ރޮޖާސް ފެޑްރާ 100 ވަނަ އޭޓީޕީ ތަށި އުފުލާލައިފި

100 ވަނަ އޭޓީޕީ ތަށި ރޮޖާސް ފެޑެރާ އުފުލާލަނީ --- ފޮޓޯ/ ބީބީސީ

މި އަހަރުގެ ދުބާއީ ޗެމްޕިއަންޝިޕް ޓުއާ ކާމިޔާބުކޮށް އެސޯސިއޭޝަން އޮފް ޓެނިސް ޕްރޮފެޝަނަލް (އޭޓީޕީ)ގެ 100 ތަށި ރޮޖާސް ފެޑްރާ ހަމަކޮށްފި އެވެ.

އުމުރުން 37 އަހަރުގެ ފެޑްރާ ވަނީ މިހާތަނަށް ރެކޯޑް 20 ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމްގެ ތަށި ހޯދައިފަ އެވެ. އޭނާ ވަނީ އެންމެ ފަހުން ދުބާއީގައި ބޭއްވުނު ޓުއާގެ ފައިނަލުގައި ސްޓެފެނޯސް ސިޓްސިޕަސް ދިފާއުކޮށް އޭޓީޕީގެ 100 ތަށި އޭނަގެ ނަމަށް އިތުރުކޮށްފަ އެވެ.

އޭޓީޕީ އަކީ ޓެނިސް މުބާާރާތްތަކުގެ ތެރެއިން އެންމެ މަތީ ފަންތީގެ މުބާރާތްތަކާ ބެހޭ ޕްރޮފެޝަނަލް އެސޯސިއޭޝަން އެކެވެ. ފިރިހެން ޓެނިސް ކުޅުންތެރިންނަށް ހާއްސަ މި އެސޯސިއޭޝަނުން ބާއްވާނީ ދުނިޔޭގެ ޓެނިސްގެ އެންމެ ބޮޑެތި ޓެނިސް ޓުއާތަކެވެ.

ފެޑްރާ އޭނަގެ ފުރަތަމަ އޭޓީޕީ ތަށި ހޯދީ މީގެ 6600 ދުވަސް ކުރިން 4 ފެބްރުއަރީ 2001ގަ އެވެ. އެ މެޗު އޭނަ ކާމިޔާބު ކުރީ ފްރާންސްގެ ޖޫލިއެން ބައުޓާއާ ވާދަ ކުރުމަށް ފަހު އެވެ.

"މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް، ވަރަށް އުފާވެއްޖެ މިތާގައި [ދުބާއީގައި] އަށް ވަނަ ފަހަރަށް މި ތަށި ހޯދުނީތީވެ. އަދި މި ތައްޓާ އެކު ޖުމްލަ 100 ތަށި ހޯދުމަކީ ކުރަމުން އައި ވަރަށް ބޮޑު އުއްމީދެއް." ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެޑްރާ ބުންޏެވެ.

ރޮޖާސް ފެޑްރާ އަކީ މި އަދަދަށް އޭޓީޕީގެ ޓުއާތައް ކާމިޔާބު ދެވަނަ ކުޅުންތެރިޔާ އެވެ. މި ޝަރަފު މީގެ ކުރިން 1983 ވަނަ އަހަރު އެމެރިކާގެ މަޝްހޫރު ކުޅުންތެރިޔާ ޖިމީ ކޯނޯސް ވަނީ ހޯދައިފަ އެވެ. ކޯނޯސް ޓެނިސް ކުޅުން ހުއްޓާލުމުގެ ކުރިން 109 ފަހަރު އޭޓީޕީގެ ތަށި ހޯދާފައިވާ އިރު ކުރިއަށް އޮތް އަހަރު ތަކުގައި އިތުރު 10 ތަށި ފެޑްރާ ކާމިޔާބު ކޮށްފި ނަމަ އެންމެ ގިނަ އޭޓީޕީ ތަށި ހޯދުމުގެ ޝަރަފު ފެޑްރާއަށް ލިބިގެން ދާނެ އެވެ.

ފެޑްރާއާ ވާދަކޮށް ބަލިވި ނަމަވެސް ސިޓްސިޕަސް އަށް އަންނަ ހޯމަ ދުވަހު ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައަށް އޭނަ ޖެހިލާނެ އެވެ. މީގެ ކުރިން ގަދަ ދިހައަކަށް އަރާފައި ނުވާ ސިޓްސިޕަސް ވަނީ ފެޑްރާއާ ވާދަކޮށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.

comment ކޮމެންޓް