މައުސޫމް، ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އަރުވައިފި

ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އަރުއްވަނީ--- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން ސިންގަޕޫރަށް އަލަށް ކަނޑައަޅުއްވި ސަފީރު ޑރ އަބްދުﷲ މައުސޫމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާ ހަލީމާ ޔަގޫބަށް އިއްޔެ އަރުވައިފިއެވެ.

މައުސޫމްގެ މަގާމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އަރުވާފައިވަނީ އެކަމަށް ޚާއްސަކޮށް، އިއްޔެ ހެނދުނު ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގެކޮޅު "އިސްތާނާ" ގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ސިންގަޕޫރުގެ ރައީސާ ވިދާޅުވިއެވެ.

ޑރ އަބްދުﷲ މައުސޫމް ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަފީރުކަމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޑރ. މައުސޫމް ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެލާ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.

https://sun.mv/116100

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި ޑރ. މައުސޫމް ނިމިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައެވެ.

މައުސޫމް ވިދާޅުވެފައި ވަނީ ރާއްޖޭން ބޭރުގައި ހުރެގެން ޕާޓީގެ ނައިބު ރައީސް ކަމުގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާކުރަން ދަތިވާނެ ކަމަށެވެ.

"އަދި ކޯލިޝަން ސަރުކާރެއްގެ ސަފީރު ކަމުގެ މަގާމާ ހަވާލުވެ ހުންނަ މީހަކީ ކޯލިޝަނުގެ ވަކި ޕާޓީއެއްގެ އިސް މަގާމެއް އަދާކުރާ މީހެއް ނަމަ މަސްލަހަތު ފުށުއެރުމުގެ ފުރުސަތު އޮންނާނެ." ޓްވިޓާ މެދުވެރިކޮށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް