މޯމޯ ޗެލެންޖު: ބެލެނިވެރިން ސަމާލުވޭ!

ޔޫޓިއުބު ކިޑްސްގެ ބައެއް ވީޑިއޯތަކުން ފެންނަ މަންޒަރެއް----

ދަރީން އިންޓަނެޓުގައި ކުރާ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުން ވަރަށް މުހިންމެވެ. ކުޑަކުދިން "ހައްލާލައިގެން" އެކުދިންނަށް ގެއްލުން ދިނުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން މަސައްކަތްކުރެ އެވެ. އެކި ސަބަބުތަކާ ހެދި އެވެ.

އެންމެ ފަހުން މިފަދަ އެއްޗެއް މިވަނީ، ކުޑަކުދިންނާ ރަހުމަތްތެރި ގޮތަކަށް ތައްޔާރުކޮށްފައިވާ "ޔޫޓިއުބު ކިޑްސް" ތެރެއަށް "ވެރިވެގެންފަ"އެވެ.

ދެހާސް އަށާރަ ވަނަ އަހަރު އާޖެންޓީނާގެ ބުއެނޮސް އެއިރެސްގައި 12 އަހަރުގެ ކުޑަ ކުއްޖަކު އަމިއްލައަށް މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރި އިރު ހާމަވެގެން ދިޔައީ އެކުއްޖާގެ ފޯނުގައި، ވަޓްސްއެޕް މެދުވެރިކޮށް "މޯމޯ ގޭމް"ގެ ނަމުގައި ހުރި ޗެލެންޖުތަކެއް ފުރިހަމަކުރަން މަސައްކަތްކުރި ކަމެވެ. މިއީ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަށް ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ކުރުމަށް ބާރު އެޅި "ބްލޫ ވޭލް ޗެލެންޖް"އާ އެއްފަދަ އެއްޗެކެވެ.

މި އަހަރުގެ ތެރޭގައި މި "މޯމޯ ޗެލްންޖް" އަނެއްކާ ވެސް ފެންމަތިވީ ތަފާތު ގޮތަކަށެވެ.

މި މަހުގެ 25 ވަނަ ދުވަހު ސްކޮޓްލެންޑުގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި، އަށް އަހަރުގެ ކުއްޖަކު ވަޅިއެއް ނަގައިގެން އަމިއްލަ ނަފުސަށް ގެއްލުން ލިބޭ ފަދަ ކަންތައްތަކެއް ކުރުމަށް "މޯމޯ" ބުނި ކަމަށް އޭނާގެ މަންމަ ބުނެފައިވެ އެވެ.

"ދަރިފުޅު އަހަރެންގެ ފޯނުން އޭނާގެ ފޮޓޯ ދައްކައި، ބަދިގޭ ކަބަޑުން ވަޅިއެއް ނަގައިގެން ކަރުގައި ޖެއްސުމަށް ބުނީ ކަމަށް ބުނި. އަހަރެމެން އަބަދު ވެސް ދަރިފުޅު ގާތުގައި ބުނަން އިންޓަނެޓުގައި ފާޑު ފާޑުގެ މީހުން އުޅެއޭ ގޯސް ކަންތައް ކުރާ. އެކަމަކު މިއީ ވަރަށް ބިރުވެރި ކަމެއް،" ލިން ޑިކްސަން ކިޔާ އަންހެނަކު ސްކޮޓްލެންޑްގެ "ދަ ހެރަލްޑް" ނޫހަށް ބުންޏެވެ.

"މޯމޯ" ރާއްޖޭގައި ވެސް!

"ސަން"އާ ވާހަކަދެއްކި ބެލެނިވެރިއަކު ބުނި ގޮތުގައި، ޔޫޓިއުބު ކިޑްސް ބަލާ ގިނަ އަދަދެއްގެ ކުދިންނަށް ދަނީ ވީޑިއޯތަކުގެ ތެރެއިން "މޯމޯ" ފެންނަމުންނެވެ.

"އެ ވީޑިއޯތަކުގެ ތެރެއިން މި އެއްޗެއް އަރަނީ. ދެން އެ އެބަ ބުނޭ ކުދިން ކައިރީ މިވެނި ކަމެއް ކުރާށޭ. ކަރަންޓު ސޮކެޓު ތެރެއަށް އެއްޗެހި ކޮއްޕާށޭ، ވަޅި ނަގައިގެން އުޅޭށޭ، މަންމަމެންނަށް ނޭނގި ބަދިގޭގެ އަވަން ޖައްސާށޭ. ދެން މިވާހަކަތައް މައިންބަފައިން ގާތުގައި ނުބުނާށޭ، އެހެން ނޫނީ ކުއްޖާ ނުވަތަ މައިންބަފައިންނަށް ގެއްލުން ދޭން އަންނާނަމޭ،" ނަން ހާމަކުރުމަށް ނޭދޭ ބެލެނިވެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މި ކަމެއް އެނގުމުން އޭނާ ދަންނަ ބައެއް އެހެން ބެލެނިވެރިންނާ ވެސް ހިއްސާ ކުރުމުން އޭގެ ތެރެއިން ގިނަ މީހުންގެ ދަރީންނަށް ޔޫޓިއުބް ކިޑްސް މެދުވެރިކޮށް ވަނީ މި ކަންކަން ދިމާވެފަ އެވެ.

"[ރަހުމަތްތެރިއެއް] ބުނީ މިހާރު އޭނާގެ ދަރިފުޅު ބިރުގަނެޔޯ އެކަނި ތަންތަނުގައި ހުރުމަށް. ކޮޓަރީގައި ވެސް އެކަނި ހުންނަން ބޭނުމެއް ނުވޭ،" ކުރިން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

އެހެން ބެލެނިވެރިއަކު ބުނި ގޮތުގައި، "މޯމޯ"ގެ ފޮޓޯއެއް އޭނާގެ ދަރިފުޅަށް ދެއްކުމުން އެކުއްޖާއަށް ވެސް ކުރިން މި ފެނިފައިވާކަން އެނގުނެވެ.

"ހީބިހި ނަގައިގެން ދިޔައީ. ދަރިފުޅު ބުނީ އެ ފެނުނޯ. އޭނަ ބުނީ އިންޓަނެޓުން ވަރަށް ބިރުވެރި އެއްޗެހި ފެނެޔޯ، އެކަމަކު މިހާ ބިރުވެރި އެއްޗެއް އަދި ނުފެންނެޔޯ،"

ބައެއް ބެލެނިވެރިން ބުނި ގޮތުގައި، މި ކަން ފެންމަތިވީ ހިސާބުން ކުދިންގެ ޓެބްލެޓުތަކުން ޔޫޓިއުބު ކިޑްސްގެ އެޕްލިކޭޝަން ވަނީ އަންއިންސްޓޯލްކޮށްފަ އެވެ.

ފުލުހުން އެދެނީ ހުޝިޔާރުވެ ސަމާލުވުމަށް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ސަން"އަށް ވިދާޅުވީ "މޯމޯ ޗެލެންޖު" ނުވަތަ އެފަދަ ނަމެއްގައި، ބިރުވެރި މީހަކު ނުވަތަ ކުޑަކުދިންނަށް ފެންނަން ނުޖެހޭ މަންޒަރުތައް ޔޫޓިއުބު ކިޑްސް މެދުވެރިކޮށް ދައްކައި، އަދި އެ ކުދިން ގާތު ނުރައްކާތެރި ކަންތައްތައް ކުރުމަށް ބުނާ މައްސަލައެއް މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް ކުޑަކުދިން އިންޓަނެޓު ބޭނުންކުރާ އިރު ޕޭރެންޓަލް ކޮންޓްރޯލް ބޭނުންކުރުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

"ކުދިން އިންޓަނެޓް ބޭނުންކުރާ އިރު ގާތުން މޮނީޓަރުކުރުމަށް މި ސާވިސްއިން ބާރު އަޅަން. އަދި އެ ކުދިންނަށް އެ ކުދިންގެ އެއްވެސް ޒާތީ މައުލޫމާތެއް، ނުދަންނަ މީހުންނާ ހިއްސާ ނުކުރުމަށް ވިދާޅުވެދެއްވާފައި ބޭއްވުމަށް އިލްތިމާސްކުރަން،" ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވި އެވެ.

އިޒްމިއާ ވަނީ، ޝައްކު ކުރެވޭ އެއްވެސް ކަމެއްވާ ނަމަ، ނުވަތަ މިފަދަ މައްސަލައަކާ ގުޅޭ ވާހަކައެއް ދައްކަން ބޭނުން ނަމަ ފުލުހުންގެ ވިކްޓިމް ސަޕޯޓު ޔުނިޓު (9770640) އަށް ގުޅުއްވުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި މައްސަލައެއް ހުށަހަޅަން ބޭނުން ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް (9790163، 3000600) އަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ޔޫޓިއުބް ކިޑްސްގެ ވީޑިއޯތަކުން މިފަދަ އެއްޗެހިތަކެއް ފެންނަ ކަމަށް ގިނަ ބަޔަކު ބުނަން ފެށުމާ ގުޅިގެން ޔޫޓިއުބުން ރޭ ކުރި ޓްވީޓެއްގައި ބުނީ މި ފަހުން އެފަދަ ވީޑިއޯއެއް އުޅޭކަމުގެ ހެއްކެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް ގެއްލުންދެނިވި ނުވަތަ ނުރައްކާތެރި ކަންކަން ކުރުމަށް ހިތްވަރުދޭ ވީޑިއޯތަކަކީ ޔޫޓިބުގެ ޕޮލިސީތަކާ ހިލާފު ތަކެތި ކަމަށެވެ.

އަދި މިފަދަ ކޮންޓެންޓް ޔޫޓިއުބުން ފެންނަ ނަމަ އެ ވީޑިއޯތައް ފްލެގްކުރުމަށް ޔޫޓިއުބުން އިލްތިމާސްކުރެ އެވެ.

މިފަދަ ގޮތްގޮތަށް، އަދި އާ އުކުޅުތައް ބޭނުންކޮށްގެން އެކި މީހުންނަށް، ޚާއްސަކޮށް ކުޑަކުދިންނަށް ގެއްލުން ދިނުމަށް "ދަންތުރަ"ތަކެއް ޖައްސަމުން ދާ އިރު، ކުދިން އިންޓަނެޓުގައި ކުރާ ނުކުރާ ކަންކަން ބެލުމަށް މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން އެބަ ޖެހެއެވެ.

އަދި ބެލެނިވެރިކަމުގެ ޒިންމާ، ފޯނާއި ޓެބްލެޓަށް ދޫކޮށްލުމުގެ އާދަ ދޫކޮށްލައި، ކުޑަކުދިންނާ ރަހުމަތްތެރިކަމުގެ ލޭބަލް ޖަހާފައި ވިޔަސް އެއީ ކިހިނެއްވާ ކޯއްޗެއްތޯ ބަލާލުން މުހިންމެވެ.

comment ކޮމެންޓް