ސައުދީ ވަފްދުން ކިންގް ސަލްމާން މިސްކިތް ބައްލަވާލައްވައިފި

ސައުދީ ވަފުދުގެ ބޭފުޅުން އިސްލާމިކް އެފެއާޒް މިނިސްޓަރު އަރިހުގައި -- ފޮޓޯ: އިސްލާމިކް އެފެއާޒް

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ އަރަބިޔާގެ އިސްލާމިކް މިނިސްޓްރީގެ ވަފުދުން ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ.

މާލޭގެ އިރުމަތީ ފަރާތުގައި ބިނާ ކުރާ ކިންގް ސަލްމާން މިސްކިތަކީ ސައުދީގެ ހިލޭ އެހީގައި ބިނާ ކުރާ މިސްކިތެކެވެ. އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ ގޮތަށް އަޅާ މި މިސްކިތުގެ މަސައްކަތަށް ސައުދީ އިން ވަނީ 95 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.

ކިންގް ސަލްމާން މިސްކިތަކީ ހަ ފަންގިފިލާއަށް ބިނާ ކުރާ އިސްލާމީ މަރުކަޒެކެވެ. އެ ތަނުގައި މަލްޓިޕާޕަސް ހޯލަކާއި އިސްލާމިކް ލައިބްރަރީއެއްގެ އިތުރުން ނަމާދުކުރާނެ ޖާގަ ވެސް ހުންނާނެއެވެ.

ކިންގް ސަލްމާން މިސްކިތުގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާ އިރު މިހާރު ކުރިއަށްދަނީ ހިޔާކުރުމުގެ މަސައްކަތެވެ.

ސައުދީގެ އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ދީނީ އެއްބައިވަންތަކަން ވަރުގަދަކޮށް ކުރިއެރުވުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ މިސްކިތުގެ ކޮންކްރީޓް ފައުންޑޭޝަން އެޅީ 15 ފެބުރުއަރީ 2018ގަ އެވެ.

އެ މިސްކިތް ބިނާ ކުރަނީ ތުރުކީގެ ކުންފުޏަކުންނެވެ.

comment ކޮމެންޓް