މަޝްވަރާއަށް ފަހު ނިލަންދޫ ދާއިރާއަށް ވާދަ ނުކުރައްވަން ނިޒާރު ނިންމަވައިފި

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ---- ފޮޓޯ: މަޖިލިސް

އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނިލަންދޫ ދާއިރާއަށް ވާދަ ނުކުރައްވަން ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ނިންމަވައިފި އެވެ.

އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވި ނިޒާރު ވަނީ ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލްއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިއެވެ.

އެހެން ނަމަވެސް ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުގައި ވާދަ ނުކުރޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ބާތިލުކޮށް، ބަލިވި ކެންޑިޑޭޓުންނަށް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ދިނުމުން، އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަ ނުކުރާ ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވުމުގެ ވިސްނުންފުޅު ނިޒާރު ގެންގުޅުއްވިއެވެ.

ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން އަމިއްލަ ގޮތުން ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރަށް ހަމަވާއިރު، ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް އޭނާ ނިންމަވާފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ، ނިލަންދޫ ދާއިރާއަށް ވާދަ ނުކުރައްވަން ނިންމެވީ ރިޔާސީ އިންތިހާބުގައި އެ ދާއިރާގެ ނަތީޖާއަށާއި އޭނާގެ ސަޕޯޓަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"އެ [ރިޔާސީ އިންތިހާބުގެ] ނަތީޖާއަށް ބަލާ އިރު އެހާ ރަނގަޅު ދާއިރާއަކަށް ނުވޭ [ނިލަންދޫ ދާއިރާ]. ވަގުތު ވެސް ވަރަށް ކުޑަތަންވެފައި މި އޮތީ. އެއީ އެހާ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް މަޝްވަރާއެއް ނުލިބޭ. އެހެންވީމަ އަޅުގަނޑު ކުރިމަތިިނުލާން ނިންމީ،" އޭނާ ވިދާޅުވި އެވެ.

ނިލަންދޫ ދާއިރާއަކީ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މެޖޯރިޓީ ވޯޓު ލިބުނު ދާއިރާ އެކެވެ. އެ ދާއިރާގެ މިހާރުގެ މެމްބަރަކީ ޕީޕީއެމްގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް އެވެ. ދެން އެ ދާއިރާއަށް ވާދަކުރައްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްމުހުސިން ހަމީދު (ޖޭފޯ)އެވެ.

މީގެ ކުރިން ނިޒާރު ވަނީ އެމްޑީޕީގެ ޕްރައިމަރީ ބޭއްވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އެހެން ޕާޓީތަކުގެ މެމްބަރުން އެމްޑީޕީއަށް ވައްދައިގެން ޕްރައިމަރީގައި ވޯޓު ދިން ކަމަށެވެ.

ނިޒާރު މިއަދު ވިދާޅުވީ، ޕްރައިމަރީން ބަލިވި ނަމަވެސް، އިންތިހާބުގައި ވާދަ ކުރުމަކީ ލިބިގެންވާ ހައްގެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ގާނޫނުގައި އޮންނަ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ހައްގު އޮންނަން ވާނެ އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތް. އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ، [ޕްރައިމަރީން ބަލިވުމަށް ފަހު ވާދަ ކުރުން] އެއީ އެތިކަލް [އަހުލާގީ] އިޝޫއެއް ކަމަށް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވި ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

ނިޒާރު ވާދަ ނުކުރައްވަން ނިންމަވާފައިވާ އިރު އެމްޑީޕީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބު އަބްދުﷲ ޖާބިރު ވަނީ އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވާފަ އެވެ. އަދި އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީން ބަލިވެވަޑައިގެންނެވި އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވަނީ އެމްޑީޕީން ވަކިވެވަޑައިގެން އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅުއްވާފަ އެވެ.

comment ކޮމެންޓް