ބެލްޖިއަމްއަށާއި އީޔޫއަށް ސަފީރަކު އައްޔަން ކުރައްވައިފި

ހަސަން ސޯބިރު ބެލްޖިއަމް އާއި އީޔޫގެ ސަފީރުކަމަށް އައްޔަންކޮށް، މަގާމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހަސަން ސޯބިރު އައްޔަން ކުރައްވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ސޯބިރު ސަފީރު ކަމަށް އައްޔަންކޮށް، މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސޯބިރު ސަފީރުކަމަށް އައްޔަން ކުރަން މިދިޔަ ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

ސޯބިރަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިއާއިން ބެޗެލާ އޮފް ކޮމާސް ހާސިލުކުރައްވާފަ އެވެ.

މީގެ ކުރިން ސޯބިރު ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްކަމުގެ މަގާމާއި ޔޫރަޕިއަން ޔޫނިއަންނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.

comment ކޮމެންޓް