ކަޅުވަކަރު މިސްކިތް ދިރާގު އޮފީސް ހުރި ބިމުގައި ބަހައްޓަަން އަނެއްކާވެސް ނިންމައިފި

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކު ތެރޭގައި ---

އިލްމުވެރިންގެ ހިޔާލުތަފާވުންތަކާއެކުވެސް، ކުރިން ސަލްޓަން ޕާކްގެ ވިންޓާތީމް ޕާކްގައި ހުރި ތަނުގައި ހުރި ކަޅުވަކަރު މިސްކިތް ކުރީގެ ދިރާގު އޮފީސް ހުރި ތަނުގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ އެ މިސްކިތް ކުރީގެ ދިރާގު އޮފީސް ހުރި ތަނުގައި ބަހައްޓަން ކެބިނެޓުން ނިންމައިފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް ހޯދައި އަލުން ރާވައި ބެހެއްޓުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 100 ދުވަހުގެ ތެރޭގައި ފުރިަހަމަ ކުރަން ނިންމާފައިވާ ވައުދެކެވެ. މި ސަރުކާރަށް ކަޅުވަކަރު މިސްކިތް ފެނުނީ އޭގެ ބައިތައް ހަލާކުނުވާނޭ ގޮތަށް ރައްކާތެރިކަމާއެކު ގައުމީ ދާރުލްއާސާރުތެރޭގައި ބަހައްޓާފައި ހުއްޓައެވެ.

" ބޭފުޅުން [އިލްމުވެރިން] ކަންބޮޑުވީ ހަގީގަތުގައި އިސްލާމީ މަރުކަޒުގެ އެހާ ކައިރީގައި މިިސްކިތެއް ހުރުމުން. ދެ މިސްކިތަކުން ބަންގި ގޮވާކަހަލަ ގޮތަކަށް ހުރުން އެހާ ރަނގަޅުކަމެއް ނޫން ކަމެއް ވިދާޅުވި. އެހެން ނަމަވެސް ކަޅުވަކަރު މިސްކިތް ހުންނާނީ ބަންގިގޮވާ މިސްކިތެއްގެ ގޮތުގައެއް ނޫން. އެހެން ނަމަވެސް މިސްކިތަށް މީހަކަށް އައިސް ނަމާދަށް އެރޭގޮތަށް ހަމަ އެބިމުގައި ބަހައްޓަގޮތަށް ނިންމާފައިވަނީ،" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ މިސްކިތުގެ ބައިތަކުގެ ތެރެއިން ހިރިގަލުގެ ބައިތަކަށް ފަރުވާދީ ނިމިފައިވާ ކަމަށެވެ. އަދި ލަކުޑީގެ ބައިތަކުގެ 60 ޕަސެންޓަށް ފަރުވާދީ ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސްކިތުގެ ކުރެހުންތައް ނިމި އެތަނުގެ ބިންގަނޑު އެއްވަރު ކުރުމަށް މިހަފްތާތެރޭ ފެށޭވަރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް