އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި ވާހަކައަށް ޑިފެންސް މިނިސްޓަރު މައާފަށް އެދިވަޑައިގެންފި

މާރިޔާ އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު--- ފޮޓޯ: މާރިޔާ

އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވި ވާހަކައަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މައާފަށް އެދިވަޑައިގެންފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިއާ އިން ބޭނުން ނަމަ ރާއްޖެ ހިފި ވެސް ދާނެ ކަމަށާއި އަދި ރާއްޖޭގައި މިހާރު ހަރުކުރަމުންދާ ރާޑަރުތައް އިންޑިއާއަށް މުހިއްމު ނޫން ކަމަށެވެ.

އެ ވާހަކައާ ގުޅިގެން މިނިސްޓަރު މާރިޔާ މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. މާރިޔާއާ ސުވާލު ކުރުމަށް ހުށަހަޅާފައި ވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ.

މިއަދުގެ މަޖިލީހުގައި މިނިސްޓަރު މާރިޔާ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ލައިވްކޮށް ނޫނީ ރެކޯޑްކޮށްގެން ގެންނަ އިންޓަވައިތަކުގައި 'އަލުން ޖަވާބު ދިނުމުގެ ފުރުސަތެއް ނޯންނަ' ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުގެ އިންޓަވިއުގައި އެބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް އުފެދި އޮޅުމެއް އަރާފައިވާ ނަމަ އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާ އެކު މައާފަށް އެދެން،" މާރިޔާ ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ވަރަށް ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކިވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ބައެއް މީހުނަށް ނުތަނަވަސްކަން އައިސްގެން އުޅެނީ 22 މިނެޓްގެ ތެރެއިން ފަސް ސިކުންތުގެ ވާހަކައަށް ކަމަށެވެ.

އެ ވާހަކަތަކުގައި ދޭން ބޭނުންވި މެސެޖު މާރިޔާ ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.

އެގޮތުން އިންޑިއާއަކީ އަސްކަރީ ވަރުގަދަ ބާރެއްކަމަށްވީ ނަމަވެސް އެ ގައުމުން އަބަދު ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހްތިރާމްކުރާ ކަމަށާއި ދެ ގައުމު ދޭތެރޭގައި މުއާމަލާތް ކުރަނީ ހަމަހަމަކަމާ އެކު ކަން ވެސް މާރިޔާ ފާހަގަކުރެއްވި އެވެ. އިންޑިއާއަކީ ބޮޑު ގައުމަކަށްވީ ނަމަވެސް އެ ގައުމުދެކެ ރާއްޖެ އިން ބިރުގަންނަން ނުޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަތައް ބައެއް ފަރާތްތަކުން މާނަ އޮޅޭ ގޮތަށް ހަބަރު ފަތުރާފައިވާ ކަމަށް މީގެ ކުރިން ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި މީޑިއާ އިން މިނިސްޓަރުގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށާއި އެ ވާހަކަތަކުން ބަޔެއް އުނިކޮށްގެން ފަތުރަމުންދާ ހަބަރުތަކަކީ، "ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވައިލައި، ސިޔާސީ މަންފާ ހޯދުމަށް،" ފަތުރަމުންދާ ހަބަރުތަކެއް ކަމަށް މިނިސްޓްރީން ވަނީ ތުހުމަތުކޮށްފަ އެވެ.

https://sun.mv/115093

comment ކޮމެންޓް