް މަގާމުތައް ފުރުެއްވި ބޭފުޅުން ހަފުލާގައި ބައިވެރިވި --- ފޮޓޯ/ އެމްއާރުއެމް

ފާރިސް ވިދާޅުވީ، އޭނާއަކީ މިނިވަން ކެންޑިޑޭޓެއް ކަމަށާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެއްޖެ ނަމަށް ކުރިއަށް ދާނީ މީހާރުވެސް ހާމަ ކުރާ "މިނިވަން ހިޔާލުގައި" ތިބެގެން ކަމަށެވެ. ފާރިސް ނިސްބަތްވާ އެމްއާރުއެމް ތެރޭގައިވެސް މަސައްކަތް ކުރައްވާއިރު ވެސް އެ އުސޫލުތަކާ ހިލާފަށް ބަޔަކު އަމުރެއް ނުހިންގާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑު މައްޗަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެ"

ފާރިސް ވިދާޅުވި ގޮތުގައި، ސިޔާސީ ދާއިރާގައި އުޅޭއިރު، އެކި ދިމާލުން ވަރަށް ބައިވަރު "ނުފޫޒުތަކާއި ބިރުވެރިކަމާއި، ފިއްތުންތަށް" އަދި "ތާށި"ކަން އާދެއެވެ. އަންނަ ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުވާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ދެންނެވޭނެ އަޅުގަނޑުގެ މައްޗަށް ނުފޫޒެއް ފޯރުވޭނެ ފަރާތެއް، މީހެއް، ސިޔާސީ ޕާޓީއެއް ނުވަތަ އެހެންވެސް ސިޔާސީ ބާރެއް ނޯންނާނެ ކަން،"

އަދި މިހާތަނަށް އޭނާގެ މައްޗަށް އެއްވެސް ފަރާތަކުން ބާރު ފޯރުވާފައި ނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ނުފޫޒެއް އައި ނަމަވެސް އެކަމަކާ ކުރިމަތިލާން ކެރޭނެ ކަމަށް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއަށް ނުކުތުމުގެ މާ ކުރިންވެސް އެ ދާއިރާއާ މެދު ވަރަށް ގިނަ ވިސްނުންތަކާ ފިކުރުތަކެއް އޭނާ ކުރެއްވި އިރު، ސިޔާސީ މަސްރަހުގައި ބައެއް ފަރާތްތަކުން ކަން ކުރާ ގޮތާމެދު އޭރުވެސް އޭނާގެ ކަންބޮޑުވުން ހުއްޓެވެ.

"ސިޔާސީ މާއިދާނުގައި، މަގާމަކަށް [ނުވަތަ] އިންތިހާބަކަށް ކުރިމަތިލާ، އެމަގާމަށް އައްޔަނުވުމުން، މި ކަމުގެ ބުރަކަން އަޅުގަނޑަށް ވެސް އިހުސާސް ކުރެވުނު. ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެއް. އެހެން ނަމަވެސް މި މައިދާނުގައި ހަރާކާތްތެރިވުމަކީ އަދި ދުރުގައި ހުންނަ މީހަކަށް އޭގެ ހުރިހާ ހަގީގަތެއް [ނުވަތަ] ތަފްސީލެއް އެނގޭނެ ކަމެއް ނޫންކަން އަޅުގަނޑަށް ވެސް އިހުސާސުކުރެވުނީ މި ދާއިރާގައި މަސައްކަތް ކުރަން ފެށުމުން،" 2015 ވަނަ އަހަރު ދިއްގަރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަން ކާމިޔާބު ކުރައްވާ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވި ފާރިސް ވިދާޅުވިއެވެ.

ފާރިސް މައުމޫން ކެމްޕެއިން ފެއްޓެވުމަށް ބޭއްވި ހަފުލާގައި ވަހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ޕާޓީގެތަކުގެ ކެންޑިޑޭޓުންނަށް ރައްޔިތުންނާ މަޝްވަތާ ކުރުމުގެ ފުރުސަތު ނޯންނަ ކަމަށް -- ފޮޓޯ/އެމްއާރުއެމް

ފާރިސް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގެ މުސްތަގުބަލް ބައްޓަން ވެެގެން ދާނެ ގޮތް ކަނޑައެޅުމުގައި "ވަރަށް މުހިންމު ލަނޑުދަނޑިއެއް" ކަމަށެވެ. އަދި އޭނާ މަޖިލީހުގެ އިތުރު ދާއިރާއަކަށް މައްޗަންގޯޅި އުތުރު ދާއިރާގެ ރައްޔިތުން އޭނާ އިންތިހާބު ކޮށްދެއްވާފި ނަމަ، އެންމެ ތެދުވެރިކަމާ އިހުލާސްތެރިކަމާއެކު ދާއިރާގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި އަޒުމް ކަނޑައަޅައިގެން ހުންނެވި ކަމަށެވެ.

ފާރިސްގެ ބައްޕާފުޅު ރައީސް މައުމޫންގެ ތާއީދާ އެކު މިހާތަނަށް މަޖިލިސް އިންތިހާބުގައި ވާދަކުރާ 20 ކެންޑިޑޭޓުން ވަނީ އިއުލާން ކޮށްފައެވެ.

comment ކޮމެންޓް