ޗެމްޕިއަންސް ލީގުގެ އުއްމީދު އެބައޮތް: ސޮލްޝަޔާ

މެންޗެސްޓާ ޔުނައިޓެޑްއާއި ސައުތަމްޓޮން ބައްދަލު ކުރި މެޗުގައި ރޮމެލޫ ލުކާކޫ ގޯލު ޖެހުމަށްފަހު --- ފޮޓޯ / ޖޯ ރައިޓް

އިނގިރޭސި ޕްރިމިއާ ލީގުގައި އެއްވެސް މެޗަކުން ބަލިވެފައި ނުވާ "އޮލެ ގުނަ ސޯލްޝަޔާގެ މެންޗެސްޓާ ޔުނައިޓެޑް" ޗެމްޕިއަންސް ލީގުގައި އަދިވެސް ކުރިއަށް ދިއުމުގެ އުއްމީދު އެބަ އޮތް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ.

ރޭ ސައުތަމްޓޮން އާއި ވާދަކޮށް، ފަހަތުން އަރައި 2-3 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު، ޗެމްޕިއަންސް ލީގުގެ ތާރިހީ އެނބުރި އައުމަކުން އާދެވޭނެ ކަމުގެ އުއްމީދު އެ ޓީމުގައި އެބަ އޮތް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސޮލްޝަޔާ ބުނެފިއެވެ.

އޭނަ ޔުނައިޓެޑްގެ ޓީމާއި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ހަވާލުވުމަށްފަހު ޕްރިމިއާ ލީގުގެ އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ.

މެންޗެސްޓާ ޔުނައިޓެޑް ގެ ކޯޗު އޮލެ ގުނަ ސޯލްޝަޔާ --- ފޮޓޯ/ މެޓް ޑޯމަން

ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި މިހަފްތާ، ޕީއެސްޖީއާ ޔުނައިޓެޑް ވާދު ކުރާއިރު ޕީއެސްޖީ އިން ވަނީ ޔުނައިޓެޑް ކޮޅަށް ފުރަތަމަ ލެގުގައި ދެ ގޯލު ޖަހާފައެވެ. ޔުނައިޓެޑް މުބާރާތުން އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ ޕީއެސްޖީ ބަލި ކުރަން ޖެހޭނީ ތިން ގޯލުގެ ފަރަގަކުންނެވެ.

ނަމަވެސް ރަށުން ބޭރުގަ ކުޅެން ޖެހުމާ، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޕޯލް ޕޮގްބާގެ ސަސްޕެންޝަނުގެ އިތުރުން ޓީމުގެ ގިނަ ކުޅުންތެރިންގެ އަނިޔާގެ ސަބަބުން ޓީމު އޮތީ މާޔޫސް ކަމެއްގެ ތެރޭގައެވެ. ރޭގެ މެޗުން ފަހަތުން އަރާ ސައުތަމްޓޮމް އަތުން ޔުނައިޓެޑް މޮޅުވި މެޗަށް ފަހު އެ ޓީމު ކޯޗު ވަނީ ޓީމަށް ހިއްވަރު ލިބިއްޖެ ކަމަށާއި ޗެމްޕިއަންސް ލީގު މެޗަށް ނުކުންނާނީ މޮޅެއް ހޯދުމުގެ އުއްމީދުގައި ކަމަށެވެ.

"ކުޅުންތެރިން ތިބީ ޖޯޝާ އެކު. ބުދަ ދުވަހުގެ މެޗަށް [ޗެމްޕިއަންސް ލީގު މެޗަށް] ޓީމު އޮތީ ތައްޔާރަށް. އިނގޭ މިހެން ބުނާ އިރުވެސް އެއީ ވަރަށް އުނދަގޫ ވާނެ ކަމެއް ކަން. އެކަމަކު މި ޓީމުގަ އެބަހުރި އެ ކަން ކުރުމުގެ ގާބިލުކަން. ބާސެލޯނާ އިން ވެސް މީގެ ކުރިން އެފަދަ އެނބުރި އައުމެއް ފުޓުބޯޅައިގައި ދެއްކި. އަހަރަމެންނަށް އެކަން ނުވާނެ އެކޭ ނުބުނާނަން،" ރޭގެ މެޗަށް ފަހު ނޫސް ވެރިންނާ ވާހަކަ ދައްކަމުން ސޮލްޝަޔާ ބުންޏެވެ.

ރޭގެ މެޗުގައި މެންޗެސްޓާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ސައުތަމްޓޮން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ޔުނައިޓެޑް އިން ދެ ގޯލު ޖެހިއެވެ. ނަމަވެސް ސައުތަމްޓޮން އިން މެޗު ހަމަހަމަ ކުރުމުން މެޗު ނިމެން ދަނިކޮށް ފަހުވަގުތު ޔުނައިޓެޑްއަށް މެޗު ކާމިޔާބު ކޮށްދިނީ ރޯމެލޫ ލުކާކޫ އެވެ.

comment ކޮމެންޓް