ކުރިކެޓް އެވޯޑްސްގެ ހައްގުވެރިންނަށް އިނާމް ދީފި

ކްރިކެޓް އެވޯޑް ހަފްލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިއާ ޔޫސުފް އަޒްޔާން ފަރުހަތު އަށް ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ --- ފޮޓޯ/ ކުރިކެޓް އެސޯސިއޭޝަން

ވޭތުވެ ދިޔަ އަހަރުގެ ކުރިކެޓް އެވޯޑްސް ހާސިލް ކުރި ހައްގުވެރިންނަށް އިނާމު ދިނުމުގެ ހަފްލާ ރޭ ބާއްވައިފި އެވެ.

ގިޔާސުއްދީން ސްކޫލުގައި ރޭ ބޭއްވި ކްރިކެޓް އެވޯޑް ހަފުލާގައި ބައިވެރިންނަށް އިނާމު ދެއްވަވާފައިވަނީ ކުރިކެޓް ކުޅުމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ދިވެހި ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ކްރިކެޓް އެވޯޑް ހަފްލާގައި އެންމެ މޮޅު އަންހެން ކުޅުންތެރިއާ އައިޝަތު އައިމާ އަށް ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިނާމް ދެއްވަނީ --- ފޮޓޯ/ ކުރިކެޓް އެސޯސިއޭޝަން

ރޭ ގެ އެ ހަފްލާގައި ގިނަ ކްރިކެޓް ކުޅުންތެރިންތަކެއްގެ އިތުރުން ކްރިކެޓްއަށް އެކި ރޮނގު ރޮނގުން ހިދުމަތްތެރިވާ ފަރާތްތަކަށް ވަނީ އިނާމުތަކެއް ލިބިގެން ގޮސްފައެވެ. މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ފިރިހެން ކްރިކެޓް ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޔޫސުފް އަޒްޔާން ފަރުހަތު އެވެ. އޭނާ ވަނީ ފިރިހެން ކެޓަގަރީ އިން އެންމެ މޮޅު ބެޓްސްމޭން ގެ މަގާމު ވެސް ހޯދާފައެވެ.

އުމުރުން 18 އަހަރުގެ އަޒްޔާން ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާގެ ކުރިކެޓް ޕްރިމިއާ ލީގުގައި ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. ގްރީންވޭލްސް ކެންގަރޫ ފަދަ އޮސްޓްރޭލިއާގެ ބޮޑު ކުލަބަކަށް ކުޅުމުގެ އިތުރުން އޭނާ ވަނީ އެގައުމުގެ ބިގް ބޭޝްގައި މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދާފައެވެ. ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފަރުހަތު ޖަލީލްގެ ދަރިފުޅު އަޒްޔާން ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޓީޓްވެންޓީ ދެ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ވޭތުވެ ދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު އަންހެން ކުރިކެޓް ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިޝަތު އައިމާ އެވެ. ފުވައްމުލަކުގައި ބޭއްވި ކްރިކެޓް ޔޫތު ޑިވެލޮޕްމަންޓުން ޕްރޮގްރާމް އަކުން މީގެ ދެއަހަރު ކުރިން ވިދާލި އައިމާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު އުކުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މީގެ އިތުރުން ފިރިހެން ކެޓަގަރީއާއި އަންހެން ކެޓަގަރީގެ ވަކި ވަކި ޑިޕާޓްމެންޓް ތަކަށް ވެސް ކުޅުންތެރިންގެ ތެރެއިން ފާހަގަ ކުރެވޭ އެންމެ މޮޅެތި ކުޅުންތެރިންނަށް ވަނި އިނާމް ދީފައެވެ. އެގޮތުން ފިރިހެން ކެޓަގަރީގެ އެންމެ މޮޅު އުކުންތެރިއަކަށް ހޮވިފައި ވަނީ ގައުމީ ކެޕްޓަން މުހައްމަދު މަހަފޫޒެވެ. އަންހެން ބައިން އެންމެ މޮޅު ބެޓްސްވުމަން އަކަށް ހޮވުނީ ސަމިއްޔާ ހަމީދެވެ.

ދެ ކެޓަގަރީގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ އުންމީދީ ދެ ކުޅުންތެރިންނަށް ހޮވުނީ އައިޝަތު ހަމްޒާއާއި އާދަމް ނާސިފް އުމަރެވެ.

މިދިޔަ އަހަރުގެ ކުރިކެޓް ޑިވެލޮޕްމަންޓް އެވޯޑް ޏ. ފުވައްމުލަކުން ހޯދި އިރު އެންމެ މޮޅު ކުލަބަކަށް ހޮވުނީ އެ ރަށުގެ ސީބީއެލް ސްޕޯޓްސް އެވެ. އަދި އެންމެ ހިދުމަތްތެރި ކޯޗަކަށް ހޮވުނީ ލިރުގާމް ސައީދު (ލަރޭ) އެވެ.

މީގެ އިތުރުން ވެސް ކުރިކެޓްގެ އެކި ދާއިރާތަކުން ފާހަގަ ކުރެވޭ ފަރާތްތަކަށް ވަނީ އިނާމް ދީފައެވެ.

comment ކޮމެންޓް