މިއީ ލިވަޕޫލް ތަށި ހޯދަން ލިބޭ އެންމެ ފަހު ފުރުސަތެއް ނޫން: ކްލޮޕް

ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް --- ފޮޓޯ / ޑެޔަން ކަލިނިޗް

މިއީ ލިވަޕޫލް ޕްރިމިއާ ލީގު ހޯދުމަށް ޓަކައި ލިބޭ އެންމެ ފަހުގެ ފުރުސަތު ނޫން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ފަހަކަށް އައިސް ލިވަޕޫލްގެ ކުޅުމާ ދޭތެރޭ ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކޮށްފައިވާ މި ދަނޑިވަޅުގައި އެ ވާހަކަތަކަށް ރައްދު ދެމުން ލިވަޕޫލްގެ ކޯޗު ބުނީ ލިވަޕޫލްއަށް ޕްރިމިއާ ލީގު ކާމިޔާބު ކުރަން ވަގުތު އެބައޮތް ކަމަށާއި މިއީ އެކަމަށް އޮތް އެންމެ ފަހުގެ ފުރުސަތު ނޫން ކަމަށެވެ.

ލިވަޕޫލް މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. އެންމެ ފަހުން ކުޅުން ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެފައިވީ ނަމަވެސް އެއް ޕޮއިންޓްގެ ތަފާތަކުން އަދި ވެސް އެއް ވަނާގައި އޮތީ އެ ޓީމެވެ.

އިނގިރޭސި ޕްރިމިއާ ލީގު އެންމެ ފަހުން ލިވަޕޫލްއަށް ކާމިޔާބު ކުރެވުނީ 1990 ވަނަ އަހަރު އެވެ. އެކަމުގެ ސަބަބުން ލިވަޕޫލްގެ ސަޕޯޓަރުންގެ ޕްރެޝަރު އެ ޓީމުގެ ކޯޗަށް އިންތިހާ އަށް ވަނީ ބޮޑުވެފަ އެވެ. މިއަދު ވެޓްފޯޑް އާ ލިވަޕޫލް ވާދަކުރާ އިރު ކްލޮޕް ބުނީ ޓީމަށް ހެޔޮ އެދޭ އެންމެނަށް ބުނެލަން ބޭނުން ވަނީ މިއީ ލީގު ހޯދަން ލިބޭ އެންމެ ފަހު ފުރުސަތު ނޫން ކަމަށެވެ.

"މިއީ އަހަރަމެންނަށް ލިބޭ އެންމެ ފަހު ފުރުސަތެއް ނޫން. އެއީ ހަނދާން ކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް. ނަމަވެސް މި ފުރުސަތަކީ ލީގު ހޯދަން ލިބޭ ފުރަތަމަ ފަހަރު ނަމަ އެއީ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް،" އިނގިރޭސި ވިލާތުގެ ނޫސްވެރިންނަށް މައުލޫމާތު ދެމުން ކްލޮޕް ބުންޏެވެ.

ލިވަޕޫލް މި ސީޒަން ޑިފެންސް ވަރުގަދަ ކޮށް ފެށި ނަމަވެސް ޓީމުގެ ފޯވާޑުންގެ ފަރާތުން މިދިޔަ ސީޒަނުގައި ފެނުން ފަދަ ގިނަ ގޯލުތަކެއް ފެނިގެން ނުދިއުމުގެ ސަބަބުން ކްލޮޕް ކޮންމެސް ވަރަކަށް ކަންބޮޑުވި ނަމަވެސް އަދި ފޯމް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓީމަށް ފާޑު ކިއުމުގެ ބަދަލުގައި ހިތްވަރު ދިނުމުން ކާމިޔާބީއަށް ވާސިލް ވުމަށް އިތުރަަށް ފަސޭހަ ވާނެ ކަމަށާއި ލީގު ހޯދަން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް