މުއިއްޒު ވަނީ އިހުމާލުވެފައި، ތަހުގީގެއް ހިންގެން ޖެހޭނެ: ނަޝީދު

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ނިމިގެން ދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ފްލެޓުތައް ހައްގުވެރި ނޫން ފަރާތަކަށް ލިބުމުގައި އެންމެ ބޮޑަށް އިހުމާލުވެފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި އޭނާގެ މައްޗަށް ތަހުގީގެއް ހިންގެން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ މައުލޫމާތު ރައީސް އޮފީހުން އާންމުކުރީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓުގައި ފްލެޓު ލިބުމަށް ހައްގުވެރި ނޫން ފަރާތްތައް ހިމެނެއެވެ. އަދި ސިޔާސީ ބައެއް ބޭފުޅުންގެ އާއިލާތަކުގެ ގިނަ އަދަދެއްގެ މީހުންނަށް ފްލެޓު ލިބިފައިވެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ޕްރެސް ބްރީފިންއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ފްލެޓުތައް ބެހުމުގައި އެންމެ ބޮޑަށް އިހުމާލުވީ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކަމަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

"މި ފްލެޓު ބެހުމުގައި އެންމެ ބޮޑަށް އިހުމާލު ވަނީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު. އަޅުގަނޑުމެން ދެކޭ ގޮތުގައި ޑރ. މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގެން ޖެހޭނެ. އަދި އެ ފްލެޓުތައް،"

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފަދަ ސިޔާސީ ބޭފުޅުންގެ އާއިލާތަކަށް އެހާ ގިނައިން ފްލެޓު ލިބުނީ ކިހިނެއްތޯ ބަލަންވެސް ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށެވެ. އެގޮތުން، އެމަނިކުފާނު ވަނީ މަޖިލީހުގެ މެމްބަރެއްގެ އާއިލާގެ 37 މީހަކަށް ފްލެޓު ލިބުނުކަން ފާހަގަކުރެއްވިއެވެ.

އެ މެމްބަރެއްގެ އާއިލާގެ 37 މީހުންނަށް ފްލެޓު ލިބުނު މެމްބަރަކީ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލެވެ. އޭނާ ވިދާޅުވެފައި ވަނީ އާއިލާގެ މީހުންނަށް ފްލެޓު ލިބުނީ ނުފޫޒަކުން ނޫން ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ހިންގާފައި ވަނީ ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި އެ ހިޔާނާތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް ވުރެ ބޮޑު، އަދި މާ ހިތާމަވެރި ހިޔާނާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް