އަންހެން ބެލެންޑިއޯ ކާމިޔާބު ކުރި އަޑާ ވޯލްޑް ކަޕު ނުކުޅޭނެ

އެންމެ ފަހުގެ އަންހެން ބެލެންޑިއޯ ކާމިޔާބު ކުރި އަޑާ ހަގަބާގް --- ފޮޓޯ / ޖޯ ރައިޓް

ވޭތުވެ ދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި، އަޑާ ހަގަބާގް މި އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕުގައި ނުކުޅޭނެ ކަމަށް އޭނަ ނިސްބަތްވާ ގައުމު ކަމަށްވާ ނޯވޭ ޓީމުގެ ކޯޗު މާޓިން ޝޮރެން ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ލިއޮން ސްޓްރައިކަރަކަށް ކުޅެމުން އަންނަ އަޑާ އެންމެ ފަހުން ގައުމީ ޓީމާ އެކު ކުޅެފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ކުރިއަށް ދިޔަ އަންހެނުންގެ ޔޫޜޯ މުބާރާތުން ލިބުނު މާޔޫސްކަމާ އެކު އަޑާ ވަނީ ވަކި މުއްދަތެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޑާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނީ ޔޫރޯގައި ލިބުނު ނާކާމިޔާބީގެ ސަބަބުން ނޫން ކަމަށާއި އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ހާލަތު ގޯސްވެފައި ވާތީ ކަމަށެވެ.

ނޯވޭގެ ކޯޗު މި މައްސަލާގައި ބުނެފައި ވަނީ އަޑާއާ މަޝްވަރާ ކުރެވި ދެފަރާތައް އެއްބަސް ވުމަކަށް އާދެވިފައި ނުވާތީ އޭނާ މިއަހަރު ބާއްވާ އަންހެނުންގެ ވޯލްޑް ކަޕުން ފެނިގެން ނުދާނެ ކަމަށެވެ.

"އަހަރަމެން އޭނައާ އެތައް މަޝްވަރާއެއް ކުރިން. ނަމަވެސް އޭނަ ނިންމީ ނުކުޅޭނެ ކަމަށް. ކޯޗެއްގެ ހައިސިއްޔަތުން އަހަރެން މަސައްކަތް ކުރާނީ ޓީމުގައި އެވަގުތު ތިބި ކުޅުންތެރިންނާ އެކު ރަނގަޅު ނަތީޖާއެއްް ނެރުމައް." ނޯވޭގެ ކޯޗު މާޓިން ޝޮރެން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މިއަހަރުގެ ވޯލްޑް ކަޕް ކުޅުމަަށް ހަމަޖެހިފައި ވަނީ ވޭތުވެ ދިޔަ އަހަރު ފިރިހެން ބައިން ވޯލްޑް ކަޕު ކާމިޔާބު ކުރި ގައުމު ކަމަށް ވާ ފްރާންސްގަ އެވެ. ޖޫން ހަތެއްގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފްރާންސް އާއި ސައުތު ކޮރެއާ އެވެ.

comment ކޮމެންޓް