ދަރުބާރުގެ އަތުލުމުން އުމަރުގެ އިންޑިއާ ސިފައިން ބާލާ އިވެންޓް ފަސްކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ބުނެ އޭނާ ދަރުބާރުގޭ ގައި ބޭއްވުމަށް ހަމަޖެއްސި އިވެންޓް ވަނީ ފަސްކޮށްފައި -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

''އިންޑިއާ ސިފައިން ބާލަން'' މި ނަމުގައި ހުކުރު ދުވަހު އޭނާ ބާއްވަން ނިންމި އިވެންޓް ދަރުބާރުގެ ނުލިބުމުން ފަސްކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރުގެ އެ އިވެންޓް ބޭއްވުމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ވަނީ ހުކުރު ދުވަހަށް ދަރުބާރުގޭ ހަކުރާ މާލަން ދީފަ އެވެ. ނަމަވެސް މިއަދު ޕްލޭނިން މިނިސްޓްރީން އުމަރަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެ މިނިސްޓްރީގެ މުހިންމު ބޭނުމަކަށް ހުކުރު ދުވަހު ދަރުބާރުގެ ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެ ދުވަހަށް އެތަން ދެވެން ނެތް ކަމަށެވެ.

އެހެންކަމުން ހަކުރާ މާލަން ހިފުމަށް ދެއްކި ފައިސާ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ވަޑައިގެން ހަވާލުވުމަށް އެދޭ ކަމަށެވެ.

"މި އިވެންޓް ފަސްކުރުމަށް މި ޖެހުނީ ދަރުބާރުގެ ހަކުރާ މާލަމް މި އިވެންޓަށް ދޫ ނުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެން އެއްވެސް ތަނެއް ލިބޭތޯ މަސައްކަތް ކޮށް އެއްވެސް ތަނެއް ލިބެން އޮތް ކަމަށް ނުވެގެން،" އުމަރުގެ ފޭސްބުކް ޕޭޖްގައި އޭނާ ޕޯސްޓްކޮށްފައި ވެއެވެ.

އެ އިވެންޓް އޮންނާނެ ތަނަކާއި ތާރީހެއް ފަހުން އަންގާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ހަމަހަމަކަމާ އެކު ދައުލަތުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެ އައި ސަރުކާރަކުން އޭނާ ބާއްވަން އުޅުނު އިވެންޓަށް ހުރަސް އެޅީތީ ހިތާމަ ކުރާ ކަމަށް އުމަރު ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލައި ގައުމީ ހަރަކާތަކްތަކެއް ކުރިއަށް ގެންދިއުމަށް އުމަރު ވަނީ ނިންމަވައިފައެވެ. އެ ހަރަކާތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތައް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން "މަގުމަތީ ޕޯސްޓަރު ޖެހުމާއި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހެޅުމާއި ކޯޓުތަކަށް މައްސަލަ ވެއްދުމާއި މުޒާހާރާ، ސައިކަލު ލޯރީ ބުރު" ފަދަ ހަރަކާތްތައް މި ގައުމީ ހަރަކާތުގެ ތެރެއިން ފެނިގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ދަރުބާރުގޭގައި އިވެންޓް ބާއްވާން އުޅޭތީ ރާއްޖޭގެ ސިފައިން ކަންބޮޑުވާ ކަމަށްވެސް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މާރިޔާއަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ ރާއްޖޭގެ ސިފައިން ކަންބޮޑުވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ.

comment ކޮމެންޓް