މާފަންނު ހުޅަނގަށް ވާދަކުރައްވާ ރަފިއްޔާގެ ކެމްޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް

ރަފިއްޔާގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ ޑރ. އާއިޝަތު ރަފިއްޔާގެ ކެމްޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް އެބަދެއެވެ.

ރަފިއްޔާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، ދާއިރާގެ ރައްޔިތުންގެ ހާލަތު ބަލައި ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހަރަކާތްތައް މިހާރު ކުރިއަށް ދާއިރު ކުރިއަށް އޮތްތަނުގައި ކެމްޕެއިނު ބޮޑު ޖަލްސާއެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ.

ޑރ. ރަފިއްޔާގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިންކަންމަތީ ބައްދަލުވުންތައްވެސް ދަނީ ބާއްވަމުންނެވެ. މިހާތަނަށް ތިން ބައްދަލުވުމެއް ބާއްވާފައިވާއިރު މިފަދަ ބައްދަލުވުންތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނެ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޑީއޭގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާ ޑރ. ރަފިއްޔާ އަކީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރެކެވެ. މީގެ އިތުރުން ޑރ. ރަފިއްޔާ އަކީ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫރު (ރަފީ) ގެ ނަމުގައި ޖަމްއިއްޔާ އެއް ހިންގަވާ ޒުވާނުންނާއި އާންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރައްވާ ކަނބަލެކެވެ. ރަފިއްޔާ ވަނީ އިނގިރޭސި ރާނީގެ ޔޫތު ލީޑަރުންގެ މެންޓޯ ޕެނަލްގައިވެސް ހިމެނިވަޑައިގެންފައެވެ.

ރަފިއްޔާ އަށް 2016 ވަނަ އަހަރު ދަރުމައަށް މަސައްކަތް ކުރުމުގެ ދާއިރާއިން ޒުވާނުންގެ އިނާމު ވެސް ލިބިލެއްވިއެވެ. މީގެ އިތުރުން ރެހެންދި އެވޯޑާއި ޖޭސީއައި ޓެން އައުޓްސްޓޭންޑިން ޔަންގް ޕާސަންސް ގެ އެވޯޑުވެސް ރަފިއްޔާ އަށް ވަނީ ލިބިލައްވައިފައެވެ.

comment ކޮމެންޓް