އޭރު އިޒިއަންގެ ސިކުނޑީގައި ރޭގައިވި ކަންތައް ފިލްމެއްގެ މަންޒަރެއްފަދައިން ސިފަވަމުން ދިޔައެވެ. އެއާއެކު އޭނާގެ ކަންފަތުގައި އެ ކުއްޖާ ރޮމުން އާދޭސް ކުރަމުން ދިޔަ އަޑުތައް ތަކުރާރުކޮށް ގުގުމަން ފަށައިފިއެވެ. ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެ ހާސްކަމުގެ ތެރެއިން އޭނާގެ ނަފްސުގެ މައްޗަށް ހިސާބެއްގެ ރުޅިވެރިކަމެއް ވެސް ކުރިހޯދިއެވެ. އެހެންނަމަވެސް އެ އަންހެން ކުއްޖާ އޮތް ގޮތް ފެނި އޭނާގެ މޫނުމަތިން އެ އަސަރުތައް ފިލަފިއެވެ. އަވަސްވަމުން ދިޔަ ހިތުގެ ތެޅުމާ، ނޭވާއާ އެކު އޭނާ އެ އަންހެން ކުއްޖާއާ ދިމާލަށް ކުދި ފިޔަވަޅުތަކެއް އަޅަން ފެށިއެވެ.

"އިރު އަރަން ވާއިރަށް ދާން ހިނގާ... ކަލޭ ވެސް ސަލާމަތެއް ނުވާނެ ކަންނޭގެ....މިތަނަށް ބަޔަކު އަތުވެއްޖެއްޔާ" ކައިރީގައި ހުރި ޒުވާނާ ބުނަމުންދިޔަ ވާހަކައަށް އަޅާނުލާ އިޒިއަން ކުރިއަށް ފަހަރަކު ފިޔަވަޅެއް އަޅަން ފެށިއެވެ. އޭރުވެސް އޭނާގެ ސިކުނޑި ތެރޭގައި ދައުރުވަމުން ދިޔައީ ރޭގައި އެ ހިނގި ހާދިސާއެވެ. އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ނޭވާ އަވަސް ވެގެންދެއެވެ. އެ އަންހެން ކުއްޖާގެ ހަރަކާތެއް ނެތުމުން އޭނާގެ ހިތް ކުޑަހިނދުކޮޅަކަށް މަޑު ޖެހިލިއެވެ. އެ ކުއްޖާ ގާތަށް ހުއްޓުމަށްފަހު އޭނާ އުޑުފައިން އިށީނދެލާ ތުރުތުރު އަޅަމުންދިޔަ އަތް އެ ކުއްޖާގެ ނޭފަތާ ދިމާލުގައި ޖައްސާލިއެވެ. ނަސީބަކުން އެބަ ނޭވާލައެވެ. އިސްތަށިތައް އެއްފަރާތް ކޮށްލުމުގެ ގޮތުން އިޒިއަން އަތް އުފުއްލާލި ނަމަވެސް އެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ. ރަލާއި މަސްތުވާތަކެތި ބޭނުންކޮށް އުޅުނުކަމުގައި ވިނަމަވެސް އެފަދަ ވިޔާނުދާ އަމަލެއް އޭނާ ހިންގި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން ގޮތްނޭނގޭ ބިރުވެރިކަމެއް ވެސް އެ ހިތުތެރޭގައި ވެއެވެ.

މީގެ ކުރިން ވެސް އެ ގްރޫޕުން ވަނީ އެހެން ކުދިން ވެސް ރޭޕް ކޮށްފައެވެ. އެއިން އެއްވެސް ފަހަރެއްގައި އެއީ ކޮން ބައެއްކަން އެނގޭ ގޮތަށް އެމީހުން އެކަމެއް ނުކުރެއެވެ. ތިބެނީ މޫނު ވެސް ފޮރުވައިގެންނެވެ. އަނެއްކޮޅުން މިހާ އަނިޔާވެރި ގޮތެއްގައި އެ ފަދަ ހަޑި ހުތުރު އަމަލެއް ހިންގި މިއީ ފުރަތަމަ ފަހަރެވެ. ވިސްނެމުން ދިޔަ ވަރަކަށް ސިކުނޑި ހާސްވަމުން ދިޔައެވެ.

