ގައުމީ ޓީމުގެ މިޑްފީލްޑަރު ނިހާޓް ވެސް މާޒިޔާއަށް

މާޒިޔާ ސްޕޯޓްސް ކުލަބާ އަލަށް ގުޅުނު އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) --- ފޮޓޯ/ މާޒިޔާ

ވޭތުވެ ދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކުރި ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) މާޒިޔާއާ ގުޅިއްޖެއެވެ.

އުމުރުން 19 އަހަރުގައި ފުރަތަމަ ޑިވިޝަނަށް ކުޅޭން ފެށި ނިހާން ވޭތުވެ ދިޔަ އަހަރުތަކުގައި ވަނީ ރާއްޖޭގެ ބޮޑެތި ކުލަބުތަކަކަށް ކުޅެ ކޯޗުންގެ އިތުބާރު ހޯދައިފައެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗު ޕީޓަ ސެގާޓް ކޯޗުކަމާ ހަވާލު ވުމަށް ފަހު ފުރަތަމަ ފަހަރަށް ނިހާންއަށް ގައުމީ ޓީމުން ޖާގަ ދިނުމުން އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން ވޭތުވެ ދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިިޕުގެ ސެމީ ފައިނަލުގައާއި ފައިނަލުގައި ޓީމުގެ މެދުތެރެ ހިފެހެއްޓުމުގައި ނިހާން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ބައެއްގެ ތައުރީފް ވެސް ހޯދައިފައެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ނިހާން ކުޅުނީ ވިކްޓަރީ ސްޕޯޓްސް ކުލަބަށެވެ. އޭގެ ކުރީން އޭނާ ވަނީ ކްލަބް އީގަލްސްގެ އިތުރުން ވެލެންސިއާއަށް ވެސް ކުޅެދީފައެވެ. އޭނާ މާޒިޔާއަށް ބަދަލުވެފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލި ވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލު ކުރަމުންނެވެ. އެގޮތުން މާޒިޔާއިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއި ކުރުވަމުންނެވެ. އެގޮތުން ޓީސީއާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ)ގެ އިތުރުން ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ އެ ޓީމާ ގުޅިފައެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެއެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފައެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއި ކޮށްފައެވެ. މީގެ އިތުރުން ވެސް ކުރީ އަހަރުގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން އަދިވެސް ކުލަބުގެ ކޮންޓްރެެކްޓް އައު ކޮށްފައެެއް ނުވެއެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗު ކަމާ ހަވާލުވުމަށް އެއްބަސް ވެފައެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލު ވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެއެވެ.

comment ކޮމެންޓް