ގަވަރުނަރާއި އެފްއައިޔޫގެ ކުރީގެ ވެރިން ހާޒިރުކުރި ކޮމެޓީ ސިއްރު

އެމްއެމްއޭ: އެތަނުގެ ގަވަރުނަރާއި އެފްއައިޔޫގެ ކުރީގެ އިސް ދެ ވެރިން ހާޒިރުކުރި ކޮމެޓީ ވަނީ ސިއްރު ކޮށްފައި ----

އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ދެ ފަރާތް ހާޒިކުރާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ސިއްރުކޮށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިއަދު ހެނދުނު 11:15 އަށް ތާވަލު ކޮށްފައިވާ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފައިވަނީ އެ ކޮމެޓީގައި ހިމެނޭ މެންބަރުންގެ އަޣްލަބިއްޔަތުން އެގޮތަށް ފާސްކުރުމުންނެވެ.

ގަވަރުނަރު އަހްމަދު ނަސީރުގެ އިތުރުން ދެން އެ ކޮމެޓީއަށް ހާޒިރު ކުރަނީ އެފްއައިޔޫގެ ކުރީގެ ދެ ވެރިން ކަމަށްވާ އިބްރާހިމް އާތިފް ޝަކޫރުއާއި އަބްދުﷲ އަޝްރަފްއެވެ.

އާތިފް ކޮމެޓީއަށް ހާޒިރު ވާން އަންގާފައިވާ ސިޓީ އޭނާ ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައި ވަނީ އޭނާ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި ދުވަސްވަރުކަމުން، މާލިއްޔަތު ކޮމެޓީގެ މެންބަރުން އާތިފްއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާތީ ހާޒިރު ކުރައްވަނީ ކަމަށެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަހުގީގު ރިޕޯޓަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގޭން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ނަމަވެސް، އެކަން ތަހުގީގުކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އޭރުގެ ގަވަރުނަރު އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށެވެ.

އެމްއައިޔޫއަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތަކީ މަނީ ލޯންޑަރިން ހުއްޓުވާ ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވައި އެފަދަ ކަންތައް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމެވެ.

comment ކޮމެންޓް