މަޖީދިއްޔާ ސްކޫލުގެ ކުރިމަތީ އޮންނަ ހުސްބިން ޕާކިން އޭރިއާއަކަށް ބަދަލުކުރަން ނިންމައިފި

މަޖީދިއްޔާ ކުރިމަތީ އޮތް ހުސްބިން-- ފޮޓޯ: ޕީއެސްއެމް ނިއުސް

މަޖީދިއްޔާ ސްކޫލުގެ ކުރިމަތީ އޮންނަ ހުސްބިން ސައިކަލް ޕާކިން އޭރިއާއަކަށް ހަދަން މާލޭ ސިޓީ ކައުންސިލް އިން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ސަން" އަށް ވިދާޅުވީ އެތަން ސައިކަލް ޕާކިން އޭރިއާ ބަދަލުކުރާއިރު އެތަނުގައި މީހުންނަށް އިށީނދެލައިގެން ތިބެވޭ ގޮތަށް ވެސް ހަދާނެ ކަމަށެވެ.

"އެތަނުގެ ޑިޒައިން ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިގެންދަނީ. އަޅުގަނޑުމެން ވަނީ އާންމުންގެ ގިނަބައެއްގެ ހިޔާލު ވެސް އެކަމުގައި ހޯދައިފައި. ގިނަ ބަޔަކު އެތަން ފެހިކޮށް ގަސްތައް ހައްދައިފައި އޮންނަން ބޭނުންވޭ." އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާ ކުރިމަތީ އޮންނަ ހުސްބިމަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒު ކުރިން ހުރި ބިމެވެ. ނަމަވެސް ފަހުން އެތަން ވަނީ އުވާލައިފަ އެވެ.

އެމްއެމްއޭ ކައިރީގައި އޮންނަ އެމްޓީސީސީގެ ކުރީގެ ހެޑް އޮފީސްގެ އިމާރާތް ވަގުތީ ޕާކިން އޭރިއާއަކަށް ހަދަން ވެސް މާލޭ ސިޓީ ކައުންސިލްއިން ދާދި ފަހުން ވަނީ ނިންމައިފަ އެވެ.

މާލޭގައި ދުއްވާ އުޅަނދުތައް ޕާކްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލްއިން މިހާރު ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ކުރިން ޕެލެޓްތައް ޖަހާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އޭގެ ބަދަލުގައި ދުވާރު ކައިރީ ރޭމްޕްތައް ހެދުމަށް ސިޓީ ކައުންސިލްއިން މިހާރު ދަނީ މަަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް