މެސީގެ 50 ވަނަ ހެޓްރިކް، ބާސެލޯނާގެ ތަފާތު!

ބާސެލޯނާއާއި ސެވިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން ބާސާ ކުޅުންތެރިން ގޯލު ޖެހުމަށްފަހު --- ފޮޓޯ / ޖޯ ރައިޓް

ލިއޮނެލް މެސީގެ 50 ވަނަ ހެޓްރިކާއި އެކު ފަހަތުން އަރާ ބާސެލޯނާއިން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ސްޕެނިޝް ލީގު (ލަ ލީގާ) ގައި ސެވިއްޔާގެ ރަމޯން ސަންޗެޒް ޕިއުޖަން ސްޓޭޑިއަމްގައި ބާސެލޯނާ ކުރި ހޯދާފައިވަނީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއި އެކު ބާސެލޯނާ ވަނީ ތާވަލުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި ރޭ މެޗުން ބަލިވި ސެވިއްޔާ ވަނީ ތާވަލުގެ ފަސް ވަނައަށް ވެއްޓިފައެވެ.

ސެވިއްޔާއިން މެޗުގެ ގިނަ ވަގުތު ލީޑު ނަގައި މެޗު ޑޮމިނޭޓު ކުރަމުންދިޔަ ނަމަވެސް ޓީމުގެ އުއްމީދުތައް ފުނޑު ފުނޑު ކޮށްލީ ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެސީގެ ޖާދޫ ރޭގެ މެޗުގައި ވަނީ ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައެވެ. ތިން ގޯލުގެ ޖެހުމުގެ އިތުރުން މެޗުގެ އެންމެ ފަހު ގޯލު ޖެހުމަށް އެސިސްޓް ވެސް ކޮށްދިނީ މެސީ އެވެ.

ބާސެލޯނާއާއި ސެވިއްޔާ ބައްދަލު ކުރި މެޗުގަ ލިއޮނެލް މެސީ ގޯލު ޖެހުމަށްފަހު --- ފޮޓޯ / ޖޯ ރައިޓް

މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާއިން ވަނީ ވަރުގަދަ ކުޅުމެއް ކުޅެ ބާސެލޯނާއަށް ގިނަ އުނދަގޫތައް ކުރިމަތި ކޮށްފައެވެ. މެޗުގެ ކުރީ ކޮޅު ސެވިއްޔާގެ ކެޕްޓަން ޖީސުސް ނަވާސް ލީޑު ނަގައިދިން ނަމަވެސް މެސީގެ ހިތްގައިމު "ވޮލީ ގޯލް" އާ އެކު ބާސެލޯނާ ވަނީ ހަމަ ހަމަ ކޮށްފައެވެ. ނަމަވެސް ސެވިއްޔާގެ ކައުންޓާ އެޓޭކް ތަކުގައި ބާސެލޯނާގެ ޑިފެންސަށް "އޮބި" ނޯވެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ އެމީހުންގެ ލީޑު އަނބުރާ ނަގާފައެވެ.

އާޖެންޓީނާގެ ޑިފެންޑަރު ގެބްރިއަލް މަކާޑޯ އެ ގޯލު ސެވިއްޔާއަށް ކާމިޔާބު ކޮށްދިން އިރު ބާސެލޯނާގެ ޑިފެންސް ލައިން އޮތީ ބައިބައިވެ "ހާލި" ވެފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު ބާސެލޯނާގެ ޑިފެންޑަރު ސަމުއެލް އުމްޓިޓީ އެ މެޗުގައި ފެށި ނަމަވެސް އޭނާ ގޭމުގެ ތެރެއަށް ވަންނަން ވަގުތު ނެގިއެވެ.

ދެވަނަ ހާފަށް ބާސެލޯނާ ނުކުތީ ދެ ބަދަލަކާއި އެކު އެވެ. އެޓޭކް ވަރުގަދަ ކުރުމައްޓަކާ މެދުތެރެއަށް ކުޅެމުންދިޔަ އާތުރޯ ވިޑާލްގެ ބަދަލުގައި ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ ވަނީ ކުޅެން އަރާފައެވެ. އަދި ވިންގަކަށް ކުޅެމުންދިޔަ ނެލްސަން ސަމޭޑޯގެ ބަދަލުގައި ސާޖިއޯ ރޯބާޓޯ ވަނީ ކުޅެން ނުކުމެ ތަފާތު ދައްކާފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކަމާއި އެކު ދެވަނަ ހާފު ފެށި ނަމަވެސް މެސީގެ ފައިގައި ޖެހުނު ބޯޅަ އޭނަ ވަނީ ގޯލަށް ފޮނުވާލާ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްފައެވެ. މި ގޯލާއި އެކު ބާސެލޯނާއަށް ލިބުނު އިތުރު ހިއްވަރާ އެކު އެ ޓީމުން ވަނީ ޓީމު އިތުރަށް ކުރިއަށް ޖައްސާ ނުރައްކާތެރި ހަމަލާ ތަކެއް އުފައްދާފައެވެ. ލަސްތަކެއް ނުވެ އެ ޓީމުގެ ތިންވަނަ ލަނޑު މެސީ ޖަހައިދީ މެޗުގެ ފުރަތަމަ ފަހަރަށް ބާސެލޯނާ ލީޑު ނެގިއެވެ.

މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔަ އެ ގޯލާއި އެކުވެސް ސެވިއްޔާއިން ހިއްވަރާއި އެކު ކުޅެމުން ދިޔަ ވަގުތު އެ ޓީމުގެ ހިތްތަށް ފުނޑު ފުނޑު ކޮށްލީ މެސީ ޑިފެންޑަރުންގެ ބޯ މަތިން ލުއިސް ސުއަރޭޒްއަށް އެއްލި ބޯޅައެއް އޭނަ ގޯލުގެ ތެރެއަށް ފޮނުވާލުމުންނެވެ.

ރޭ މެޗުގައި މެސީ ހެދި ހެޓްރިކާއި އެކު އޭނަ ވަނީ ޖުމުލަ 50 ހެޓްރިކް ހަދާފައެވެ. ބާސެލޯނާއަށް 44 ހެޓްރިކް ހެދި އިރު ގައުމީ ޓީމް (އާޖެންޓީނާ) އަށް ހަ ހެޓްރިކް މެސީ ހަދާފައިވެއެވެ. މެސީއާއި ހުރިހާ ގޮތަކުން އެންމެ ވާދަވެރި ކުރިސްޓިއާނޯ ރޮނާލްޑޯ މިހާތަނަށް 51 ހެޓްރިކް ހަދާފައިވެއެވެ. އެއީ މެސީއެއް ވުރެން 150 މެޗު އިތުރަށް ކުޅެގެންނެވެ.

comment ކޮމެންޓް