ލަންކާގެ ކުރީގެ ކެޕްޓަން ޖަޔަސޫރިޔާ ދެ އަހަރަށް ސަސްޕެންޑް ކޮށްފި

ސްރީ ލަންކާގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ -- ފޮޓޯ/ ބީބީސީ

ސްރީލަންކާގެ ގައުމީ ކުރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ ދެ އަހަރު ވަންދެން އެއްވެސް ކުރިކެޓް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑު ކޮށްފިއެވެ.

ލަންކާގެ ކުރިކެޓް އެސޯސިއޭޝަން ތެރޭގައި ހިނގި ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން އެކަމަށް ބޭނުންވާ ހެކި ފޮރުވުމާއި އެއްބާރުލުން ނުދިނުމުގެ ސަބަބުން ލިމިޓެޑް އޯވާ ކްރިކެޓުގެ ތާރީހު ދުށް އެންމެ މޮޅު އެއް އޯލްރައުންޑާ ޖަޔަސޫރިޔާ ވަނީ ދެ އަހަރުގެ މުއްދަތައް ކުރިކެޓްގެ ހަރަކާތް ތަކުން ސަސްޕެންޑު ކޮށްފައެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އިން ޖަޔަސޫރިޔާގެ މައްޗަށް އެ މައްސަލައިގައި ކޮށްފައިވާ ދައުވާއަކީ އެންޓި-ކޮރަޕްޝަން ކޯޑާ ހިލާފުވުމުގެ ކުށުގެ ދައުވާއެވެ. ސަބަބަކީ އެ ކައުންސިލުން ބަލަމުން އަންނަ ހިޔާނާތުގެ މައްސަލައަކަށް ޖަޔަސޫރިޔާގެ ފޯނާއި ސިމްކާޑު ދީފައި ނުވާތީއެވެ.

މީގެ ދެ އަހަރު ކުރިން ބަލަން ފެށި އެ މައްސަލައިގައި ފުރަތަމަ ފަހަރު އައިސީސީއިން އެދުމުން ޖަޔަސޫރިޔާ ވަނީ އޭނަ ގެންގުޅުނު ދެ ފޯނެއް އެ ކައުންސިލްއާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން ޖަޔަސޫރިޔާ ވަނީ އޭނަގެ އަތުގައި އިތުރު ދެ ފޯނު އޮތް ކަމަށް ބުނެފައެވެ.

އެ ފޯނުތައް ކައުންސިލްއާ ހަވާލުކުރަން އެދުމުން ޖަޔަސޫރިޔާ ވަނީ އެކި ފަހަރު އެކު ބަހަނާ ދައްކާ ފޯނާއި ސިމްކާޑް ކައުންސިލްއާއި ހަވާލުކުރުމަށް ދެކޮޅު ހަދާފައެވެ. ފޯނު ގެއްލިއްޖެ ކަމަށާއި ގަސްތުގައި ހަލާކު ކޮށްލީކަމުގެ އިތުރުން ޖަޔަސޫރިޔާގެ ޑްރައިވަރު އަތުގައި ކަމަށް ބުނެ އޭނާ ދެއްކި ބަހަނާތައް އެންމެ ފަހުން އައިސީސީއިން ވަނީ ބަލައި ނުގަންނަން ނިންމައި އޭނާއަށް އަދަބު ދޭން ނިންމާފައެވެ.

އެ މައްސަލަ ބަލަމުންދާ އައިސީސީގެ އެންޓި ކޮރަޕްޝަން ޔުނިޓުގެ ޖެނެރަލް މެނޭޖަރު އެލެކްސް މާޝެލް ވިދާޅުވީ މި ކަމުން އިނގިގެން މިދިޔައީ ތަހުގީގައް އެއްބާރުލުން ދިނުމުގެ މުހިންމުކަން ކަމާއި މިފަދަ އަދަބުތައް ދީގެން ވިޔަސް ކޮރަޕްޝަނާއި ދެކޮޅައް ކުރާ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ އިތުރުން ކުޅިވަރުތަކުގެ އަހުލާގު ހިފެހެއްޓުމައް މިއީ އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.

ދެހާސް ބާރަވަނަ އަހަރު ކުރިކެޓް ކުޅުމުން ރިޓަޔާ ކުރި ޖަޔަސޫރިޔާ ވަނީ ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ގިނަ ދުވަސްތަކެއް ވަންދެން ކޮށްދީފއެވެ. އޭނާގެ ކުރިކެޓް ހަޔާތުގައި ޖުމްލަ 12،000 އަށް ވުރެ ގިނަ ލަނޑު ހަދައި 232 ވިކެޓް ނަގާފައި ވެއެވެ.

comment ކޮމެންޓް