މަގާމާ ހަވާލުވި އިރު ސިފައިން ތިބީ ނާއުންމީދުވެ މާޔޫސްވެފައި: މިނިސްޓަރު މާރިޔާ

މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީ ސިފައިންނާއި ބައްދަލުކުރެއްވަނީ: މަގާމާއި ހަވާލުވެ ވަޑައިގެންނެވި އިރު، ނިމިގެން ދިޔަ ސަރުކާރުން ސިފައިންނާ މެދު ކަންތައްތައް ކުރިގޮތުން އެ ފަރާތްތައް ތިބީ ނާއުންމީދުވެ މާޔޫސްވެފައި ކަމަށް ވިދާޅުވި -- ސަން ފައިލް ފޮޓޯ / އަޙުމަދު އަވްޝަން އިލްޔާސް

ޑިފެންސް މިނިސްޓަރުކަމުގެ މަގާމާ އެކަމަނާ ހަވާލުވެ ވަޑައިގެންނެވި އިރު، ނިމިގެން ދިޔަ ސަރުކާރުން ސިފައިންނާ މެދު ކަންތައްތައް ކުރިގޮތުން އެ ފަރާތްތައް ތިބީ ނާއުންމީދުވެ މާޔޫސްވެފައި ކަމަށް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ އެހެން ވިދާޅުވެފައިވަނީ، އޭނާ ދެއްކެވި ވާހަތަކަތެއް ސަބަބުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރައްވައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ދިވެހި އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުން ކަން މާރިޔާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ނިމިދިޔަ ސަރުކާރުން އަސްކަރިއްޔާ ބޭނުންކޮށްފައިވަނީ ނާޖާއިޒު ގޮތުގައި އެކި އެކި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށެވެ.

"އަޅުގަނޑު އެތަނަށް ވަން އިރު ކުރިންވެސް ދަންނަވާލި ފަދައިން ކަންތައްތައް އޮތީ ވަރަށް ހާލު ދެރަކޮށް ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ.

"އެންމެ ދެރަކަމަކީ އަޅުގަނޑުމެންގެ ދިފާއީ ހަރަކާތްތައް ހަރަކާތްތެރިވާން ތިއްބެވި ބޭފުޅުން ތިބީ ނާއުންމީދުވެ މާޔޫސްވެފައި އަޅުގަނޑު އެތަނަށް ވަން އިރު. މިއީ އެ ބޭފުޅުންގެ ކުށެއް ނޫން،

އެތައް އަހަރުތަކެއް ވަންދެން ގައުމަށް ހިދުމަތް ކުރެއްވި ސިފައިން، ވޭތުވެދިޔަ ސަރުކާރުން ގޮތެއް ފޮތެއް ނުބަލައި ވަޒީފާއިން ވަކިކޮށްފައިވާ ކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެެވެ. އަދި ވިދާޅުވީ، އެގޮތަށް ނުހައްގުން އަޅާ ފިޔަވަޅު ބެލޭނެ ނިޒާމެއް އޭރު ނެތް ކަމަށެވެ.

"މިކަމާ ހެދި ދިވެހި ސިފައިން ތިބީ ނާއުންމީދުވެ މާޔޫސްވެފައި ވަޒީފާގެ އެއްވެސް ޔަގީންކަމެއް ނެތިފައި،" ރިޓަޔާޑު ބްރިގޭޑިއާ ޖެނަރަލް އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގެ އަސްކަރިއްޔާގައި ތިބީ ކިޔަވައިގެން ތިބި ހޭލުންތެރި ސިފައިން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ބަޔަކު ދައްކާހާ ވާހަކައަކަށް ސިފައިން 'ގުޑުގުޑެއް' ނާޅާނެ ކަމަށެވެ. ނަމަވެސް ބައެއް ކަންބޮޑުވުންތައް ފާޅުކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން އެ ބޭފުޅުން އެބަ ވިދާޅުވީ މި ދޭތެރެއިން ވޭތުވެދިޔަ ހަފްތާ ތަކުގައި އަޅުގަނޑުމެނަށް ދަރުބާރުގޭގެ ޖަލްސާކުރާ މާލަމުންނާއި ސޯޝަލް މީޑިއާއިން ބޭކާރު ވާހަކަތަކެއް އަޑުއިވިގެން ހިގައްޖެ ކަމަށް. އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރާ އެމީހުން އެ ދައްކާ ވާހަކައިން،" މާރިޔާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއް މިނިސްޓަރު މާރިޔާ ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް