އަޒްހަރުގެ ޓީޗަރުން އަރަބިއްޔާއަށް އައުން ލަސްވަނީ އިދާރީ ކަމެއްގެ ސަބަބުން: އަލީ ޒާހިރު

އަރަބިއްޔާއަށް ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް މިސްރަށް ވަޑައިގެންނެވި ސަރުކާރުގެ ވަފުދު އެނބުރި މާލެ އައުމަށް ފަހު މީޑީއާއަށް މައުލޫމާތު ދެނީ --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިސްރުގެ އަޒްހަރުގެ ޓީޗަރުން އަރަބިއްޔާ ސްކޫލަށް އައުން ލަސްވަނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކާ ހުރެ ކަމަށް ރައީސް އޮފީހުގެ ޗިފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު ވިދާޅުވީ ރާއްޖެއަށް ފޮނުވާ ޓީޗަރުން މިހާރު އަޒްހަރުގެ ކައުންސިލުން ވަނީ ފާސްކޮށްފައި ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި ނޭނގޭކަމަށް އޭނާ ވިދާޅުވިއެެވެ.

އަރަބިއްޔާ ސްކޫލަށް 22 ޓީޗަރުން، މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީ އިން ވަނީ ހަމަޖައްސައިދީފައެވެ.

ޓީޗަރުން ހަމަނުވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ވަފުދެއް ދާދި ފަހުން ވަނީ މިސްރަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގައި އަލީ ޒާހިރުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްރުގެ ދަތުރަށް ފަހު އެ ވަފުދު ރާއްޖެއައީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

ދިރާސީ އަހަރު ފެށިގެން މިހާތަނަށް ވެސް އަރަބިއްޔާ ސްކޫލުގެ ޓީޗަރުން ހަމަނުވާތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސްކޫލަށް ޓީޗަރުން ހަަމަނުވާތީވެ އަރަބިއްޔާގައި މިހާރު ކިޔަވައިދެމުންގެން ދަނީ އެހެން ސްކޫލުތަކުގެ ޓީޗަރުން ގެނެސްގެންނެވެ.

އަރަބިއްޔާގެ ދަރިވަރުން މި އަހަރު ފަހުކޮޅު ޝަހާދާ ސާނަވިއްޔާ އިމްތިހާންގައި ބައިވެރިވާން ޖެހޭތީ އެ ކުދިންގެ ކިޔެވުން އެންމެ ދުވަހެއް ވެސް ގެއްލުމަކީ ބެެލެނިވެރިން ވަރަށް ކަންބޮޑުވާ ކަމެކެވެ.

"އެ ދަރިވަރުން އެބަ ކިޔަވާ 17، 18 މާއްދާ. ޓީޗަރުން ލަސްވާ ކޮންމެ ދުވަހަކާ ހުރެ އެތަކެއް ފިލާވަޅުތަކެއް ގެއްލިގެން ދަނީ،" އެ ސްކޫލުގެ ބެލެނިވެރިޔެއް ބުންޏެވެ.

comment ކޮމެންޓް