ހިތްވަރު ކުރަމުން އޭނާ އެ އަންހެން ކުއްޖާގެ އިސްތަށިތައް އެއްފަރާތްކޮށް ފަރުވާތެރިކަމާއެކު އެ މޫނަށް ބަލާލިއެވެ. މޫނުމަތީގައި ހިރަފުހާއި ލޭ ހުއްޓަސް އެ ސޫރަ އިޒިއަންއަށް ފާހަގަ ކުރެވުނެވެ. އޭނާ އެތައް އިރަކު އެ މޫނަށް ބަލަން އިނެވެ. އެހެންއިންދާ އެ އަންހެން ކުއްޖާގެ އަތް ކުޑަކޮށް ހަރަކާތް ކޮށްލިތަން އޭނާއަށް ފެނުނެވެ. މަޑުމަޑުން އެސްފިޔަތަށް ތަޅުވާލުމާއެކު ކުކުރާލި އަޑުވެސް އިޒިއަންގެ ކަންފަތުގައި ޖެހުނެވެ. އޭރުވެސް ކެނޑި ނޭޅި ވާރޭ ވެހެމުންދިޔަ އަޑު އިވެއެވެ. ގުގުރާ ވިދުން މެދު ކެނޑުނުނަމަވެސް އަދިވެސް ތޫފާން މަތަވާގޮތެއް ނުވެއެވެ.

އިޒިއަން އެ އަންހެން ކުއްޖާއަށް ބަލަން އިންދާ ސިހުނީ ދުރުން ސައިރެންގެ އަޑު އިވުމާއެކުގައެވެ. އެއާއެކު އޭނާއަށް ފަހަތުގައި ހުރި ޒުވާނާއަށް ބަލާލެވުނެވެ. ހިނދެއް ހިނދަކަށް އެ އަޑު ކައިރިވަމުން އައިކަން އެނގެއެވެ. އެ ޒުވާނާގެ މޫނުމަތިން ހިސާބެއްގެ ޖެހިލުންވުމެއް ފެނުނެވެ.

"އޭތް ނައްޓަލަމާ ބުރޯ، މަށަށް ވަރަށް ހީވޭ މިދިމާލަށް ހެން އެ އަންނަނީ ފެނިއްޖެއްޔާ ދުވަސް ދިޔައީ" ކައިރިގައި ހުރި މީހާ ކުޑަކޮށް ހާސްވެފައި އިޒިއަންއަށް ބަލާލަމުން ބުނެލިއެވެ. އިޒިއަން ފަހު ފަހަރަށް އެސޫރައަށް ނަޒަރު ހިންގާލިއެވެ. އަދި ތެދުވިއެވެ. ތުންފަތުގައި ދޫ ހާކާލަމުން ތެތްމާލީ ބޮވުނު އެއްޗެއްގެ ސަބަބުން ކަރުތެރެއާއެކު އަނގަތެރެ ވެސް ހިކިފައި ވާތީއެވެ. ކަރުބުޑުގައިވެސް ހިސާބެއްގެ ދިލަކަމެއް އެބަ ހުއްޓެވެ.

އެ އަންހެން ކުއްޖާ އާއި ދުރަށް ހިނގައިގަތް ނަމަވެސް އޭނާއަށް ދެވުނީ ލޯ މަތިން ގެއްލެން ދެން އެ ކުއްޖާ އަށް ބެލެމުންނެވެ. އޭނާއާ އެކު ހުރި ޒުވާނާ އަވަސް އަރުވާލާފައި ސިޑިން ފައިބަން ފަށައިފިއެވެ. އިޒިއަން ފަހަތަށް އެނބުރުމުން އަވަހަށް ނުކުންނަން އަންނާށޭ ބުނަމުން އޭނާ ފޭބިއެވެ. އިޒިއަން ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އޭނާގެ ފައިވާނުން ކޮންމެވެސް އެއްޗަކަށް އެރުނެވެ. އެއާއެކު އޭނާ ފައި ދުރަށް ޖައްސާލާ އެއީ ކޯން ޗެއްތޯ ބަލާލިއެވެ. އިޒިއަންގެ ލޮލުގައި އެ އެއްޗެއްގެ ވިދުން އަޅައިގަތުމާއެކު ނަގާ ބަލާލިއެވެ. އަނގޮޓިއެކެވެ. ހިންދިރުވާލަމުން އޭނާ އެ އަނގޮޓިއަށް ރަނގަޅަށް ބަލާލިއެވެ. މިހާރު ސައިރެންގެ އަޑު އިވެނީ ދާދި ގާތުންނެވެ. އެހެންކަމުން އޭނާ އަނގޮޓި ޖީބަށް ލަމުން އަވަސް އަވަހަށް ސިޑިން ފޭބިއެވެ. އޭރު އަނެއް ޒުވާނާ ހުރީ ދޮރުމަތީގައެވެ. އެ ޒުވާނާ އިޒިއަންއަށް ބަލާލަމުން ވާރޭ ކޯޓް ގަޔަށް މަހާލިއެވެ. އިޒިއަން ވެސް އޭނާގެ ހޫޑީން ބޯ ފޮރުވާލިއެވެ. އަދި އިމާރާތާއި ދުރަށް މިސްރާބުޖެހިއެވެ. އޭރުވެސް އޭނާގެ އެއްއަތުގައި ފާޑެއްގެ ދަޅެއް އޮތެވެ. ފަތިހުގެ ވަގުތަށް ވުމާއި ވިއްސާރަކަމުން މަގުމަތި އޭރުވެސް އޮތީ ފަޅު ކޮށެވެ. އިޒިއަން އެ ދަޅު ކަނޑާލާ އަނގަޔަށް ކޯވަރެއް އަޅާލިއެވެ. ސިކުނޑީގައި ހިނގަމުން ދިޔަ ހިޔާލް ތަކާ ދުރަށް ދެވޭނީ އެ ގޮތަށް ކަންތައް ކޮށްގެން ކަމަށް އިޒިއަންއަށް ޔަޤީން ކުރެވުނެވެ. ދަޅު ބޮމުން ދިޔައީތީ އަނެއްކާވެސް އޭނާގެ ލޯމައްޗަށް ހިސާބަކަށް ފުސްވަމުން ދިޔައެވެ. ރޭގައި ވެސް އެވަރަށް މަސްތުވާތަކެތި ބޭނުން ކޮށްފައި އަނެއްކާ ބޯން ފެށުނު އެއްޗެއްގެ ސަބަބުން އޭނާގެ ސިކުނޑިއަށް އަސަރު ކުރުވީ އެވެ.

ގެއާ ހިސާބަށް އިޒިއަންއަށް ދެވުނީ ވެސް އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށެވެ. ގޭގެ މައިދޮރުން ވަދެވުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ސިޓިން ރޫމްގައި ސޯފާގައި ތިބި ފަހީމް އާއި އަކްނިޒާގެ އިތުރުން ކިނާން އެވެ. އަނެއްފަރާތުގައި އަހްސަން އާއި ޝަޒްނާ ތިއްބެވެ.

އިޒިއަން ފެނުމާއެކު އަކްނިޒާ ކޮޅަށް ތެދުވަމުން އިޒިއަން އާއި ދިމާލަށް ހިނގައިގަތެވެ. ފަހީމް ވެސް ކޮޅަށް ތެދުވިއެވެ. ޝަޒްނާ އާއި އަހްސަން ވެސް ތެދުވަމުން އަކްނިޒާފަހަތުން ހިނގައިގަތެވެ.

ފަހީމްއަށް ބަލާލި ކިނާން އަނެއްކާ އިޒިއަންއަށް ބަލާލިއެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"އިޒިއަން ކޮށްތާކު ތަ އުޅުނީ؟ ގުޅީމަ ފޯނެއް ނަގަނީއެއްނޫން، އެންމެން ހާސްވާނެ ވަރެއް ނޭގޭތަ؟" އިޒިއަންއާ ގާތަށް ޖެހިލާ ވާހަކަ ދައްކަމުން ދިޔައިރު އަކްނިޒާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އިޒިއަންއާ މެދު ހާސް ވެ ކަންބޮޑު ވެފައި ވާވަރާ ވިސްނާވަރު އެ އަޑުން އެކަނިވެސް ހާމަވެއެވެ. އިޒިއަންގެ ގައިން އޭނާއަށް ދުވި ވަހުން މޫނު އަނެއްފަރާތަށް އަނބުރާލެވުނެވެ.

"މަންމަ އާ ބެހޭ ކަމެއްތަ އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް" އިޒިއަން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ.

"ދޮންބޭ" ކިނާން އައިސް އިޒިއަންގެ ގާތަށް ހުއްޓެމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"އަދި ކަލޭ ތީ ކާކު؟ ހޮވައިގެން ބަލާ ބޮޑުކުރި ދަރި" ނުލަފާ ވައްތަރަކަށް ހީގަންނަމުން އިޒިއަން ބުނެލިއެވެ. ކިނާން ދެވަނަ ފަހަރަށް ވެސް އިޒިއަން އާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އިޒިއަން ބުނި ޖުމްލައިން ކިނާން ގެ ހިތުގައި ޖެހިއްޖެކަން އިޒިއަން އަށް އެނގުނުނަމަވެސް އެކަމަށް ވެސް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.

"ދޭ ހަމަމިހާރު" ކިނާން ކޮށްޕާލަމުން އިޒިއަން ހަޅޭއްލަވައިގަތެވެ.

"ނާނު މަޑު ކުރޭ، ހަމަހޭގައެއް ނޫން އެހެރީ" ފަހީމް އެނބުރި އިޒިއަންއާ ދިމާލަށް ހިނގައިގަންނަން އުޅުނު ކިނާންއަށް އިޝާރާތް ކޮށްލަމުން މަޑުކުރުމަށް ބުނެލިއެވެ. އިޒިއަން ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. އެކަމުން އަކްނިޒާގެ ރުއިން އިތުރުވިއެވެ.

"ދަރިފުޅާ" އަކްނިޒާ އިޒިއަން ގާތަށް ޖެހިލުމާއެކު އިޒިއަން ހަޅޭއްލަވައިގަތެވެ. އެއާއެކު އަކްނިޒާ ފަހަތަށް ޖެހިލިއެވެ. އިޒިއަން ޖީބަށް އަތް ލާ ކުޑަ ޕެކެޓަކުން ނެގި ކުނޑި ތަކެއް ފާޑުއެއްޗެއް އަނގަޔަށް އަޅަން މަސައްކަތް ކުރިއެވެ. ވާރޭގެ ތެރޭގައި އައުމުން އެ ޕެކެޓްގައި ހުރި އެއްޗެހިވެސް ހުރީ ހިސާބަކަށް ފޯވެފައެވެ. އަކްނިޒާ އެކަން މަނާ ކުރުމުން އިޒިއަން އަކްނިޒާ ކޮށްޕާލީއެވެ. ވެއްޓެން ދިޔަ އަކްނިޒާގެ ގައިގައި ކިނާން ނުހިފެއްޓިނަމަ ވެއްޓޭނީ އިދި ފުށައެވެ. މި އަމަލުން ފަހީމް ގާތަށް އިންތިހާ ރުޅިއައެވެ. ކޮންޓްރޯލް ކުރެވެނީ ވަރަށް ހާލުންނެވެ.

"ހުއްޓާލާ މަންމާ" ކިނާން ރޮމުންދިޔަ އަކްނިޒާ އޭނާގެ ގައިގައި ލައްކޮށްލައިގެން ހުރެ ބުނެލިއެވެ. ގޭތެރޭގައި އެއް އަޑަކަށް އަކްނިޒާގެ ރުއިމުގެ އަޑު ހަރުލާފައި ހުރިއިރު ޝަޒްނާ އާއި އަހްސަން ވެސް ތިބީ މާޔޫސްވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހްސަން ވެސް އެއްޗެކޭ ބުނަން އުޅުމާއެކު އިޒިއަން އިނގިލި ދިއްކޮށްލީ އިންޒާރެއް ދޭ ފަދައަކުންނެވެ. އަދިވެސް އޭނާގެ ސިކުނޑީގައި ވަނީ ރޭގެ ހާދިސާ އެވެ. ފަހީމް ކުރިއަށް ޖެހިލާ އިޒިއަންގެ ގައިގައި ޖަހަން އަތް މަޅާލިއެވެ. އެހެންނަމަވެސް އަހްސަން ހިފެއްޓީ މިގަޑީގައި އިޒިއަންއާ ކުރިމަތިލުން ރަނގަޅު ނުވާނެތީއެވެ. އަމިއްލަ ބޭބެއަށް ލިބެމުންދާ ހިތާމަތަކާހެދި އަހްސަން ވެސް ހުރީ ގޮތް ހުސްވެފައެވެ. ޕެކެޓް އެއްކޮށް އަނގަޔަށް އަޅާލުމާއެކު އިޒިއަންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަނެއްފަހަރު އެ ޕެކެޓަށް ބަލާލަމުން ވަސް ބަލާލާ އެތެރެއަށް ނޭވާ ދަމާލި ގޮތުން އަކްނިޒާއަށް މޫނު އަނބުރާލެވުނެވެ.

ނުލަފާ ވައްތަރަކަށް އިޒިއަންއަށް ހެވެން ފެށުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ބައިވަރު އިހްސާސް އެއްވި ވަގުތުކޮޅެކެވެ. ކުރިމަތީގައި ތިބި މީހުންގެ މޫނުމަތިން ފެނުނު އިޙްސާސާ އަސަރުތަކުން އޭނާއަށް ބޮޑު އުފަލެއް ލިބިގެން ދިޔައެވެ.

"ޚަބަރުދާރު! ތިޔަ ވިޔާނުދާ އަމަލުކުރަން ހަމަ މިހާރު މިގޭން ނުކުމޭ، ތި ކަހަލަ މީހަކަށް މިގޭ ހަތަރު ފާރުގެ އެތެރޭގައި ޖާގައެއްނެތް، ތަރުބިއްޔަތުގަ ކޮންކަމެއް އުނިވެގެން ބާއޭ އަހަރެންގެ ހިތަށް އަރާ މި އުޅުން ހިޔާރު ކުރީ...." ފަހީމް އައިސް އިޒިއަންގެ އަތުގައި އޮތް އެތި ދުރަށް އެއްލާލަމުން ހަރުކަށިކަމާއެކު ވާހަކަ ދެއްކިއެވެ. އިޒިއަން ހީ ގަތުމާއެކު ފަހީމް އިޒިއަންގެ ކަންފަތް މައްޗަށް ހޫނު ހަމަލާއެއް ދިނެވެ. ކޯތާފަތުގައި އަތް އަޅައިގެން ހެމުން ހެމުން އިޒިއަން އެތެރެއަށް ވަދެގެން ދިޔައީއެވެ. ލަދުވެތިކަމުގެ ކަންފުޅެއްވެސް އޭނާގެ ގައިގައި ނުވެއެވެ. ގޮސް ކޮޓަރިއަށް ވަނުމާއެކު އޭނާއަށް އެނދުމައްޗަށް ވެއްޓިގަނެވުނީއެވެ. އެއާއެކު އޭނާގެ ހުވަފެނީ އާލަމަށް ގެނބެވި ހައްޔަރުވެއްޖެއެވެ. ނިދީގެ ފޮނި އާލަމަށް ގެއްލުނީކަމެއް ނޫނީ ހޭނެތިގެން ވެއްޓުނީކަމެއް ނޭނގެއެވެ.

*****

"އިޒް ކީއްވެ ތި ރޮނީ؟؟؟" އަނާލް ހަމަ ރަނގަޅަށް ވެސް ހާސްވެއްޖެއެވެ. އިޒިއަން އިނީ އޭނާގެ ގޮނޑީގެ ކުރިމަތީގައި ދެކަކޫ ޖަހާލައިގެން އިށީނދެ އަނާލްގެ އުނގުގައި ބޯ އަޅައިގެންނެވެ. އިޒިއަންގެ މަޑު ގިސްލުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއެކު އަނާލްއަށް އިޒިއަންގެ ބޮލުގައި ފިރުމާލެވުނެވެ.

"ވަޓް ހެޕެންޑް؟" އޯގާތެރިކަން އެކުލެވޭ އަޑަކުން އަނާލް އިޒިއަން އާއި ސުވާލުކޮށްލިއެވެ. އިޒިއަންގެ ލޮލާ އޭނާގެ ލޮލާ އަމާޒުވި ވަގުތު އިޒިއަންގެ ލޮލުން އޭނާއަށް ފެނުނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ރަތްވެފައިވާ ދެލޮލުން އަނާލްއަށް އެތަކެއް ވާހަކައެއް ކިޔައިދޭން މަސައްކަތް ކުރާ ފަދައެވެ. އެހެންނަމަވެސް އޭނާ އަނާލްއަށް އެވާހަކަތައް ކިޔައިދޭނީ ކޮން ދުލަކުން ހެއްޔެވެ؟ އެ ހިތްވަރެއް އޭނާގެ ނެތެވެ. އެއަށް ވުރެ ބޮޑަށް އޭނާ ވަނީ ބަލިކަށިވެފައެވެ. އަނާލް އޭނާއަށް ބަލާލަން އެދުމުން އެކަން ވެސް އިޒިއަންއަށް ނުކުރެވުނީ އެ ހިތްވަރު ނުލިބުމުންނެވެ.

"ނާލް...." އިޒިއަންއަށް އަނާލްއަށް ގޮވާލުމާއެކު މާފަށް އެދެވުނެވެ.

"އަހަރެން މާފު ކުރާނަމޭ އިޒް އަށް.... ކިހިނެތްތަ ވީ؟" އަނާލްއަށް ބުނެވުނެވެ.

އިޒިއަންއަށް ކިހިނެތްވީހެއްޔެވެ؟ އަނެއްކާ އަނާލްއަށް ނޭނގޭ ބޮޑުކަމެއް ހިނގާފައި ވަނީހެއްޔެވެ؟.

"ނާލް! މިހާރު ތިހެން ބުނާނެ، އެކަމަކު ހަގީގަތް އެނގުމަށްފަހު ނާލްގެ ނަފްރަތު ނޫން އެހެން އެއްޗެއް އަހަރެންނަކަށް ނުލިބޭނެ.... އެ ނަފްރަތަށް ކެތް ކުރާނީ ކިހިނެތް؟ މި ހިތަކީ އަހަރެންގެ ބާރު ފޯރާ އެއްޗެއް ނޫން... ތި ނަފްރަތުގެ ދިލަ ހޫނުކަމަށް އަހަރެން ކެތް ކުރާނީ ކިހިނެތް؟ ނާލްގެ މާފު އަހަރެންނަށް ހައްގެއް ނޫން... ނާލްއަށް ނޭނގުނަސް ނާލްގެ ދިރިއުޅުން ގެއްލުނީ އަހަރެންގެ ސަބަބުން، ތި ހިތާމަތަކުގެ ފަހަތުގައިވި މީހުންގެ ތެރޭގައި އަހަރެންގެ ޝާމިލްވުން ވެސް ހިމެނޭ، ނާލްއަށް ލިބުނު ކޮންމެ ޒަހަމެއްގެ ފަހަތުގައި ވާ ލަކުނަކީ އަހަރެންވެސް ހިމެނޭ ގޮތަށް ނާލްއަށް ދެވުނު އަނިޔާއެއް، ތި ހިތުގައި އެޅުނު ކޮންމެ ކޫރުމެއްގެ ޒިންމާ އަހަރެންވެސް ނަގަން ޖެހޭނެ. މިހުރިހާ ވާހަކަތަކެއް އަހަރެން ކިޔައިދޭނީ ކޮން ދުލަކުން ކަމެއް ނޭނގެ... " އިޒިއަންގެ ހިތަށް އަރަމުން ދިޔަ އެއްވެސް އެއްޗެއް ދުލާ ހިސާބަކަށް ނައެވެ. ހީވަނީ ބާރުގަދައަތަކުން އޭނާގެ ދުލުގައި ހިފާ ވާން ކޮށްފައި ވާހެންނެވެ.

