މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރުކަމުން ރޮޒެއިނާ ވަކި ކުރަން ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ކަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަކި ކުރަން މިއަދު ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ މެދު ބޭއިންސާފުން، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ހާޒިރުކޮށްދޭން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ހުށަހަޅާފަ އެވެ. މިއަދު އެ މައްސަލާގައި ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ.

ޕީޕީއެމް އަދި ކޮންގްރެސް ޕާޓީން ބޭއްވި ޕްރެސްގައި ކޮންގްރެސް ޕާޓީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލަ އެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވި ކަމަށެވެ.

"އެ ކޮމިޓީން އެ މައްސަލަ ތާވަލުކޮށް މިއަދު އެ ކޮމިޓީގެ ޖަލްސާއެއް ބޭއްވި. ބާއްވާފައި ކޮމިޓީގެ މުގައްރިރު ރޮޒެއިނާ ވިދާޅުވަނީ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް. އަދި ގާނޫނީ ލަފާވެސް އެއަށް ހޯދަން ޖެހޭ ކަމަށް،"

އޭނާ ވިދާޅުވީ، އެކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު ކަމުން ރޮޒައިނާ ވަކި ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

"އެހެން އެކަން ހިނގުމާ ގުޅިގެން އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިމެނޭ ތިން މެމްބަރުންގެ ސޮޔާ އެކީގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަމުން ރޮޒައިނާ ވަކި ކުރަން ހުށަހަޅައިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުން ބޭނުންވާ ކަންތައްތައް މަޖިލީހުގެ ކޮމިޓީތަކުން ނުކުރުމަކީ މައްސަލައެއް ކަމަށެވެ. އަދި އޭރު އިދިކޮޅުގައި ތިއްބެވި މެމްބަރުން މިހާރު ކަންތައްތައް ކުރަމުން ދަނީ އޭރު އެ ބޭފުޅުން ވަކާލާތު ކުރި ކަންތައްތަކާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިޝާމް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުމުގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެކްޓިން ސީޕީ މުހައްމަދު ހަމީދުވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް