އުމަރުގެ ރައްދު މާރިޔާއަށް: ސިފައިން ކަންބޮޑުވަނީ މިނިވަންކަން ގެއްލިދާނެތީ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު-- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ސިފައިން ކަންބޮޑުވަނީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދާނެތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިންޑިއާ އިން ބޭނުން ނަމަ ރާއްޖެ ހިފި ވެސް ދާނެ ކަމަށާއި އަދި ރާއްޖޭގައި މިހާރު ހަރުކުރަމުންދާ ރާޑަރުތައް އިންޑިއާއަށް މުހިއްމު ނޫން ކަމަށެވެ.

އެ ވާހަކައާ ގުޅިގެން މިނިސްޓަރު މާރިޔާ މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

އަދި އުމަރު ނަސީރަށް ނުސީދާކޮށް އިޝާރަތްކުރައްވައި މާރިޔާ ވިދާޅުވީ ބަޔަކު ދަރުބާރުގޭގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ ސިފައިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެވާހަކަތަކަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ މާރިޔާގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ސިފައިން ކަަންބޮޑުވަނީ މިގައުމުގެ މިނިވަންކަން ގެއްލެމުންދާތީ. ރާއްޖޭގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމަށް ލޯބިކުރާ އެންމެންވެސް ކަންބޮޑުވޭ." އުމަރު ވިދާޅުވި އެވެ.

ދަރުބާރުގޭގައި އަންނަ ހުކުރު ދުވަހު އެ ވާހަކަ ވަރަށް ތަފްސީލްކޮށް ކިޔައިދެއްވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"މިއީ ނުހިނގާ ކަމެއް ކަމަށް ހެދިގެން، ނުފެންނަ ކަމަށް ހެދިގެން ތިއްބެވި މެއިންސްޓްރީމް މީޑިއާ އާއި ސިޔާސީ ބައެއް ބޭފުޅުން ފެނުނީމާ ޔަގީން ވަނީ "ބޮޑެތި" ގައުމުތަކުގެ ނުފޫޒުގައި މިގައުމު ޖެހިފައިވާ މިންވަރު" އޭނާ ވިދާޅުވި އެވެ.

އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި ވާހަކައަށް މާފަށް ވެސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް