ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މޫސަ އާއި ނާއްޓޭ ޔޫވީއަށް ގެންގޮސްފި

މާލޭ ލީގުގައި ވިކްޓާރީއާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިކްޓަރީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ވެލެންސިއާގެ ކެޕްޓަންކަން މިދިޔަ އަހަރު ކުރި މޫސާ ހަސަަން (މޫޗް) އާއި ތަޖުރިބާކާރު ވިންގް އަހުމަދު ނާޝިދު (ނައްޓޭ) ޔުނައިޓެޑް ވިކްޓަރީއާ ގުޅިއްޖެ އެވެ.

އާ ސީޒަނަށް ޓީމުތައް ވަރުގަދަ ކުރުމައް ރާއްޖޭގެ ޓްރާންސްފާ މާކެޓް ހަލަބޮލިވެފައިވާ އިރު ޔުނައިޓެޑް ވިކްޓަރީއިން ވެސް ދަނީ ހުނަރުވެރި އަދި ރާއްޖޭގެ ފުޓުބޯޅައިގައި ތަޖުރިބާ ހުރި ކުޅުންތެރިންތަކެއް ސޮއި ކުރުވަމުންނެވެ.

އެގޮތުން ގައުމީ ޓީމަށާއި ރާއްޖޭގެ ފުޓުބޯޅައިގެ "ގަދަބާރު"ތަކަށް ކުޅެދީފައިވާ ނާއްޓޭގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު މޫޗް ވަނީ މި އަހަރުގެ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީއަށް ކުޅުމަށް ނިންމައިފަ އެވެ.

ވެލެންސިއާގެ ކެޕްޓަން މޫސާ ހަސަން (މޫޗް) ޔުނައިޓެޑް ވިކްޓަރީއަށް ސޮއެ ކުރި ހަފްލާގެ ތެރެއިން -- ފޮޓޯ/ ޔުނައިޓެޑް ވިކްޓަރީ

ނާއްޓޭ ޔޫވީއާއި ގުޅުނީ ތިން އަހަރުގެ އެއްބަސް ވުމެއްގެ ދަށުންނެވެ. ނާއްޓޭ މީގެ ކުރިން ވަނީ ވެލެންސިއާ އާއި ވިކްޓަރީ އަދި ވީބީ އައްޑޫ އެފްސީގެ އިތުރުން މާޒިޔާއަށް ވެސް ކުޅެދީފަ އެވެ.

ސ. ހިތަދޫއަށް ނިސްބަތްވާ ނާއްޓޭ އަކީ 2007 ވަނަ އަހަރުގެ ޒޯން މުބާރާތުން ވިދާލި ކުޅުންތެރިއެކެވެ. އެ މުބާރާތަށް ފަހު ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ނާއްޓޭ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފަ އެވެ. އަދި މީގެ އިތުރުން ގައުމީ ޓީމަށް ވެސް މެޗުތަކެއް ކުޅެދީފައިވާ ނާއްޓޭ ވަނީ 2016 ވަނަ އަހަރުގެ ސާފް ގޭމްސްގައި 23 އަހަރުން ދަށުގެ ޓީމުގައި ސީނިއާ ކުޅުންތެރިއެއްގެ ގޮތުގައި ހިމެނި އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސްޕީޑް ބާރު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ވެފައިވާ ނާއްޓޭ އެންމެ ފަހުން ކުޅެފައިވަނީ ވިކްޓަރީ އަށެވެ. ނަމަވެސް ވިކްޓަރީއަށް ދިމާވި މާލީ ހާލަތު ގޯސް ވުމުގެ މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ސީޒަނުގެ ބޮޑުބައި ނާއްޓޭ ކުޅެފައެއް ނުވެއެވެ.

ނ. މާޅެންދޫ އަށް ނިސްބަތްވާ މޫސާ ހަސަން (މޫޗް) އަކީ މިވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިސަންގައި ކުޅެމުންދާ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރެވެ. ބީޖީ ސްޕޯޓްސް ފުރަތަމަ ޑިވިޝަން އަށް ގެނެސްދީ އެ ޓީމުގެ ކެޕްޓަން ކަން ކުރުމުގެ އިތުރުން އޭވައިއެލް އާއި ވެލްންސިއާއަށް ވެސް މޫޗް ވަނީ ކުޅެދީފަ އެވެ.

ލެފްޓް ބެކް އެއްގެ ގޮތުގައި އޭނާ ފާހަގަވި ނަމަވެސް އޭނާ އަކީ ސެންޓާ ބެކްއަށް ވެސް ކުޅެފައިވާ ހުނަރުވެރި ކުޅުންތެރި އެކެވެ.

މީގެ އިތުރުންވެސް ޔޫވީ އިން ވަނީ ތަޖުރިބާކާރު އިތުރު ކުޅުންތެރިންތަކެއް އެ ޓީމަށް ގެންގޮސްފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ކުޅުނު ޝާފިއު އަހުމަދު (ޝާފީ) އާއި އަހުމަދު ވިސާމް (ޖެރާޑް) ހިމެނެ އެވެ.

comment ކޮމެންޓް