ވާވޭގެ ސީއެފްއޯ ހައްޔަރު ކުރި މައްސަލައިގައި، ކެނެޑާގެ ސަރުކާރު ގޮވައިގެން ކޯޓަށް

ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ -- ފޮޓޯ: އީޕީއޭ

އޮޓަވާ (މާޗް 4): ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު މެންގް ވަންޖޯ ކެނެޑާއިން ހައްޔަރު ކުރުމާ ގުޅިގެން، އެގައުމުގެ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން މިދިޔަ ޑިސެމްބަރު މަހު މެންގް ހައްޔަރު ކުރީ ވެންކޫވާ އެއާޕޯޓުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ އެގައުމުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ވިޔަފާރިކޮށް، ބޭންކުތަކަށް އޮޅުވާލާފަ އެވެ.

ނަމަވެސް މެންގް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އޭނާ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން ކެނެޑާގެ ސަރުކާރާއި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް (އާރުސީއެމްޕީ) އާއި ކެނޭޑިއަން ބޯޑާ ސާވިސެސް އޭޖެންސީ (ސީބީއެސްއޭ)އިން ވަނީ އޭނާގެ މަދަނީ ހައްގުތަކަށް އަރައިގަނެފަ އެވެ.

މެންގް ބުނި ގޮތުގައި އާރުސީއެމްޕީން އޭނާ ހައްޔަރު ކުރުމުގެ ކުރިން ސީބީއެސްއޭއިން ވަނީ އޭނާއަށް އޮޅުވާލައިގެން، އޭނާ އެއާޕޯޓުގައި ހިފަހައްޓައި، ބަލާ ފާސްކޮށް، ސުވާލުކޮށްފަ އެވެ. އަދި އެއޮފިސަރުން މެންގް ހިފެހެއްޓީ އޭނާ ހައްޔަރުކޮށްފި ނަމަ ނުލިބިދާނެ މައުލޫމާތު ހޯދުމަށްޓަކައި ކަމަށް ބުނެފަ އެވެ.

އެހެންކަމުން މެންގް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި އެއޮފިސަރުން ވަނީ އޭނާ ހިފެހެއްޓި ސަބަބާއި، އޭނާއަށް ގާނޫނީ ލަފާ ހޯދޭނެ ކަމާއި ހަނު ހުރެވޭނެ ކަން ހާމަ ކުރަން ގަސްތުގައި ދެކޮޅު ހަދާފައި ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ.

މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އަދި އޭނާ އެމެރިކާއާ ހަވާލު ކުރުމާ ބެހޭ ގޮތުން އަންނަ މަހު ކެނެޑާގެ ކޯޓަކުން ގޮތެއް ނިންމާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް