ބޭލް ވަނީ ރެއާލް މެޑްރިޑްގައި އެކަނިވެރި ވެފައި: ވެން ޑާ ވާޓް

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތް ބޭލް -- ފޮޓޯ / ޑެޔަން ކަލިނިޗް

ގެރެތް ބޭލް ރެއާލް މެޑްރިޑްގައި ވަނީ އެކަނިވެރިވެފައި ކަމަށާއި އޭނަ އަށް އެ ޓީމުގައި މުސްތަގުބަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ކުރީގެ ރެއާލް މެޑްރިޑްގެ ތަރި ރަފައެލް ވެން ޑާ ވާޓް ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ގެރެތް ބޭލް އެންމެ ފަހުނެ ރެއާލް ކުޅުނު ދެ މެޗުގައި ވެސް ފުރަތަމަ 11ގައި ހިމެނިފައެއް ނުވެ އެވެ. ނަމަވެސް އެންމެ ފަހުން ލެވަންޓޭ އާ ރެއާލް ބައްދަލު ކުރި މެޗުގައި ބެންޗުން އަރާ ލެވަންޓޭ ކޮޅަށް ގޯލު ޖަހައިދީ ރެއާލް މޮޅު ކޮށްދިން ލަނޑު ބޭލް ވަނީ ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް އެ ގޯލު ޖެހުމަށް ފަހު ބޭލް ޓީމުގެ ކުޅުންތެރިންނާ އެކު އުފާ ފާޅުކޮށްފައެއް ނުވެ އެވެ. ގޯލު ޖެހުމުން ރެއާލްގެ ކުޅުންތެރިއެއް ކަމަށްވާ ލޫކަސް ވަޒްކުއެޒް އައިސް ބޭލް ކޮނޑަށް އަތް ލުމުން އޭނަ ވަނީ އަތް ފޮޅުވާލާ ދުރަށް ގޮސްފަ އެވެ. ބޭލްގެ ހިތްހަމަ ނުޖެހުން ފެނިގެން ދިޔަ އެ މެޗަށް ފަހު ގިނަ ބަޔަކު ދަނީ އޭނަގެ ރެއާލް މެޑްރިޑް މުސްތަގުބަލާ މެދު ސުވާލު އުފައްދަމުންނެވެ.

ބޭލްގެ ކުރީގެ ޓީމް މޭޓް އެއް ކަމަށްވާ ވެން ޑާ ވާޓް ބުނީ ބޭލް އަކީ ވަރަށް މަޑުމައިތިރި ކުޅުންތެރިއެއް ކަމަށާއި އޭނައަށް އަމިއްލަ ވަގުތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް ރެއާލްގައި ކަންތައް ވަމުންދާ ގޮތުން ބޭލް ހިތްހަމަ ނުޖެހިފައިވާ ކަން ފާހަގަ ކުރެވޭ ކަމަށާއި އެ ކުލަބުގައި އޭނާ ގިނަ ދުވަހު މަޑު ކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވެން ޑާ ވާޓް ވަނީ ބުނެފަ އެވެ.

"ސްޕޭންގަ ވަރަށް މުހިއްމު ކަމެއް އެއީ އެމީހުންގެ ބަހުން [ސްޕެނިޝް ބަސް] ވާހަކަ ދެއްކުން. ބޭލް އަށް ސްޕެނިޝް ބަސް އެހާ ރަނގަޅަކަށް ނޭނގޭ. އޭނަ ހުންނަނީ ޓީމުން ބާކީ ވެފައި. ސްޕެނިޝް މީޑިއެއް ކަމަށްވާ އެލް ލާގުއެރޯ އަށް މައުލޫމާތު ދެމުން ވެން ޑާ ވާޓް ބުންޏެވެ.

ބޭލް އަށް މިސީޒަނުގައި 31 މެޗު ކުޅެގެން ޖެހިފައި ވަނީ 13 ގޯލެވެ. މި ސީޒަނަކީ އޭނަ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުންދާތާ ހަ ވަނަ ސީޒަނެވެ. ބޭލް ވަނީ 2022 ވަނަ އަހަރާއި ހަމައަށް ރެއާލް މެޑްރިޑްގައި މަޑު ކުރުމަށް އެއްބަސް ވެފަ އެވެ.

ބޭލްގެ ކުޅުމާއި ދޭތެރޭ ރެއާލްގެ ސަޕޯޓަރުންގެ ނުރުހުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ބޭލް ނެތްތަން ފޫބައްދާނެ ކަމަށް ބުނާ ބްރެޒިލްގެ ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާ އަށް ގިނަ ބަޔަކު ދަނީ ތައުރީފު އޮއްސަމުންނެވެ. މި ސީޒަނަށް ފަހު ބޭލް އަނބުރާ އޭނަގެ ކުރީގެ ކުލަބު ކަމަށްވާ ޓޮޓެންހަމްއަށް ބަދަލު ވާން އުޅޭ ކަމުގެ "ޔޯލަ" ވާހަކަ މިހާރު ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

comment ކޮމެންޓް