"ބީރު" މީހާއަށް އަޑު އިވުމާއި "ކަނު" މީހާއަށް ފެނި ވެސް ދާނެއޭ މިބުނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް އެއްވެސް ކުޑައިމީސް ބަހެއް ބުނުމުގެ ނިޔަތެއްގައެއް ނޫނެވެ. ފެނުމާއި އިވުމާއި އިހުސާވުމަކީ އިންސާނާގެ ފަސް ހިއްސުގެ ތެރޭގައި ހިމެނޭ ހިއްސުތަކަށްވާ އިރު، އެ ހިއްސުތަކަކީ ރޫހާނީ ހިއްސުތަކެއް ވެސް މެ އެވެ.
މުހިންމު ކަންތައްތަކަށް ބީރު ކަންފަތެއް ދިނުމާއި ފެންނަ މަންޒަރުތައް ނުފެންނަ މަންޒަރުތަކަށްވެ އިންސާނާގެ ހަމަ ބުއްދި އޮޅޭ ހިސާބަށްދާކަން އެނގޭ ހެއްޔެވެ؟ މިއީ ކުޅެދޭ މީހުން ނުކުޅެދުންތެރި ކަމަށް ހުށަހެޅި އިއާދަ ނުކުރެވޭނެ ބޮޑެތި ގެއްލުންތަކަށް އިންސާނާ ހުށަހެޅިގެން ދިއުމުގެ އެއް އަސްލެެވެ. މިއީ ވެސް އެފަދަ މިސާލެކެވެ.
އިންޑިއާގެ ކަޝްމީރުގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ 40 ސިފައިން މަރުވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގެ މަސްރަހު ވަނީ ވަރަށް ބޯޑަށް ގޯސްވެފަ އެވެ. ޕާކިސްތާނުގެ ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ބުނެ އިންޑިއާ އިން ވަނީ އެގައުމަށް ހަމަލާތަކެއް ވަނީ ދީފަ އެވެ. އަދި ޕާކިސްތާނުން ރައްދުގައި ހަމަލާދީ އިންޑިއާގެ ފައިޓާ ޖެޓެއް ވެސް ވަނީ ވައްޓާލައިފަ އެވެ.
ދެ ގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެގެން ދިޔަ އިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އިންޑިއާގެ މީޑީއާތަކުން މަސްރަހު އިތުރަށް ގޯސްކުރަން، އަންދަމުން ދިޔަ އަލިފާންގަނޑު ތަކެވެ. "ޖިންގޮއިސްޓިކް ޖާނަލިޒަމް" ނިވާފަތް ގަނޑެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިރު އިންޑިއާގެ ގިނަ މީހުންނަށް ރެޔަކާ ވެސް ނުލަ އެވެ. އަޑު ގަދަ މީހާ ރުއް ގިނަވާނެއޭ ބުނާ ފަދައިން ކޮންމެ ނޫސްވެރިއަކު ވެސް ބެލީ އެ މީހެއްގެ އަޑުގެ ވަރުގަދަ ނުފޫޒު ބޭނުންކޮށްގެން މަސްރަހު ގޯސްކުރުމަށެވެ.
ޕައިލެޓާ މެދު ބެހެއްޓި އިންސާނިއްޔަތުކަމުގެ ސަބަބުން ތައުރީފް އޮހެނީ
ޕާކިސްތާނުން، އިންޑީއާ އިން ދޭން ފެށި ހަމަލާތަކަށް ރައްދުދީ އިންޑިއާގެ ޕައިލެޓެއް އަތުލައިގަތް ފަހުން މަންޒަރު ވަނީ ބަދަލުވެފަ އެވެ. ކުރިން އިންޑިއާގެ މީޑިއާތަކުގައި ގުގުމާލި ވަރުގަދަ ވިހަ ޖުމްލަތަކުގެ އަޑުތައް މިހާރު ވަނީ އަޑުމަޑުވެފަ އެވެ.
ޕާކިސްތާނުން އަތުލައިގަތް އިންޑިއާގެ ޕައިލެޓް އަބީނަންދަން ވަރުތަމަންއާ މެދު އެގައުމުގެ ސިފައިން ބެހެއްޓި އިންސާނިއްޔަތުކަމަށް އިންޑިއާގެ ރައްޔިތުންގެ ތައުރީޕް ވެސް ޕާކިސްތާނުގެ ސިފައިންނަށް ވަނީ އޮހެން ފަށައިފި އެވެ.
ޕައިލެޓް އެންމެ ފުރަތަމަ ފެނުނީ ޕާކިސްތާނުގެ ކަޝްމީރުގެ ރައްޔިތުންނަށެވެ. އޭނާ ފެނުމާ އެކު ރައްޔިތުންގެ ބަޔަކު އައިސް އޭނާއަށް ހަމަލާދީ މަރާލަން އުޅުނެވެ. ނަމަވެސް ޕާކިސްތާނުގެ ސިފައިން އައިސް ވަނީ އެކަން ހުއްޓުވައިފަ އެވެ.
Indian pilot thanks Pak Army for saving him from lynch mob pic.twitter.com/uGyxXXAcrH
— atifnadeem (@atifnadeem23) February 28, 2019
ޚުދު ޕައިލެޓް ވެސް ވަނީ، ޕާކިސްތާނުން އާންމުކުރި ވީޑިއޯއެއްގައި، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީތީ ޕާކިސްތާނުގެ ސިފައިންނަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަންނާ މެދު ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް. އެނބުރި އިންޑިއާއަށް ދިއުމަށް ފަހު ވެސް ހަމަ ބުނާނީ މިހެން." ޕައިލެޓް ބުންޏެވެ.
އިންޑިއާގެ މަޝްހޫރު ޖާނަލިސްޓް ބަރްކާ ދަތު ވިދާޅުވީ ޕައިލެޓްއާ ދޭތެރޭ ކަންތައްކުރީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި އަދި އޭނާ ސަލާމަތުން ހުރިތަން ފެނުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.
"މޮބް މެންޓާލިޓީ"ގެ މީހުންނަކީ ވަރަށް ނުރައްކާތެރި ބައެއް
އިންޑިއާގެ ޕައިލެޓްއަށް ޕާކިސްތާނުގެ އާންމުންގެ ބޮޑު މޮބަކުން އައިސް ދިން މަރާލަން ދިން ހަމަލާއަކީ އާ ކަމެއް ނޫނެވެ. ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ "މޮބް މެންޓާލިޓީ"ގެ މީހުންގެ ޝިކާރައަކަށް މީގެ ކުރިން ވެސް އެތަކެއް ބަޔަކުވެ ފުރާނަ ގެއްލިގެން ގޮސްފައިވެ އެވެ.
އިރާނުގެ ލިޔުންތެރިޔާ ޝަހްރަމް ކޮސްރާވީ އޭނާ ލިޔުއްވި "އިލީގަލް ޓެރެވަލާ- އެން އޮޓޯ އޮތްނާގްރޮފީ އޮފް ބޯޑާސް"ގައި އިންޑިއާ ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގެ ނުރައްކާތެރިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދީފައިވެ އެވެ.
"ބެހްރޫޒް އަކި އީރާނަށް ނިސްބަތްވާ އަހަރެންގެ ރައްޓެއްސެއް. އެއް އަހަރު ޕާކިސްތާނުގެ ކަރާޗީގައި ކިޔެވުމަށް ފަހު ބެހްރޫޒް ބޭނުންވީ އިންޑިއާއަށް ދާން. އެއީ އީރާން އިރާގު ހަނގުރާމައިގެ ދުވަސްވަރު. އޭރު އިވިފައި އޮތް ގޮތުން ދިއްލީގައި ހުންނަ އދ.ގެ ޔޫއެންއެޗްސީއާރު އިން އީރާނުގެ މީހުންނަށް މާ ހޮޔޮ. ބެހްރޫޒް ބޭނުންވީ އިންޑިއާގެ ލާހުރުން އިންޑިއާއަށް ވަގަށް ވަންނަން. ބަހުރޫޒް އަތުގައި ނެތް ލާރިއެއް. އެހެންވެ އޭނާ ހިޔާރުކުރީ އެ ގޮތަށް އިންޑިއާއަށް ވަންނަން. މިއަދާ ހަމައަށް ވެސް ބެހްރޫޒްގެ ހަބަރެއް ނުވޭ،" ކޮސްރާވީ އޭނާގެ ފޮތުގައި ބުނެފައިވެ އެވެ.
Moment when indian pilot was captured. Saved by #PakArmy from the angry mob.#budgam #PakistanArmyZindabad #Pakistanstrikesback pic.twitter.com/5iqhNWz9sR
— Ahle Media Wal Jamat (@AMWJ_Pak) February 27, 2019
ބެހްރޫޒް ވިދާޅުވީ އެފަދައިން ބޯޑަރު ހުރަސްކުރާ މީހުން އެ ސަރަހައްދުގެ އާންމުންގެ ބޮޑެތި މޮބްތަކުގެ ޝިކާރައަކަށްވެ ވަރަށް ގިނައިން މަރުވެފައިވާ ކަމަށެވެ. ޚުދު އޭނާ އިންޑިއާއަށް ކުރި ދަތުރުތަކުގައި މީހުންނާ ބައްދަލުވެ އެ ވާހަކަތައް ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނގުރާމައިގެ އަސީރުންނަށް ކަމޭ ހިތުމަށް ދީން ވެސް ބާރު އަޅާ
ޖެނީވާ ކޮންވެންޝަންގެ ހަނގުރާމައިގެ އަސީރުންނަށް ކަމޭހިތައި އިންސާނިއްޔަތުކަން ބެހެއްޓުމަށް ބުނެފައިވާ ފަދައިން އިސްލާމް ދީން ވެސް އެފަދައިން އަމަލުކުރުމަށް ވަނީ އަންގަވައިފަ އެވެ.
އިޓަލީގެ އިސްތިއުމާރުގެ ދަށުން ލީބިޔާ މިނިވަންކުރުމަށް ޖިހާދު ކުރެއްވި އެގައުމުގެ މަޝްހޫރު ލީޑަރު އުމަރު މުހުތާރު، އިޓަލީގެ ދެ ސިފައިން ރަހީނުކުރި މައްސަލާގައި ވިދާޅުވެފަ އެވެ.
— iFaqeer (@iFaqeer) February 27, 2019
"އަހަރުމެން އަސީރުންނެއް ނުމަރަމެވެ."
އުމަރު އެފަދައިން ވިދާޅުވުމުން އޭނާގެ އަހު ވިދާޅުވި އެވެ.
"އެކަމަކު އިޓަލީ ސިފައިން އަސީރުން މަރައެވެ."
ނަމަވެސް އުމަރު ވިދާޅުވި އެވެ. "އެ މީހުންނަކީ އަހަރުމެންގެ މުދައްރިސުންނެއް ނޫނެވެ." [މާނައަކީ: އަހަރެމެން އެމީހުން ކަންކަން ކުރާ ގޮތަށް ކަންކަން ކުރާކަށް ނުޖެހެއެވެ. އަހަރެމެން ކަންކަން ކުރަން ޖެހެނީ އަހަރެމެންގެ ރަސޫލާ އަންގަވާފައިވާ ފަދައިންނެވެ.]
އަސީރުންނަށް ކަމޭ ހިތައި އިންސާނިއްޔަތުކަން ބެހެއްޓުމަށް އަންގަވާފައި އޮތްނަމަވެސް ފަހަކަށް އައިސް ހުދު މުސްލިމުންގެ ތެރޭގައި އަސީރުންނާ މެދު ވަރަށް އަނިޔާވެރިކޮށް ކަންތައްކުރަމުންދާތަން ފެނެ އެވެ. ޕާކިސްތާނު ފަދަ ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާއަތްތަކުން، އެގަމުގެ ސިފައިން ރަހީނުކޮށް ބޯ ބުރިކޮށް ވީޑިއޯކޮށްފައި ހުންނަ މަންޒަރު ވެސް ދޭތެރެ ދޭތެރެއިން ފެނެ އެވެ. ހުދު ސީރިއާގައި ވެސް އެފަދަ މަންޒަރުތައް ތަކުރާރުވަމުންދާ ތަން ފެނެ އެވެ.
"މޮބުން" ޕައިލެޓް މަރާލިނަމަ ވާނީ ކިހިނެއް؟
އިންޑިއާގެ ޕައިލެޓްއާ މެދު ޕާކިސްތާނުގެ ސިފައިން އިންސާނިއްޔަތުކަން ބެހެއްޓިނަމަވެސް، އޭނާ އަތުލައިގަތް ސަރަހައްދުގެ މީހުންގެ މީހުން އަމަލުތަކުގެ ވާހަކައަކީ ނުދައްކައި ދޫކޮށް ނުލެވޭނެ ވާހަކައެއް ނޫނެވެ.
ދެ ގައުމުގެ ދެމެދުގައު މަޝްރަހު ގޯސްވެ ޕައިލެޓް މަރާލި ނަމަ އިންޑިއާގެ އުތުރި އެރުމަކަށް ހުއްޓުމަކަށް ނާންނާނެ އެވެ. އެގައުމުގެ މީޑީއާތަކަށް ވެސް އޭގެ ފައިދާ ރަނގަޅަށް ނަގައި ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ރޯވެފައިވާ އަލިފާންގަނޑަކަށް އިތުރަށް ދަރު އެޅުން ފަދަ ކަމެކެެވެ.
: I was earlier a critic of IK, but after the wise&restrained speech he gave on TV I have become his admirer.
— Markandey Katju (@mkatju) February 28, 2019
އޭގެ ބަދަލުގައި ޕާކިސްތާނުގެ ސަރުކާރުން އަމަލުތައް ބެހެއްޓި ގޮތުން ގިނަ ބައެއްގެ ތައުރީފް އިމްރާން ހާންއަށް ދަނީ އޮހެމުންނެވެ. އިމްރާން ހާން ވަނީ އެ ޕައިލެޓް މިއަދު މިނިވަންކުރާނެ ކަށް ވެސް އިއުލާންކުރައްވައިފަ އެވެ. އިމްރާން ވިދާޅުވީ މިއީ ސުލްހައަށް ޖާގަ ދިނުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށެވެ.
ޕައިލެޓްގެ ހާދިސާއަށް ފަހު، ބަތަލަކަށް ނުވި ނަމަވެސް މިހާރު އޭނާއަކީ ބަތަލެއް ކަމަށް މީޑީއާތަކުން ދަނީ ސިފަކުރަމުންނެވެ. ޕައިލެޓްއާ މެދު ޕާކިސްތާނުން ބެހެއްޓި އިންސާނިއްޔަތުކަމުގެ ލާމަސީލް މިސާލަކީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ފާހަނގަކޮށްލެވޭ އެއް ހާދިސާއެވެ.
Great News- @ImranKhanPTI says the Indian Pilot #AbhiNandan will be released tomorrow as a “goodwill gesture” ????
— Harbhajan Turbanator (@harbhajan_singh) February 28, 2019
ޙުދު ދެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ވެސް ހަނގުރާމައިގެ ތެރޭގައި ސުލްހަ އިހްތިޔާރުކުރުމަށް ގޮވާލުން މިހާރު ދަނީ އިތުރުވަމުންނެވެ.