ރާއްޖޭގެ ސަގާފަތާއި ފަތުރުވެރިކަން ޖަރުމަނުގައި އިޝްތިހާރު ކުރަނީ

އައިޓީބީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ :އެމްއެމްޕީއާރުސީ

އައިޓީބީ ބާލިން ފެއާގައި ރާއްޖޭގެ ސަގާފީ ހަރަކާތްތަކާއެކު ފަތުރުވެރިކަން އިޝްރިހާރު ކުރަން ފަށައިފިއެވެ.

މިފަހަރުގެ ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 105ކުންފުންޏަކުން 270 ފަރާތަކުން ބައިވެރިވެއެވެ. މި ފެއާ އަށް ރާއްޖެއިން ދިޔަ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މީގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުވެސް މި ފެއާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ލައްވައެވެ.

މިމަހުގެ 10ގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރަނީ 405 އަކަ ކިލޯމީޓަރުގެ ދެ ފްލޯގެ ސްޓޭންޑެއްގައެވެ. މި ސްޓޭންޑުގައި ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯތައް ޑިސްޕްލޭކޮށްފައި ހުންނާނެއެވެ. މީގެ އިތުރުން ބޮޑުމަހުގެ ހަރަކާތްތަކާއެކު ސަގާފީ ނެށުންތައް ބޮޑުބެރުގެ ހަރަކާތްތަކާއެކު އެ ސްޓޭންޑުގައި ދައްކާލާނެއެވެ.

އައިޓީބީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ :އެމްއެމްޕީއާރުސީ

މީގެ އިތުރުން ރާއްޖޭގެ ލުއި ކެއުންތައް ރަހަ ބަލާލުމުގެ ފުރުސަތު ސްޓޭންޑަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެއެވެ. ލިޔެލާޖެހުމުގެ މަސައްކަތް ލައިވްކޮށް ބަލާލުމުގެ އިތުރުން ވާޗުއަލް ރިއަލިޓީ ބޭނުންކޮށްގެން ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރުތައް ބަލާލުމުގެ ފުރުސަތުވެސް ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.

ރާއްޖޭގެ ސްޕާ ސެގްމެންޓް ފުޅާކުުރުމުގެ ގޮތުން ސަން ސިޔާމް ރިސޯޓްްސްގެ ފަރާތުން ސްޕާ އޭރިއާއެއްވެސް މި އަަހރުގެ ފެއާގައި ވަނީ ބަހައްޓައިފައެވެ. ރާއްޖޭގެ ސްޓޯލް އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސްޕާގެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު މި ސްޓޯލުން ލިބޭނެއެވެ.

އައިޓީބީ ބާލިން ފެއާގެ ތެރެއިން ބާއްވާ މޯލްޑިވިއަން ނައިޓް މިއަަހަރު ބާއްވަން ނިންމާފައިވަނީ މިރޭ "ގްރޭންޑް ބަޔަޓް ބާލިން ހޮޓެލް" ގައެވެ.

އައިޓީބީ ބާލިންގައި ރާއްޖެ އިޝްތިހާރު ކުރާއިރު ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު ޖަރުމަނުން 532،117 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

comment ކޮމެންޓް