ހިންނަވަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދެފި

ރައީސް ސޯލިހު ހިންނަވަރު ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ޅ. ހިންނަވަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަމަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދެފިއެވެ.

ކައުންސިލުން މިފަދައިން އެދިފައިވަނީ މިއަދު ރައީސް ސޯލިހާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. ހިންނަވަރު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަމަށް ބަދަލު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ކައުންސިލން ވަނީ ރަށުގައި ހުރި ދަތިތަކާ، ރައްޔިތުން ބޭނުންވާ ކަންތައް ރައީސް އާ ހިއްސާ ކުރައްވައިފައެވެ. އެގޮތުން ރަށުގައި ގޯތިގެދޮރުގެ ދަތިކަން އެބަހުރި ކަމަށާއި ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ކައުންސިލުން ވަނީ ރައީސް އަރިހު އެދިވަޑައިގެންފައެވެ.

އަދި ހިންނަވަރު ފުޓުބޯޅަދަނޑާއި ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްޤީކުރަން ރަށުގެ ޒުވާނުން ބޭނުންކަމަށާއި ފެރީގެ ނިޒާމު ހަރުދަނާކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން ވަނީ ރައީސް އަރިހު އެދިވަޑައިގެންފައެވެ. އަދި ކައުންސިލު އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަންވެސް ރައީސް އާ ވަނީ ހިއްސާ ކޮށްފައެވެ.

ރައީސް ސޯލިހުގެ އުފަންރަށް ހިންނަވަރު ކައުންސިލާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލެއްވުން ދެއްވައި، ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް