ބިގް ކުންފުންޏަށް އެމްއެންބީސީ އިން ދައްކަން ޖެހޭ 78 މިލިއަންގެ ތެރެއިން 30 މިލިއަން ރުފިޔާ ދައްކައިފި

ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތް --- ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓްކޮށްގެން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ލިބެން ޖެހޭ 78 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމާ އެއްގޮތަށް އެ ކުންފުންޏަށް ފައިސާ ދައްކަން ޕަބްލިކް ސާވިސް މީޑިއާ އިން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ ޕީއެސްއެމް އިން މިހާރު ވަނީ ބިގް ކުންފުންޏަށް ދައްކައިފައެވެ.

އެ ހުކުމުގައި ވަނީ އެމްއެންބީސީ އާއި ބިގާ ދެމެދު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. މި އަދަދު އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ އެވެ. ޖޫރިމަނާއާ އެކު 78 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

އެމްއެންބީސީގެ މައްޗަށް އޭރު ހުކުމްކޮށްފައި ވަނީ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު މިރޭ ސަން އަށް ވިދާޅުވީ އެ ފައިސާ ބިގް ކުންފުންޏަށް ދައްކަން ފަށާފައިވަނީ އެމްއެންބީސީ އާއި އެމްބީސީގެ މުދަލުގެ ޒިންމާ ނަގަންޖެހޭނީ ޕީއެސްއެމް އިން ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ކަނޑައަޅާފައިވާތީ ކަމަށެވެ.

"2016 ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 78 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދެއްކުމަށް. އަދި ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް 55000 ރުފިޔާގެ ޖޫރިމަނާ އެއް ވާނެ ކަމަށް. ފައިސާ ދައްކަން ނިންމުމާ ހަމައަށް 130 މިލިއަން ދައްކަން ޖެހޭ،" އަލީ ހާލިދު ވިދާޅުވީ ޕީއެސްއެމް އާއި ބިގް ކުންފުނިން ކުރި މަޝްވަރާތަކަށްފަހު، ޖޫރިމަނާއަށްވާ ފައިސާ މައާފުކޮށްދިނުމަށް ބިގް އިން ނިންމާފައިވާ ކަމަށެވެ.

"އެ ކުންފުނިން ދިން އޮފާ އަކީ ކޯޓުން ހުކުމް ކުރި 78 މިލިއަން ދެއްކުމަށް،" ޕީއެސްއެމްގެ އާ ބޯޑުން ހަވާލުވިއިރު ކުންފުނީގެ ބޮޑެތި ދަރަނިތައް ހުރި ކަމަށާއި އެ ދަރަނިތައް ދެއްކުމަށްވެސް ފިނޭންސް މިނިސްޓްރީ އާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

"އެންމެ ދުވަސްވީ އެންމެ ބޮޑު ދަރަންޏަކަށް އޮތީ ބިގް ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ ކަމަށްވާތީ އެ ފައިސާ އެންމެ ފުރަތަމަ ދައްކަން ނިންމީ،" އަލީ ހާލިދު ވިދާޅުވީ ފައިސާ ދައްކާނީ ފިނޭންސްއިން ފައިސާ ހޯދައިގެން ކުންފުނިން ކަމަށާއި ފައިސާ ދައްކާ ނިންމާނީ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ކަމަށެެވެ.

މިއީ ސާބިތު ދަރަންޏެއް ކަމަށާއި ދަރަނީގެ ފައިސާ ދައްކަނީ ގަވައިދާ ގާނޫނުގެ ތެރެއިން ކަމަށް އަލީ ހާލިދު ވިދާޅުވިއެވެ. އަދި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އޮތް މުއްދަތުގައި ކުރީގެ ބޯޑުން އެ ހުކުމް އިސްތިއުނާފު ކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިޒްނަސް އިމޭޖް ގްރޫޕަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

https://sun.mv/75711

comment ކޮމެންޓް