ރޮނާލްޑޯއަށް ވަނީ އަނިޔާވެފައި، މިދަނީ ފައިގެ ޓެސްޓް ތައް ހަދަމުން: ޔުވެންޓަސް

ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ / ޖޯ ރައިޓް

ކުރިސްޓިއާނޯ ރޮނާލްޑޯގެ ފައިގެ ކުޑަ ހުޅަށް އަނިޔާވެ ޓެސްޓް ތަކެއް ހަދަމުންދާ ކަމަށް ޔުވެންޓަސް އިން ބުނެފިއެވެ.

އިޓަލިއަން ލީގުގައި (ސީރީ އައި) އެންމެ ފަހުން ބޮލޮނިއާ ވާދަކޮށް ޔުވެންޓަސް މޮޅުވި މެޗުގައި ރޮނާލްޑޯގެ ކުޑަ ހުޅަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އެ މެޗުގެ 90 މިނަޓު ހަމަކޮށް ކުޅެފައިވާ ރޮނާލްޑޯ އަކީ ޔުވެންޓަސްއަށް އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ޔުވެންޓަސްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ގޯލު ޖެހުމަށްފަހު -- ފޮޓޯ / ޖޯ ރައިޓް

އިއްޔެ ޔުވެންޓަސްއިން ބޭއްވި ފަރިތަކުރުން ތަކުގައި ރޮނާލްޑޯ ޓީމާއި އެކު ބައިވެރި ވެފައެއް ނުވެއެވެ. އެކަމަކު ރޮނާލްޑޯ އަމިއްލައަށް ކޮންމެސް ވަރެއްގެ ފަރިތަކުރުންތަކެއް ޓީމާ ވަކިން ހެދި ކަމަށް އިޓަލީގެ ބައެއް ރިޕޯޓްތަކުން ބުނެއެވެ. އަދި އޭނާއަށް ލިބުނު އަނިޔާގެ ސީރިއަސްކަން ދެނެގަތުމަށް އިތުރު ޓެސްޓް ތަކެއް ހަދަން ޖެހޭނެ ކަމަށް ޔުވެންޓަސް އިން ވަނީ ބުނެފައެވެ.

"ރޮނާލްޑޯގެ ކުޑަ ހުޅުގެ ޗެކްއަޕް ހެދުމަށް މިއަދާއި މާދަމާއަށް ވަނީ ތާވަލު ކުރެވިފައި. މި ޓެސްޓް ތަކަކީ މިދިޔަ ބުރާސްފަތި ދުވަހު ބޮލޮނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޭނަގެ ކުޑަ ހުޅަށް ލިބުނު އަނިޔާ ދެނެގަތުމަށް ހަދާ ޓެސްޓް ތަކެއް." ޔުވެންޓަސްގެ އޮފިޝަލް ވެބްސައިޓުގައި ކުރި ޕޯސްޓްއެއްގައި ބުނެފައި ވެއެވެ.

ރެއާލް މެޑްރިޑްއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ މި ސީޒަނުގައި ޔުވެންޓަސްއާ ގުޅުނީ 112 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ ވަނީ މި ސީޒަނުގައި 19 ގޯލު އިޓަލިއަން ލީގުގައި ޔުވެންޓަސް އަށް ޖަހައިދީފައެވެ.

ސީރީއައިގެ އެއްވަނައިގައި ބޮޑު ލީޑެއް މިހާރުވެސް ނަގާފައިވާ ޔުވެންޓަސް އަންނަ އާދިއްތަ ދުވަހު ސެން ޕައުލޯއާ ވާދަ ކުރާއިރު އެ މެޗުން މޮޅުވެއްޖެ ނަމަ 16 ޕޮއިންޓުގެ ފަރަގެއް އެއްވަނައިގައި ގާއިމު ކުރެވޭނެއެވެ. މި ސީޒަނުގައި ލީގުގެ އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައި ނުވާ ޔުވެންޓަސްއަށް މިހާރު ވަނީ ލީގު ގައިގަނޑަކަށް ޔަގީން ވެފައި ކަމަށް ގިނަ ބަޔަކު ވަނީ ޔަގީން ކޮށްފައެވެ.

އަންނަ މަހު އޮންނަ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑްއާ ބައްދަލު ކުރަން ވާ އިރަށް ރޮނާލްޑޯގެ އަނިޔާއަށް ފަރުވާ ދިނުމައް ޔުވެންޓަސް އިން ދަނީ މަސައްކަތް ކުރަމުންނެވެ. ރޮނާލްޑޯ އަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް ވެފައި އެ މެޗުގައި ޔުވެންޓަސް މަދު ވެގެން ތިން ގޯލު ޖަހައިގެން ނޫނީ މުބާރާތުގެ ކުއާޓާއަށް ނުދެވޭނެއެވެ. ސަބަބަކީ ފުރަތަމަ ލެގުގައި އެތްލެޓިކޯ ކައިރިން 0-2 އަކުން ބަލި ވެފައި ވާތީއެވެ.

comment ކޮމެންޓް