"އިޒް! ކިހިނެތްތަވީ؟" އަނާލްއަށް ބާރަށް އަހާލެވުނެވެ. އޭނާގެ ކެތްތެރިކަން ވެސް ކޮޅުން ލަނީއެވެ.

"ނާލް! އަހަރެން، އަހަރެން މި މަސައްކަތައް އެހާ އެއްބާރުލުން ދެނީ ކީއްވެގެންހޭ ނާލް އެހީމެއްނު... އިނގެން ބޭނުންތަ އެއީ ކީއްވެގެންކަން؟، ނާލްއަށް އެހީތެރި މިވަނީ ކީއްވެގެންކަން އެނގެން ބޭނުންތަ؟، އަހަރެން ނާލް ދެކެ ލޯބިވާތީ، ވަރަށް ބޮޑަށް، އެކަމަކު އަހަރެން ސިއްރުކޮށްފަ އޮތް ވަރަށް ބޮޑު ހަޤީގަތެއް ކިޔައިދިނިއްޔާ ނާލް އަހަރެންނާއެކު ވާނަންތަ؟ ނާލްގެ މައާފު އަހަރެންނަށް ލިބޭނެތަ؟" އިޒިއަންއަށް ސުވާލު ކޮށްލެވުނެވެ. އަނާލް ބޯ ޖަހާލީ އޭނާ މިއިނީ އަޑު އަހަންނޭ ބުނަމުންނެވެ. އޭރު އެ ހިތް ނޭނގޭ ބާރު މިނުގައި ތެޅެމުން ދިޔައެވެ.

"ބުނޭ އިޒް، އަހަރެން އަޑު އަހާނަން، އިޒް އާއެކު ހުންނަން އަހަރެން ވައުދުވަން" އަނާލް އިޒިއަންގެ އަތުގައި ހިފާލިއެވެ. އިޒިއަންގެ މޫނުމަތިން އޭނާ ގެއްލިދާނެތީ ބިރުގަނެފައި ވި މިންވަރު ހާމަވެގެން ދިޔައެވެ. ހަމައެކާއެކު އޭނާދެކެ ވާ ލޯބި ކޮންމެ ބަހަކުން ހާމަވެގެން ދެއެވެ.

"ނާލް.. އަހަރެންނަކީ ކުރިން... ޑްރަގް... ޑްރަގް އެޑިކްޓެއް... ރާބުއިމާ ޑްރަގް ބޭނުން ކުރުމުގައި އަހަރެން، އަހަރެން އުޅުނީ އެންމެ ކުރީގައި....." އިޒިއަންގެ އަޑު ކުރެހުނެވެ. އިޒިއަން އިސްޖަހާލިއެވެ. ދެލޯ މަރާލާ ހާމަކޮށްލި ހަޤީގަތުން އަނާލްގެ ފަރާތުން ޖަވާބު އަންނާނޭ ގޮތެއް ލަފާކޮށްލަން އިޒިއަން އަކަށް ނޭނގެއެވެ.

"އަހަރެންނަށް އެއާ ނުލާ އޭރަކު ނޫޅެވޭ، ރައްޓެހިންކަމަށް ދެކެވުނީ އެފަދަ މީހުން، މަންމަމެންގެ ނަސޭހަތެއް އޭރު އަހަރެންގެ ކުރިމަތީގައި ނުވިކޭ، އެއަށްވުރެ އަހަރެންނަށް އަހަރެންގެ ރައްޓެހިން މުހިންމި ވި، އެންމެފަހުން އަހަރެން ވެސް އެކަމުގެ ހަލާކުވެގެން ދިޔައީ، އެކަމަކު ނާލް!މިހާރު އަހަރެން މިހިރީ ފަރުވާ ހޯދާ އެއްކޮށް ރަނގަޅު ވެފަ.... އޭރު އުޅުނު ވިޔާނުދާ ދިރިއުޅުން ދޫކޮށްލައިފިން.... ނާލް އާއެކު އުޅޭއިރު އަހަރެންނަށް އިހްސާސް ވަނީ ބޮޑު އޮޅުވާލުމެއްގެ ތެރޭގަ ބެހެއްޓޭކަމަށް، މިހިތަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭ" އިޒިއަން ހަޤީތަކުން ކުޑަމިންވަރެއް އަނާލްއާ ހިއްސާކޮށްލިއެވެ. ހުރިހާ އެއްޗެއް ކިޔައިދޭނެހޭ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އަނާލްގެ ނަފްރަތަށް ކެތް ކުރެވޭނެހާ ހަކަތައެއް ނެތެވެ. ބިރުގަންނަނީ ލޯބިވާތީއެވެ. އަނާލްއާ އެކު ހަޔާތުގެ ބާކީ ބައި ވޭތުކުރަން ބޭނުންވާތީއެވެ. އަނާލް އޭނާގެ ހިފައްޓާލާފައިވާ އަތަށް ކުޑަ ދުލެއް ދިންކަން އިޒިއަންއަށް އިނގުނެވެ. އެކަމުން ވެސް އޭނާއަށް ނުތަނަވަސް ކަމެއް ލިބުނެވެ.

އެތައް އިރެއް ވީއިރުވެސް އަނާލް އަނގައިން ނުބުންޏެވެ. އެހެންކަމުން އިޒިއަންއަށް ލިބުނު ހާސްކަން ދެގުނަ ވެގެން ދިޔައެވެ. އޭނާ މާޔޫސްވެފައިވާ ހިތަކާއެކު އިސްއުފުލާލާ އަނާލްއަށް ބަލާލިއެވެ.

އަނާލްގެ މޫނުމަތިން ފެނުނު އިޙްސާސް ދެނެގަންނަން އޭނާ ނުކުޅެދުނެވެ. އެ މޫނުމަތިން ނުރުހުންވުމެއް އަދި ހިންހަމަ ނުޖެހުމެއްވެސް ނުފެނެއެވެ.

"ނާލް" އަނާލް އިން ގޮތުން އިޒިއަން އަނާލްގެ އަތް ނަގާ އެ އަތުގެ ތެރޭގައި ހައްޔަރު ކޮށްލަމުން ވާހަކަ ދެއްކިއެވެ.

"ނާލް ކޮންމެވެސް އެއްޗެއް ބުނެބަލަ، ޕްލީޒް" އިޒިއަންއަށް އެންމެ ފަހުން އަނާލްގެ ގައިގައި ހިފާ ތަޅުވައިގަނެވުނެވެ.

"އަހަރެންނަށް މާފު ކޮށްދޭނަންތަ؟" އިޒިއަން އަހާލިއެވެ. އޭރު އެ އަޑަށް ވެރިވި ތުރު ތުރު އެޅުމާއެކު އޭނާއަށް ވާހަކަ ދެއްކުނީ ކިރިއަ ކިރިޔާއެވެ.

"އިތުރު އެއްވެސް ކަމެއް އަހަރެންނަށް ސިއްރުކޮށްފަ އޮންނާނެތަ އިޒް" އަނާލް އިޒިއަންއަށް ބަލާލީ ފުން ނަޒަރަކުންނެވެ. އެއާއެކު އިޒިއަންއަށް ލިބުނު ސިހުމާއެކު އަނާލްގެ އަތަށް ކުޑަ ދުލެއްދެވުނެވެ. އަނާލް ބަލަން އިންގޮތުން އޭނާގެ ހިތް މެތޭރެއިން ނުކުމެ ފުންމާލަފާނެހެން ހީވިއެވެ. އަނެއްކާ އޭނާ ނުކިޔައިދެނީސް އަނާލްއަށް ހަޤީގަތް އެނގުނީހެއްޔެވެ؟ ކިހިނެތް ހެއްޔެވެ؟ އޭނާއަށް ލިބުނު ޝޮކުގައި އަނާލްއާ ދިމާލަށް ބަލަން އިންދާ ސިހުނީ އަނާލް ދެން ކޮށްލި ކަމަކުންނެވެ.

*****އެއް އަހަރު ފަސް******

ހަވީރުގެ ވަގުތެވެ. މަގުތައް މަތީގައި އާދަޔާ ހިލާފަށް މީހުން ގިނައެވެ. ހާއްސަކޮށް ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރާ ދިމާލުގައި އާދަޔާ ހިލާފަށް މީހުން ގިނައެވެ. ދިމަދިމާލުން އޭރުވެސް އެދިމާލަށް މީހުން އަންނަމުން ދިޔައެވެ. ކަލު ބިއްލޫރި ޖަހާފައިވާ ޕްރައިވެޓް ކާރުތައް ވެސް އެހާ ގިނައެވެ. އެ ހިސާބުގައި ޓްރެފިކް ފުލުހުން ފޯރިމަރަމުން ދިޔައެވެ. އެ ހިސާބަށް އަންނަ ކާރުތަކަށް ދާންވީ މިސްރާބު ބުނެދެމުން ދިޔައީ ޓްރެފިކް ފުލުހުންނެވެ. އެއްބައި މީހުން އަންނަމުން ދިޔައީ ފުރިހަމަ އިއްޒަތުގައެވެ. އެ ހިސާބުން ފެންނަ ގިނަމީހުން ފެންނަނީ ރަސްމީ ހެދުމުގައެވެ. ފިރިހެނުން ކޯޓް ފަޓްލޫނުގައި ތިބިއިރު އަންހެނުން ފެންނަނީ ރަސްމީ ހަފްލާތަކަށް ދިވެހިންލާ ދިވެހި ހެދުމުގައެވެ. ކޮންމެ މީހަކުވެސް އެހާ ނަލައެވެ. މަގުމަތީގައި އެއްވެފައި ތިބި މީހުން އެމީހުންގެ ފޯނު ތަކުގައި އެ މަންޒަރު ރައްކާކުރަމުން ދިޔައިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ.

ނޫސްވެރިންވެސް އެހާ ގިނައެވެ. މައިކުތަކާއި ކެމެރާތަކާއެކު އެކި ޗެނަލްތަކުގެ ނޫސްވެރިން ހަރަކާތްތެރިވަމުން ދިޔައީ ވާދައަށްހެން ހީވެއެވެ. އެއްބަޔަކަށް ވުރެ ކުރިން އަނެއްބަޔަކު ހަބަރު ލިބޭތޯ އަތް ފުނާ އަޅަމުން ދިޔައެވެ. އެމީހުންގެ ކެމެރާތަކުގައި އެ މަންޒަރު ރައްކާކުރަމުން ދިޔައެވެ. އެތަނަށް އެއްވެފައި ތިބި ބައެއް މީހުންގެ އިންޓަރވިއުވެސް ނެގިއެވެ. އެމީހުންގެ ޝުއޫރުތަކެވެ. އެއްބައި ޗެނަލް ތަކުން އެ މަންޒަރު ލައިވް ކުރަމުން ދިޔައެވެ. އެންމެންގެ މޫނުމަތިންވެސް ވެސް ފެންނަނީ ތަފާތު ޝުއޫރެކެވެ. އުފާވެރި އިޙްސާސްއެކެވެ. އެހިސާބަށް އައިސް މަޑުކޮށްލި ކަނޑު ނޫކުލައިގެ ކާރު ހުއްޓާލުމާއެކު ކެމެރާތަކުގެ ލެންސް އެދިމާލަށް އަނބުރާލެވިއްޖެއެވެ. ނޫސްވެރިންގެ ސަފުތައް ކުރިއަށް ޖެހިލިއެވެ. މައިކުތައް އަތަށް ހެޔޮ ވަރު ކޮށްލިތަން ފެނުނެވެ.

މީހުންތަކުގެ ނަޒަރުތައް އެދިމާލަށް ހުއްޓިގެން ދިޔައެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އެތެރޭން ނުކުންނަ މީހާ ފެންނާނޭ އިރަކަށެވެ. ކާރުގެ އެއްފަރާތު ދޮރު ހުޅުވާލާފައި ނުކުތް ޒުވާނާއަށް އެންމެންގެ ތޫނު ނަޒަރު އަމާޒުވިއެވެ. ލާފައި ހުރީ ހުދުކުލައިގެ ގަމީހެކެވެ. މަތިން ކަޅު ކުލައިގެ ސޫޓެކެވެ. އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ގިނަ އަންހެން ކުދިންގެ ދޫ ތަކުން ތައުރީފްގެ ބަސްތައް ގުގުމަމުން ދިޔައެވެ. ސޫޓް ރަނގަޅު ކޮށްލަމުން އޭނާ ހަށިފުރާ ނޭވާއެއްދޫކޮށްލިއެވެ. އަވި އައިނަކުން ފޮރުވާލާފައިވާ ލޯ އައިނު ނެގުމާއެކު ހާމަވެގެން ދިޔައެވެ. ވަށައިގެންވީ މާހައުލަށް ބަލާލުމާއެކު އޭނާއަށް ވެސް ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލެވުނެވެ.

"އަލްޙަމްދު ﷲ" ވައި އަޑުން އޭނާގެ ތުންފަތް ދޭތެރެއިން އެ އަޑު އިވިލިއެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އަނެއްފަރާތުގެ ދޮރުފަތް ހުޅުވާލަދިނެވެ. އެއާއެކު އެނާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

(ނުނިމޭ...)

https://sun.mv/115875

comment ކޮމެންޓް