ފުރުސަތު ލިބިއްޖެ ނަމަ އެނބުރި ރެއާލް މެޑްރިޑްއަށް ދާނަން: މޮރީނިއޯ

ގިނަ ކުލަބުތަކާއި އެކު ބޮޑެތި ކާމިޔާބުތަކެއް ހޯދާފައިވާ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ --- ފޮޓޯ / ރަޔާން ބެންސަން

ރެއާލް މެޑްރިޑްގެ މިވަގުތު ހުރި ކޯޗު ސަންޓިއާގޯ ސޮލާރީގެ އިތުބާރު ނެތްކަމަށް ބުނެ ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއް އަޑު އުފަލަމުން ދާ މި ދަނޑިވަޅުގައި އެ ޓީމަށް ކުރިން ކޯޗުކަން ކޮށްދިން ހޯސޭ މޮރިނިއޯ އަށް ފުރުސަތު ދީފި ނަމަ ރެއާލަށް ބަދަލު ވާނެ ކަމަށް އޭނާ ބުނެފިއެވެ.

މި ސީޒަނަކީ މޮރިނީއޯއަށާއި ރެއާލް މެޑްރިޑްއަށް އެކި ގޮތްގޮތުން ބޮޑު މާޔޫސް ކަމެއް ގެނުވި ސީޒަނެކެވެ. މިދިޔަ ޑިސެންބަރު މަހު މޮރީނިއޯ އޭނަގެ އެންމެ ފަހުގެ ކުލަބް، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކި ކުރި އިރު ރެއާލް ވަނީ މީގެން ޒަމާނަކު ވެސް އެ ކުލަބު ގޮސްފައި ނުވާހާ ދަށު ދަރަޖަ އަކަށް ވެއްޓިފައެވެ.

ރެއާލް މެޑްރިޑްއިން މި ސީޒަނުގައި މިހާތަނަށް އައި އިރު ވަނީ ދެ ކޯޗަކު ޓީމަށް އިރުޝާދު ދީފައެވެ. ސީޒަން ފެށި އިރު ޓީމުގެ ކޯޗު ކަމުގައި ހުރި ޖޫލިއެން ލޮޕެޓެގީ ވަނީ ސީޒަންގެ ކުރީ ކޮޅު މަގާމުން ވަކި ކޮށްފައެވެ. އޭގެ ފަހުން ޓީމުގެ ކޯޗުކަމާއި ހަވާލުވި ސަންޓިއާގޯ ސޮލާރީގެ އިތުބާރު ނެތް ކަމަށް ބުނެ އެ ކުލަބުގެ ގިނަ ސަޕޯޓަރުން ދަނީ ކޮންމެ މެޗަކަށް ފަހު ކޯޗު ކަމުން އޭނާ ދުރުކުރުމަށް ބުނެ އަޑު އުފުލަމުންނެވެ.

މޮރީނިއޯ ވަނީ މީގެ ކުރިން ރެއާލްއަށް ކޯޗުކަން ކޮށްދީ އެކުލަބާ އެކު ސްޕެނިޝް ލީގު އަދި ކޮޕާ ޑެލްރޭގެ އިތުރުން ސުޕަ ކޮޕާ ޑެ އެސްޕެނާ ހޯދާފަ އެވެ. އޭނާ ރެއާލްގެ ކޯޗުކަމުން 2013 ވަނަ އަހަރު ދުރުކުރުމުން އޭނާ ބަދަލުވީ ޗެލްސީގެ ކޯޗު ކަމަށެވެ. އޭގެ ދެ އަހަރު ފަހުން އެކުލަބުގެ ކޯޗު ކަމުންވެސް އޭނާ ދުރުކޮށްފައި ވާ އިރު އޭނާ އޭގެ ފަހުން ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑް އަށެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ބިއެން ސްޕޯޓްސް" އިން އެނބުރި ރެއާލް މެޑްރިޑްއަށް ބަދަލު ވުމަކީ ވެދާނެ ކަމެއްތޯ މޮރީނިއޯއާ ސުވާލު ކުރުމުން އޭނާ ބުނީ ކުރިން ކޯޗުކަން ކޮށްދިން ކުލަބަކަށް ބަދަލު ވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި ކުރިން ކޯޗުކަން ކޮށްދިން ކުލަބަކުން އަނބުރާ އަހަރެން ބޭނުން ވުމަކީ ލިބޭ ވަރަށް ބޮޑު ފަޙުރެއް. އެގޮތުން ވެސް ރެއާލް މެޑްރިޑް އަށް ބަދަލު ވުމަކީ އަހަރެން ދެކޭ ގޮތުގައި ލިބޭނެ އެންމެ ބޮޑު އެއް ޝަރަފު. ސަބަބަކީ އެ ކުލަބަކީ އެންމެ ގިނަފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުލަބު ކަމަށް ވާތީ،" މޮރިނިއޯ ބުންޏެވެ.

މީގެ އިތުރުން މޮރީނިއޯ ވަނީ އޭނަގެ އެންމެ ފަހުގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑްއާ އެއްކޮށް ބޭނުންވި ކާމިޔާބުތައް ނުހޯދުނީތީ މާޔޫސްވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް