ގެފުޅު ހިފާފާނެ ކަމުގެ އިންޒާރު ބީޖޭޕީގެ މަޖިލިސް މެމްބަރަކު ދީފި

އިންޑިއާގެ ޕާލިމެންޓުގެ މަތީގޭގައި ހުންނަވާ ބީޖޭޕީގެ މެމްބަރު ސުބްރަމާނިއަން ސުވާމީ -- ފޮޓޯ: ޕީޓީއައި

ދިއްލީ (މާޗް 5): ތަޅާލާފައިވާ ބާބްރީ މިސްކިތް އަނެއްކާވެސް އިމާރާތްކުރަން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ގޮވާލުމުން، ކައުބާ ހިފާފާނެ ކަމުގެ އިންޒާރު އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް މެމްބަރަކު ދެއްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރުން ބޭއްވި ބައްދަލުވުމެއްގައި އެޖަމްއިއްޔާއިން ވަނީ ބާބްރީ މިސްކިތް ތަޅާލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެމިސްކިތް އަލުން އިމާރާތް ކުރަން އިންޑިއާ ސަރުކާރަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ.

އޭގެ ސަބަބުން އިންޑިއާގެ ޕާލިމެންޓުގެ މަތީގެއަށް ނިސްބަތްވާ ބީޖޭޕީގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވަނީ އޯއައިސީގެ އެނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލައްވާފަ އެވެ. އަދި އެހެން ނޫން ނަމަ ހިންދޫންނަށް ކައުބާ ހިފޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހިންދޫން ބުނާ ގޮތުގައި ބާބްރީ މިސްކިތް އަޅާފައި ވަނީ އެމީހުންގެ 'ރާމް ކަލާނގެ' އުފަންވި ތަނުގަ އެވެ. އަދި އެ މިސްކިތް ހެދީ އެތާގައި ހުރި ހިންދޫ ފައްޅިއެއް ތަޅާލުމަށް ފަހުގައި ކަމަށާއި އެތަނުގައި އަނެއްކާ ވެސް ފައްޅިއެއް އަޅަން ޖެހޭ ކަމަށް އެމީހުން ބުނެ އެވެ.

ސޯޅަ ވަނަ ގަރުނުގައި އުއްތަރަ ޕްރަދޭޝްގެ އަޔޯދިޔާގައި ބިނާ ކުރި ބާބްރީ މިސްކިތް ތަޅާލީ 1992 ވަނަ އަހަރެވެ. އޭގެ ސަބަބުން މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި 2،000 މީހުން މަރުވި އެވެ.

comment ކޮމެންޓް