އަޅުގަނޑާއި ރައީސް ސޯލިހާ އެކު އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ: ނަޝީދު

އެމްޑީޕީގެ ކެންޑިޑޭޓުންނާ ރައީސް ސޯލިހު އަދި ކުރީގެ ރައީސް ނަޝީދު ބައްދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަދައްކަވަނީ ----

އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ލިބޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ބައްދަލު ކުރެއްވުމަށް މިރޭ އަމީނިއްޔާ ސްކޫލް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގައި އޮތީ ރިޔާސީ އިންތިހާބުގައި ވެވަޑައިގަތް ވައުދުތައް ކަމަށާއި އެ ވައުދުތައް ފުއްދުމަށް ގާނޫނީ އޮނިގަނޑު ތައްޔާރު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

އަޅުގަނޑުމެން ދެ މީހުން އެކުގައި އަޅުގަނޑުމެނަށް މި އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދިދާނެ ކަމުގެ އެއްވެސް ޝައްކެއް ނުހިނގާ. އެއްވެސް ޝައްކެއް އަޅުގަނޑުމެނަށް ނެތް،" ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހް އާއި ކުރީގެ ރައީސް ނަޝީދު، އެމްޑީޕީގެ މަޖިލިސް ކެންޑިޑޭޓުންނާ ބައްދަލު ކުރުމަށް މިރޭ އަމީނިއްޔާ ސްކޫލް ހޯލުގައި ބޭއްވި ހަފްލާގެ ތެރެއިން ---

އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ބައެއް ފަރާތްތަކަށް އަމާޒުކޮށް އެއީ ސަރުކާރުގެ ކެންޑިޑޭޓުން ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"ބައެއް ފަހަރަށް އަޅުގަނޑު ލަދުގަނޭ ބައެއް ބޭފުޅުން ދައްކަވާ ވާހަކައިން އެއީ ތިބޭފުޅުންގެ ދާއިރާގައި ކޮންމެވެސް ބޭފުޅަކު ބުންޏޯ މިވެނި މިވެނި ކެންޑިޑޭޓަކީ ސަރުކާރުގެ ކެންޑިޑޭޓެއް ނޫނޭ. އަޅުގަނޑަކަށް މި ޕާޓީއަށް 13 އަހަރުވާއިރު އެއަށްވުރެން ވަކި ހެއްވާ ވާހަކައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

"ރައިސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު. މިހާރު އެއީ ރައިސުލްޖުމްހޫރިއްޔާ. ދެން ތިބޭފުޅުންނަކީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެންޑިޑޭޓުން. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ ރިޔާސީ ކެންޑިޑޭޓު ތިބޭފުޅުން ތިއީ ކެންޑިޑޭޓުން ނޫން ކަމަށް ދެކިވަޑައިގަންނަންވީ އެއްވެސް ސަބަބެއް ވެސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ފައުންޑާރ މެންބަރެއް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެޕާޓީން ދަނީ ފުރަތަމަ ފަހަރަށް މަޖިލިސްގެ މެޖޯރިޓީ ހޯދުމާ ދިމާލަށް ކަމަށެވެ.

comment ކޮމެންޓް