ޓޭޕު އަޅައި، ފޮށީގައި ބަންދުކޮށްފައި އޮތް 1،529 ވެލާ މެނީލާ އެއާޕޯޓުން ފެނިއްޖެ

ވެލާތައް ތިބީ ޓޭޕް އަޅައި، ފޮށިތަކަށް ލާފައި -- ފޮޓޯ: ފިލިޕީންސް ކަސްޓަމްސް

މެނީލާ (މާޗް 4): ޓޭޕު އަޅައި، ފޮށިތަކަށްލާ ބަންދުކޮށްފައި އޮތް 1،529 ވެލާ ފިލިޕީންސްގެ މެނީލާ އެއާޕޯޓުން ފެނިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ވެލާ ފެނިފައި ވަނީ އެއްވެސް މީހަކު ނުގެންގޮސް އޮތް ހަތަރު ލަގެޖު ފޮށިންނެވެ. އަދި އެމީހާ ފޮށިތައް ނުގެންދިޔައީ ގާނޫނާ ހިލާފަށް ޖަނަވާރު ފިލިޕީންސަށް އެތެރެ ކުރުމުން ހަރުކަށި އަދަބުދޭ ކަން އެނގުމުން ކަމަށް ބެލެވެ އެވެ.

ފިލިޕީންސްގެ ބިއުރޯ އޮފް ކަސްޓަމްސްއިން ވަނީ ވެލާ ފެނިފައި ވަނީ ހޮންކޮންގުން މެނީލާއަށް ދިޔަ ފިލިޕީންސް ރައްޔިތެއްގެ ލަގެޖުން ކަމަށް ބުނެފަ އެވެ.

ފޮށިތަކަށްލާ ބަންދުކޮށްފައި ތިބި ވެލާތައް -- ފޮޓޯ: ފިލިޕީންސް ކަސްޓަމްސް

އެވެލާ ވިއްކި ނަމަ، އޭގެ އަގު 86،631 ޑޮލަރަށް އަރާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އެވެލާތައް އެތެރެ ކުރި މީހުން ހައްޔަރުކޮށްފި ނަމަ، އެމީހުން ދެ އަހަރަށް ޖަލަށް ލާން ހުކުމްކޮށް، 3،865 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެއެއާޕޯޓުން ފެނުނު ވެލާތަކާ އެކު، އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ ނެތިހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ކަހަނބުތަކެއް ވެސް ފެނިފައިވެ އެވެ.

އެވެލާތައް މިހާރު ވަނީ ފިލިޕީންސްގެ ވައިލްޑްލައިފް ޓްރެފިކް މޮނިޓަރިން ޔުނިޓާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް