ރައީސް ޔާމީން އައިޖީއެމްއެޗުން ދޫކޮށްލައިފި

ރައީސް ޔާމީން: އައިޖީއެމްއެޗްގައި މިދިޔަ ހޯމަ ދުވަހު އެޑްމިޓް ކުރުމަށް ފަހު މިއަދު ހެނދުނު ވަނީ ދޫކޮށްލާފައި --- ފޮޓޯ: ރައީސް އޮފީސް

ޝަރީއަތް ނިމެންދެން ޖަލު ބަންދެއްގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އައިޖީއެމްއެޗްއިން ދޫކޮށްލައިފިއެވެ.

ޑޮކްޓަރަށް ދެއްކުމަށް ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި ހިތުގެ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ކަމަށް މީގެ ކުރިން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން މިއަދު ހެނދުނު 9:30 ގައި ރައީސް ޔާމީން "ޑިސްޗާޖް" ކުރެވިފައިވާ ކަމަށެވެ.

ރައީސް ޔާމީން މިއަދު ހެނދުނު އައިޖީއެމްއެޗުން ދޫކޮށްލާފައިވާ އިރު، މިކަމާ ގުޅިގެން އަދި ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ބޮޑީ ޗެކަޕެއް ހެދުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސް 24 ގަޑި އިރަށް އެޑްމިޓް ކުރެވުނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ޝަރީއަތް ނިމެންދެން މިދިޔަ މަހު 18 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ނެރުނު އަމުރު މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް