ރާއްޖޭގައި މި ވަގުތު ހުރި އެންމެ އުއްމީދީ މިޑްފީލްޑަރު އިއްބެ މާޒިޔާއަށް

އިބްރާހިމް ވަހީދު ހަސަން (އިއްބެ) މާޒިޔާއަށް ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ ސްޕޯޓްސް

ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރު ޓީސީ ސްޕޯޓްސް ކުލަބުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ އުއްމީދީ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ސޮއި ކޮށްފިއެވެ.

މިއަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ސޮއި ކުރި ފުރަތަމަ ކުޅުންތެރިޔާ، އިއްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ކުލަބުގެ ފެންވަަރުގަ އާއި ގައުމީ ފެންވަރުގައި ވެސް އިއްބެ ވަނީ ވޭތުވެ ދިޔަ ސީޒަނުގައި ރަން ވަނަ ތަކެއް ހޯދާފައެވެ.

އުމުރުން 23 އަހަރުގެ އިއްބެ އޭނަގެ ޕްރޮފެޝަނަލް ފުޓުބޯޅަ ހަޔާތް ފެށީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. 2013 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ހުރިހާ މުބާރާތެއް އެ ޓީމު ކާމިޔާބު ކުރި އިރު އިއްބެ ވަނީ ނިއުރޭޑިއަންޓްގެ އޭރުގެ ސްކޮޑްގައި ހިމެނިފައެވެ. ނަމަވެސް އެ އަހަރުގެ އެއްވެސް މުބާރާތުގެ މެޗެއް ކުޅުމުގެ ފުރުސަަތު އިއްބެއަކަށް ނުލިބެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގެ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްބެ ޓީސީއާއި ގުޅުނީ 2015 ވަނަ އަހަރު އެވެ. ފުރަތަމަ ކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނަމަވެސް ޓީސީގެ އޭރުގެ ކޯޗު، އަހްމަދު ނިޒާމް (ނިޒާންބެ) ގެ ޕްލޭންގެ ދަށުން އިއްބެ ޓީސީގެ ފުރަތަމަ އެގާރައިގައި ހިމެނޭން ފެށިއެވެ.

ކޯޗުގެ އިތުބާރު ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހޯދައި ރާއްޖޭގެ ފުޓުބޯޅައިގެ ހަރުފަތުގެ އެންމެ މަތީގައި މިވަގުތު އިއްބެ ހުރި އިރު އޭނާ ވަނީ ޓީސީއާ އެކު ބޮޑެތި ކާމިޔާބު ތަކެއް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ހޯދުމުގެ އިތުރުން ސަރަހައްދީ ބައިނަލް އަގުވާމީ މުބާރާތެއް ކަމަށްވާ ޝެއިޙް ކަމާލް ކަޕްގެ ޗެމްޕިއަން ކަން ޓީސީ ހޯދުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.

ވޭތުވެ ދިޔަ އަހަރަކީ ހުރިހާ ގޮތަކުން ވެސް އިއްބެއަށް ފުޓުބޯޅައިގެ އެންމެ ކާމިޔާބު އަހަރު ކަމަށް އޭނާ ބުނެއެވެ. ސަބަބަކީ ޓީސީއަށް ރާއްޖޭގެ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްދިނުމުގެ އިތުރުން 10 އަހަރަށް ފަހު ރާއްޖެއަށް ސާފު ޗެމްޕިއަންޝިޕް ހޯދައިދިން އިރު އިއްބެ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް ވާތީއެވެ. އެގޮތުން ވެސް އިއްބެ އެންމެ ފާހަގަ ކޮށްލެވެނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ރާއްޖެ މޮޅު ކޮށްދިނުމަށް ނޭޕާލް ކޮޅަށް ޖެހި ދެ ގޯލުންނެވެ.

އިއްބެ ވަނީ އޭނަ މާޒިޔާއަށް ސޮއެ ކުރުމުގެ ކުރިން އޭނަގެ ކުރީގެ ކުލަބު ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނަށާއި މެނޭޖްމެންޓުގެ އިތުރުން ސަޕޯޓަރުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ޓީސީން ދިން ފުރުސަތު އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށާއި ޓީސީގައި ހޯދުނު ކާމިޔާބީތަކާ މެދު ހިތްހަމަ ޖެހޭ ކަމަށް އިއްބެ ވަނީ ބުނެފައެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓް ހަލަބޮލި ވެފައި ވާ މި ދުވަސްވަރު މާޒިޔާގެ ފަރާތުން އަދި މިހާތަނަށް މާ ގިނަ ކުޅުންތެރިން ތަކެއް އެ ޓީމަށް ގެންދިޔަ ކަމެއް ރަސްމީ ގޮތެެއްގައި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ޓީސީއަށް މިދިޔަ އަހަރު ކުޅެދިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އަބްދުﷲ ހަނީފް (ބެންޖޯ) ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) ފަދަ ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމާއި މި ސީޒަނުގައި ގުޅޭނެ ކަމުގެ "ޔޯލަ" ވާހަކަ ވަނީ ފެތުރިފައެވެ.

comment ކޮމެންޓް