މަޖިލިސް ކެމްޕޭނަށް ރައީސް ސޯލިހު ކ. ގުރައިދޫއަށް

އެޖެންޑާ 19 އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: މިރޭ އެމަނިކުފާނު ކެމްޕެއިން ދަތުރުފުޅެއްގައި ގުރައިދޫ އަށް ވަޑައިގަންނަވާނެ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ކުރިއަށް ގެންދާ ކެމްޕޭނުގެ ތެރެއިން މިރޭ ކ. ގުރައިދޫގައި ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ މަޖިލިސް އިންތިހާބުގެ ކެމްޕޭންނަށް ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމާއެކު ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ފުރަތަމަ ކެމްޕޭން ޖަލްސާ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން"އަށް ވިދާޅުވީ ރައީސް މިރޭ ގުރައިދޫއަށް ވަޑައިގެން، އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެމްޑީޕީންނެވެ.

ކ. ގުރައިދޫ ދާއިރާއަށް އެމްޑީޕީއިން ވާދަކުރަނީ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އާދިލް ސަލީމެވެ. ޕީޕީއެމްގެ ފަރާތުން އެ ދާއިރާގެ މިހާރުގެވެސް މެމްބަރު އިބްރާހިމް ރިޒާ ވާދަކުރައްވާއިރު، އަމިއްލަ ގޮތުން ތިން ކެންޑިޑޭޓެއް ވާދަކުރައްވައެވެ.

https://sun.mv/116324

އެއީ ދީނީ އިލްމުވެރިޔާ ސާމިޔާ ޒަކަރިއްޔާއާއި، ކ. ގުޅި ޗާންދަނީހައުސް ހުސައިން ނިޔާޒް އަދި ކުރީގެ ރައީސް މައުމޫނުގެ ތާއީދާއެކު ކުރިމަތިލައްވާ ގާނޫނީ ވަކީލު މުހައްމަދު ޝާހުއެވެ.

ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން 86 ދާއިރާއަށް ކެންޑީޑޭޓުން ވާދަކުރެއެވެ.

ރައީސް ސޯލިހް ކެމްޕެއިން ދަތުރުފުޅުގައި ގުރައިދޫ އަށް ވަޑައިގަންނަވާ އިރު، މި ހަފްތާ ތެރޭ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

comment ކޮމެންޓް