ލެސްޓާ ސިޓީގެ ކޯޗު ކަމަށް ރޮޖާސް ހަމަޖައްސައިފި

ލެސްޓާގެ ކޯޗުކަމާއި އަލަށް ހަވާލުވި ބްރެންޑޮން ރޮޖާސް --- ފޮޓޯ/ ބެން ސުޕްރެޓް

ލެސްޓާ ސިޓީގެ ކޯޗަކަށް ކުރިން ލިވަޕޫލްއަށް ކޯޗުކަން ކޮށްދީފައިވާ ބްރެންޑޮން ރޮޖާސް ހަމަޖައްސައިފި އެވެ.

މީގެ ކުރިން ޓީމުގެ ކޯޗަކަށް ހުރި ކްލޯޑް ޕުއެލް އެ މަގާމުން މިދިޔަ އާދިއްތަ ދުވަހު ލެއިސްޓާ އިން ދުރުކޮށްފައި ވަނީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވުމާ އެކު ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބޮޑު ސްކޯއަކުން ބަލިވެފައި ވާތީ އެވެ. ޕުއެލް މަގާމުން ދުރުކުރުމަށް ފަހު ސެލްޓިކްއަށް ކޯޗުކަން ކޮށްދެމުން އަންނަ ރޮޖާސް އެ ޓީމުގެ ކޯޗުކަމަށް އެއްބަސް ވެފައިވާ ކަމަށް ލެއިސްޓާއިން ރޭ ވަނީ ބުނެފަ އެވެ.

އިއްޔެގެ ވަގުތެއްގައި ސެލްޓިކް އިން ވަނީ ރޮޖާސް ލެއިސްޓާ ސިޓީއާ އެކު މަޝްވަރާ ކުރުމުގެ ހުއްދަ ދީފަ އެވެ. އަދި ރޮޖާސްއާއި ލެއިސްޓާގެ މަޝްވަރާއަށް ފަހު ރޭ ގޮތް ނިންމީ ރޮޖާސް އެނބުރު ޕްރިމިއާ ލީގަށް އައިސް ލެސްޓާގެ ކޯޗުކަމާއި ހަވާލުވުމަށެވެ. ލެސްޓާ އެންމެ ބޮޑަށް ގެންނަން ބޭނުންވި ނިއުކާސަލްގެ ކޯޗު ރަފާ ބެނިޓެޒް އެ ކުލަބަށް ގެންދިއުމަށް ހުށަ އެޅުމުން އެކަން ނުވާނެ ކަމަށް ބެނިޓެޒް ވަނީ ބުނެފަ އެވެ.

އުމުރުން 46 އަހަރުގެ ރޮޖާސް ވަނީ ޕްރިމިއާ ލީގުގެ ދެ ޓީމު ކަމަށް ވާ ލިވަޕޫލް އާއި ސްވަންސީ ސިޓީއަށް މީގެ ކުރިން ވެސް ކޯޗުކަން ކޮށްދީފަ އެވެ. އެގޮތުން ލިވަޕޫލްއާ އެކު 2013 ވަނަ އަހަރު ޕްރިމިއާ ލީގުގެ ދެވަނަ ހޯދާފައިވެ އެވެ.

މީގެ އިތުރުން ރޯޖާސްގެ އެންމެ ފަހު ކުލަބު ސެލްޓިކް އާ އެކު އޭނަ ވަނީ ހަތް ޓްރޮފީ ހޯދާ އެކުލަބަށް ތިން ވަނަ ފަހަރަށް ޑޮމެސްޓިކް ޓްރެބަލް ހޯދާދީފަ އެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން ލެސްޓާ ސިޓީގެ ކޯޗުކަމާއި އަހަރެންނާއި ހަވާލު ކުރީތީ. ޖާނާ މާލުން ގުރުބާން ވެގެން ވެސް މި ކުލަބު ކުރިއެރުވުމަށް ވެދެން އޮތް ހުރިހާ އެހީއެއް ދޭން މިހުރީ ތައްޔާރަށް،" ބްރެންޑޮން ރޮޖާސް ލެސްޓާ ސިޓީގެ ކޯޗުކަމުގެ އެއްބަސް ވުމަކަށް އައުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކޮށްފައި ބުންޏެވެ.

comment ކޮމެންޓް