އައިޓީބީ ބާލިންގައި ބައިވެރިވެވަޑައިގަތުމަށް އަލީ ވަހީދު ޖަރުމަނަށް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ

ދުނިޔޭގެ އެެންމެ ބޮޑު ފަތުރުވެރިކަމުގެ އެއް ފެއާ "އައިޓީބީ ބާލިން" ގައި ބައިވެރިވެ ވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖަރުމަނަށް ވަޑައިގެންފިއެވެ.

އައިޓީބީ ބާލިން ފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓަރުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިމަހުގެ ނުވަވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

މިނިސްޓަރުގެ ދަތުރުފުޅުގައި އައިޓީބީ ފެއާގެ ތެރެއިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން، މި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާނެއެވެ. މި ދަތުރުފުޅުގައި މިނިސްޓަރު އަލީ ވަހީދު މެލޭޝިއާ އާއި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރުންނާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ ފަތުރުވެރިކަމާ ގުޅޭ އިސް ފަރާތްތަކާ ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ފެއާގެ ތެރެއިން ބާއްވާ މޯލްޑިވިއަން ނައިޓުގައި ވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އައިޓީބީ ބާލިންގެ މިއަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޯލް ޑިޒައިން ކޮށްފައިވަނީ "އީދު ކުޅިވަރު" ތީމް އަށެވެ.

މިއަހަރުގެ ފެއާގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި އިސްކޮށްހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދުއާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް ވެސް މި ކޮންޓިންޖެންޓުގައި ހިމެނި ވަޑައިގަންނަވައެވެ.

comment ކޮމެންޓް